ޗާގޯސްގެ މައްސަލާގައި ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކުން ހަގީގަތް އޮޅުވާލާ, ސަރުކާރު ބަދުނާމު ކުރަން މަސައްކަތް ކުރާތީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އެކަމާއި ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

ޝަރީފު ވަނީ ތަސައްރަފު ފުދިފައިތިބި ބޮޑެތި ސިޔާސީ ލީޑަރުން ޗާގޯސްއޭ ކިޔައިގެން ދައްކަނީ ކޮންކަހަލަ ތާކުން ތާކު ނުޖެހޭ ވާހަކައެއްތޯ ސުވާލު ކުރަށްވާފައެވެ. މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ތަފާތު އެކި ގޮތްގޮތަށް ވާހަކަތައް ފަތުރަމުންދާކަން ޝަރީފު ފާހަގަކުރިއެވެ.

"އެކަކު ބުނަނީ އެއީ ރާއްޖޭގެ ތަނެއް ނޫނޭ އެކަމަކު ކަނޑުން އެއްވެސް ބައެއް އެތާކަށް ލިބިގެން ނުވާނޭ. އަނެއްކަކު ބުނަނީ ޗާގޯސްއަކީ ރާއްޖޭގެ ބައެކޭ, ޗާގޯސިއަންސް އަކީ ދިވެހިން ނޫނޭ." ޝަރީފުގެ ޓްވީޓުގައިވެއެވެ.



މީގެ ކުރިންވެސް ޝަރީފު ވަނީ އެކި ފަރާތްތަކުން މި މައްސަލާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ ރާއްޖޭގައި ސިޔާސީ ހަމަނުޖެހުން އުފެއްދުމަށް އިދިކޮޅުން މަސައްކަތް ކުރަނީ ވެރިކަން ނުލިބިދާނެކަމުގެ ބިރު އޮތުމުން ކަމަށެވެ.

ޗާގޯސް މައްސަލަ ނިމުނީ ރާއްޖެއިން ބޭނުންވި ގޮތަށް ރާއްޖެއަށް ފައިދާވާ ގޮތަށެވެ. މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނުހޯދި އޮތް މިކާމިޔާބީ, ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހޯއްދެވުމާއެކު އިދިކޮޅުން އަންނަނީ މިކަމާއި ގުޅޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ އުފައްދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު