މީހުންގެ ވިސްނުމާއި ކުޅެ، ނަފްސާނީގޮތުން ބަލިކަށިކޮށްލުމަކީ މިހާރަކަށް އައިސް އޮފީސް މާހައުލުގައި ވަރަށް އާއްމުކަމެއް
މީހުންގެ ވިސްނުމާއި ކުޅެ، ނަފްސާނީގޮތުން ބަލިކަށިކޮށްލުމަކީ މިހާރަކަށް އައިސް އޮފީސް މާހައުލުގައި ވަރަށް އާއްމުކަމެއް
ބާރުގެ ބޭނުން ކުރެވެނީ ހަމައެކަނި ޖިސްމާނީގޮތުން އަނިޔާވެރިވެގެން އެކަންޏެއް ނޫނެވެ. ބުނެވޭ ބަސްތަކާއި ރާގާއި ބަސްތައް ބޭނުންކުރާ ރޭވުންތެރި ގޮތްތަކުގެ ސަބަބުން ނަފްސާނީގޮތުން މީހުންނަށް ބާރުފޯރުވޭނެއެވެ.



ނުފޫޒުގަދަ މީހުން ބާރުގެ ބޭނުންކޮށްގެން މީހުންގެ ވިސްނުމާއި ކުޅެ، ނަފްސާނީގޮތުން ބަލިކަށިކޮށްލުމަކީ މިހާރަކަށް އައިސް އޮފީސް މާހައުލުގައި ވަރަށް އާއްމުކަމެކެވެ. އެހެންނަމަވެސް، ތިމާއަށް އެހެން މީހަކު އެހެން ކަންތައް ކުރާއިރު ތިމާއާއި މެދު ބޭނުންކުރެވެމުން މިދަނީ މިފަދަ އުކުޅެއްކަން ދެނެގަތުމަކީ ގިނަފަހަރު ވަރަށް އުނދަގޫކަމެކެވެ. ސަބަބަކީ މިފަދައިން ތިމާގެ ބުއްދިއާއި ކުޅެލައި ތިމާ ބޭނުންނުވާ ކަންކަންވެސް ތިމާއަށް ބޭނުންވާ ކަމަށް ވިސްނުވައިދީ މުޅިން މީހާގެ ވިސްނުން އޮޅުންބޮޅުމުގެ ތެރެއަށް ލައި، އެބަޔަކު ބޭނުންވާ ނަތީޖާ ތިމާގެ ފަރާތުން ހޯދުމަށް މަސައްކަތް ކުރަން ހުންނަނީ އަޑިނޭނގޭ ކޮންމެވެސް ގާތް މީހަކަށް ވާތީއެވެ. އަދި އެއީ އެފަދަ ގާތް ބަޔަކު ތިމާއަށް ގެއްލުމެއް ނުދޭނެކަމަށް ވިސްނުމުގައި ހަރުލާފައި ހުރުމުން އެމީހުންނާއިމެދު ހުޝިޔާރުވާން ޖެހޭނެކަމަށް ތިމާއަށް ޤަބޫލުނުކުރެވޭތީވެސްމެއެވެ.

އޮފީސް މާހައުލުގެ އިތުރުން ގޭތެރޭގެ ނޫނީ ތިމާ ދިރިއުޅެމުންދާ މާހައުލުގެތެރޭގައި އަވަށްޓެރީންގެ ތެރޭގައިވެސް އަމިއްލަ ފައިދާއަކަށްޓަކައި އެހެން މީހުންނަށް ބާރުފޯރުވައި އެމީހުންގެ ވިސްނުން ބަދަލުކުރުވާ މީހުން ތިބެއެވެ. އަދި އެކުވެރިންނާއި އާއިލާ މީހުންގެ މެދުގައި އޮންނަ ގުޅުންތަކުގައިވެސް މިފަދަ ބާރުގެ ބޭނުން ކުރެއެވެ. ޚުދު ތިމާއަށްވެސް މިފަދައިން ނޭނގިވެސް ކަންތައް ކުރެވޭ ފަހަރުވެސް އަންނާނެއެވެ.

އެހެނަނަމެވެސް އެންމެ ބޮޑަށް މިގޮތަށް ބާރުގެ ބޭނުންހިފަނީ އެހެން މީހަކަށް ބާރުފޯރުވިދާނެ މަޤާމެއްގައި ހުންނަ މީހެކެވެ. ފިރިމީހާ، މައިންބަފައިން އަދި މަސައްކަތްކުރާ ތަނުގެ ސުޕަވައިޒަރުންގެ ތެރޭގައި ހިމެނޭ މީހުންގެ ކިބައިގައި އާއްމުކޮށް މިއާދަ ހަރުލާފައި ހުރެއެވެ.

ބާރުގެ ބޭނުންކޮށްގެން ނަފްސާނީގޮތުން ގެއްލުން ދޭމީހުން އާއްމުކޮށް ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި އަނެކާއަށް ބިރުދެއްކުމާއި ލަދުގަންނަވާލުމާއި، ކުށްހޯދުމާއި ގަދަކަމުން ކަންކަން ކުރުމަށް 'ފޯސް' ކުރުން ހިމެނެއެވެ. މިގޮތަށް ކަންތައް ކުރާ މީހުން އަނެކާގެ ޖަޒުބާތުތަކާއި މެދު ނުވިސްނައެވެ. އަދި އެމީހާ އެކުރުވާ ކަންކަމަށް ދެކޮޅު ހަދައި ބަސްބުނެފިނަމަ، ތިމާއަކީ އެއްޗެއް ނޭނގޭ މޮޔައެއްކަމަށް ހަދާލައި ހަމަބުއްދިއާއި ވިސްނުމެއް ނެތްމީހެއް ކަމަށްހަދައި މީހާގެ ވިސްނުމާއި ކުޅެލައެވެ. މިފަދައިން މީހަކު ތިމާއަށް ގެއްލުންދޭނަމަ އެކަން ހުއްޓުވުމަށް ތިމާއަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.

ނުފޫޒުން އެއްކިބާވެ ހުރުމަށް ކުރެވިދާނެ ކަންތައްތައް:

އެންމެ ފުރަތަމަ ކަމަކަށް ތިމާއަކީ ކޮންމެ މީހަކަށް ކޮންމެ ކަމެއް ކޮށްދޭމީހަކަށްވުން މުޅިން ދޫކޮށްލާށެވެ. ޚާއްސަކޮށް ތިމާ ހިތްހަމަނުޖެހޭ ކަންކަންކުރުމަށް އެހެންމީހުން ބުނުމުން އެކަންކަން ކޮށްނުދޭށެވެ. މިގޮތަށް ކަންތައް ކުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ކޮންމެ ކަމަކަށް އާއެކޭ ބުނަމުން ތިގޮތަށް ކުރިއަށް ދާނަމަ، ތިމާގެ ހިތްހެޔޮ ކަމުގެ ނާޖާއިޒު ފައިދާ އެހެންމީހުން ނެގުމުން ދުވަހަކުވެސް ސަލާމަތް ނުވާނެކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ.

އަބަދު ކަންކަމުގައި އެދުމުން ކޮށްދޭނަމަ މާފަސޭހައިން ތިމާއަށް އެހެން މީހުން ބާރުފޯރުވާނެއެވެ. އެހެންކަމުން ބައެއްފަހަރު ނުވާނޭ ބުނާށެވެ. އޭރުން، ބުނާހާ ކަމެއް އަބަދުކޮށްދޭނެއޭ ހިތައި ކަންކަމުގައި ބުނާމީހުންވެސް ފަސްޖެހި އެކަން މަޑުމަޑުން ހުއްޓުމަކަށް އަންނާނެއެވެ. ކަންކަން ކުރުވުމަށް ތިމާއަށް މަޖުބޫރު ކުރުވާ މީހުންވެސް ހަމަބިމަށް ތިރިވެ އެފަދަ މީހުން މަދުވާނެއެވެ.

ވަޒީފާގެ މާހައުލުގައި އެކުގައި މަސައްކަތް ކުރާމީހުން ތިމާއަށް މިފަދައިން ބާރުފޮރުވާނަމަ، ކުންފުނީގެ ޕޮލިސީތަކަށް އަހުލުވެރިވާށެވެ. އަދި މަސައްކަތުގެ މާހައުލުގައި ދެކެވުން އެކަށީގެންވާ ވާހަކަތަކާއި އެކަށީގެންނުވާ ކަންތައްތައް ދެނަގަނެ އެފަދަ ކަމެއް ހިނގާނަމަ އެކަމެއް ރިޕޯޓު ކުރާށެވެ. އަދި މިފަދަ ކަންކަން ތިމާއާއި މެދު ކުރެވޭކަން ދެނެގަތުމަށް އަމިއްލަ ނަފްސަށް ބަދަލުތަކެއް އައިތޯ ދެނެގަތުމަށްވެސް ސައިކޮލޮޖިސްޓުން ލަފާދެއެވެ. ތިމާ ވަޒީފާގެ މާހައުލުގައި ކުއްލިއަކަށް މާބޮޑަށް ހާސްވެ އަދި ވަކިމީހަކު އޮފީހުގައި ހުންނަ ވަގުތު އޮފީހަށް ދާން ބޭނުން ނުވުން ފަދަ ކަންކަން ދިމާވާނަމަ އެކުވެރިންނާއި ގާތް މީހުން އަދި ކައުންސިލިންގެ އެހީތެރިކަންވެސް ހޯދަންވާނެއެވެ.

