އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނާއި ޖުމްހޫރީ ޕާޓީ ޖޭޕީގެ ބައްދަލުވުމެއް މިވަގުތު ކުރިޔަށްދާ ކަމަށް ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެމްވޯއީ އިލްހާމް އަޙުމަދު ހާމަކުރަށްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަޙްމަދު ވަނީ ސަން އައިލެންޑް ރިސޯޓުގައި ކުރިއަށްދާ މި ބައްދަލުވުމުގެ ފޮޓޯއެއް މީސް މީޑިއާގައި ޙިއްސާ ކުރަށްވާފައެވެ.

ފިކުރެއްގެ ދިރުމުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުاللهއާއި، އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ހަސަން ލަޠީފާއި ރައީސް ސާލިޙްގެ އެޑްވައިޒަރ މުޙައްމަދު ޝިހާބުގެ އިތުރުން އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރެވެ.



ޖުމްހޫރީ ޕާޓީގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި އެ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާޞިމް އިބްރާހިމާއި، ސްޕެޝަލް އެންވޯއީ އިލްހާމް އަޙުމަދާއި، ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ރިޔާޒް ރަޝީދުގެ އިތުރުން އަޙްމަދު ނިހާން ހަސަން މަނިކު ބައިވެރިވެވަޑައިގަންނަވައެވެ.

ޖޭޕީއާއި ފިކުރެއްގެ ދިރުމުގެ ބައްދަލުވުމެއް މިއަދު ކުރިއަށްދާއިރު ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމާއި ރައީސް އަބްދުﷲ ޔާމީންގެ ޕީޕިއެމް އަދި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ އެމްއެންޕީއާއި އޮނަރަބަލް ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއް އިއްޔެވެސް ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައެވެ.

މާގިރި ހޮޓެލްގައި އިއްޔެ ބޭއްވި އެބައްދަލުވުމުގެ މާބޮޑު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު، ޕާޓީތަކުން ދަނީ ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ. ނަމަވެސް މިހާތަނަށް މިކަމުގައި ކުރިއެރުން ލިބެމުންދަނީ ރައީސް ސާލިހަށް އެކަންޏެވެ. އެގޮތުން ރައީސް ސާލިހަށް ތާއީދުކުރަން އަދާލަތާއި އެމްޑީއޭއިން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު