ރާއްޖޭގެ ސަރަހައްދުން ގެއްލުވައިލި ބައި އަނބުރާ ހޯދޭނެ ކަމަށް ކުރީގެ ބަންޑާރަނާއިބު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިމޭރުމުން ވިދާޅުވީ ރާއްޖެ އާއި ފޯޅަވައްސާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމަކީ އިސްތިއުނާފީ ހައްގު ލިބިދޭ ހުކުމެއް ނޫން ކަމަށާއި، އެ ނިންމުން އެއްވެސް މަރުހަލާއެއްގައި ބަދަލުނުކުރެވޭނެ ކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރިއްފަތު ވިދާޅުވެފައިވަނީ، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުގެ އެއްވެސް މާއްދާއެއްގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރެވޭނެ ކަމަށް ނޯންނާނެ ކަމަށެވެ. އަދި އިޓްލޮސްގެ އެ ނިންމުމަކީ އެއްވެސް މަރުހަލާއެއްގައި ބަދަލުކުރެވޭނެ ނިންމުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކަނޑުގެ ސަރަހައްދު ފުށުއަރާނަމަ އެކަން ހައްލުކުރުމަށް އޮންނަނީ ވާހަކަދައްކައިގެންނާއި، އާބިޓްރޭޝަނުނާއި، އިޓްލޮސްއަށް ގޮސްގެނާއި، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށައަޅައިގެން ކަމަށެވެ.

އެހެންކަމުން އިޓްލޮސްގެ އެ ނިންމުމަކީ އެއްވެސް މަރުހަލާއެއްގައި ބަދަލުކުރެވޭނެ ނިންމުމެއް ނޫން ކަމަށް ރިއްފަތު ވިދާޅުވިއެވެ.

ރިއްފަތުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އާޒިމާ ވިދާޅުވީ، އިޓްލޮސްގެ އިޖުރާއީ އުސޫލުތަކުގެ 126 ވަނަ މާއްދާގައި ބުނެފައިވަނީ، އިޓްލޮސްގެ ނިންމުމެއްގެ ދާއިރާ (ސްކޯޕް) ނުވަތަ މާނައާމެދު ޚުޞޫމަތެއް އުފެދޭ ހާލަތުގައި އެ މައްސަލައިގެ ނިންމުން ތަފުސީރުކުރަން ހުށަހެޅޭނެ ކަމަށެވެ. އަދި އެ އުސޫލުތަކުގެ 127 ވަނަ މާއްދާގެ ދަށުން، ހުކުމްކުރި މަރުހަލާގައި އިޓްލޮސްއަށް އަދި މައްސަލައިގެ ޚަޞްމުންނަށް އޭގެ ތަބީއަތުގައި އެނގިފައި ނެތް ވާޤިއާއެއް އެނގިއްޖެ ހާލަތުގައި އިޓްލޮސްގެ ނިންމުމެއް މުރާޖައާކުރަން އެ ޓްރައިބިއުނަލަށް ހުށަހެޅިދާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

"ﷲގެ ރަޙުމަތްފުޅުން ރާއްޖޭގެ ސަރަހައްދުން ގެއްލުވައިލި ބައި އަނބުރާ ހޯދޭނެ. ޤައުމުގެ ހައްގުގައި ތެދުވާނެ މީހުން މަދެއް ނުވާނެ." އާޒިމާ ވިދާޅުވެފައިވެއެވެ.

އާޒިމާ ވިދާޅުވީ އިޓްލޮސްގެ އިޖުރާޢީ އުސޫލުތައް އެގޮތަށް އޮތުމުން ފޯޅަވަހީގެ އިމުގެ މައްސަލާގައި އަދިވެސް ރާއްޖެއަށް ކުރެވޭނެ ގިނަ ކަންކަން އެބަހުރި ކަމަށެވެ.

ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ރާއްޖެއާ އެގައުމާ ދެމެދު ކަނޑުގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ އިން ކަނޑައެޅި އިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ. މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން މިދިޔަ ހަފްތާގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.



ކިޔުންތެރިންގެ ހިޔާލު