ތިމާގެ މައްޗަށް ނުފޫޒު ފޯރުވާ މީހުންނަށް އެފުރުސަތު ނުދިނުމަށް އެމީހުން ގެންގުޅޭ އުކުޅުތައްވެސް ދެނެގަންނާށެވެ. އެމީހުން ބޭނުންވާ ކަމެއް ކުރުވުމަށް އާއްމުކޮށް ބޭނުން ކުރާނީ އެއްއުކުޅުތަކެކެވެ. އާއެކޭ ބުނަންދެން އާދޭސް ކުރުމާއި ތިމާއަށް ނުވާނެއޭ ބުނުމުންވެސް ތިމާގެ ވަގުތާއި ޖަޒުބާތުތަކަށް އިހުތިރާމް ނުކޮށް އެކަމެއް ކުރަންދެން ކުރުނުކޮށް އަބަދުހެން ކިއުމަކީ މިފަދަމީހުން ކުރާކަމެކެވެ. ނަމަވެސް މިހާލަތުގައި އެމީހުން ބޭނުންވާ ގޮތަށް ދޫކޮށްނުލާށެވެ. އެހެން ނޫނީ އެމީހުންނަށް އެވިސްނުވައިދެވެނީ އެމީހުންނަށް ތިމާގެ މައްޗަށް ބާރުފޯރުވިދާނެ ކަމަށެވެ.

މީގެ އިތުރުން ތިމާގެ މައްޗަށް ބާރުފޯރުވާ ތިމާގެ ވިސްނުމާއި ކުޅެލާ މިފަދަ މީހުން ބަދަލުވާނެ ކަމަށް ޤަބޫލުކޮށް އެގޮތަށް މަސައްކަތް ކޮށްގެން ނުވާނެއެވެ. އޭނާއަކީ ތިމާ ކޮންޓްރޯލް ކުރަން ވިސްނައިގެން ހުރި މީހަކަށްވެފައި އޭނާގެ ވިސްނުންތައް ބަދަލުކުރަން ތިމާ މަސައްކަތްކުރަން ފެށުމުން ތިމާއަށްވެސް 'މެނިޕިއުލޭޓިވް' އުކުޅުތައް ބޭނުން ކުރެވެން ފަށައިފާނެތީއެވެ. އެހެނަކަމުން ތިމާ ޤަބޫލުކުރާ ގޮތެއްގައި ގަދައަށް ހިފަހައްޓާލާށެވެ. އަދި އަނެކާއަށް އޭނާ ޤަބޫލުކުރާގޮތަކަށް ޤަބޫލުކުރުމަށް ފުރުޞަތު ދޭށެވެ.

ކޮންމެ މީހަކަށްވެސް މިނިވަންކަމާއެކު ކަންކަން ނިންމުމުގެ އިޚްތިޔާރާއި ކުޅަދާނަކަން ލިބިގެންވެއެވެ. އެހެންމީހުންގެ ވިސްނުމާއި ގޮތްނިންމުމުގެ މައްޗަށް ބާރުފޯރުވައި ތިމާގެ ބަސްކުރިއަށް ނެރުމަކީ އެކަކު އަނެކަކަށް ޤަދަރުކުރާ މީހުންގެ އުޅުން ހުންނަންވާނެ ގޮތެއް ނޫނެވެ.

އެހެންނަމަވެސް، ކަންކަމާއި މެދު ޚިޔާލު ހޯދައި މަޝްވަރާ ކުރުމަކީ އޮތްނަންޖެހޭ ކަމެކެވެ. ކަންކަމާއިމެދު މަޝްވަރާކުރުމަކީ އެއްވެސް މައްސައެއް ނޫނެނެވެ. ކިތަންމެޚިޔާލު ތަފާތުވިޔަސްވެހެވެ. މައްސަލަޖެހޭ ހިސާބަކީ ތިމާ ޤަބޫލު ކުރާގޮތާއި އަނެކާ ޚިލާފުވުމުން އޭނާގެ ވިސްނުމުގެ މައްޗަށް ބާރުފޯރުވަން މަސައްކަތްކުރާ ހިސާބެވެ.

އެހެންކަމުން ތިމާއަށްވެސް މިފަދައިން ކަންތައް ކުރެވޭނަމަ އެގޮތް ދޫކޮށްލާށެވެ. ތިމާ އެދޭގޮތް ރަނގަޅު ނަމަވެސް ގަދަބާރުން އެއްވެސް ކަމެއް ރަނގަޅުގޮތުގައި ނުކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން