ޗާގޮސް މައްސަލާގައި ރައީސް ޞާލިޙް ފޮނުއްވި ސިޓީފުޅު ހާމަކުރުމާމެދު ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު ދައްކަވާ ޙުއްޖަތް ގޯސްކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދިޔަ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުގެ މެދުގައި ބެހުމުގެ މައްސަލާގައި ހުކުމް އިއްވީ މިދިޔަ ހުކުރުދުވަހުއެވެ.

ޗާގޮސް މައްސަލާގައި ރައީސް ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި ގުޅިގެން ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު ވިދާޅުވީ، ރާއްޖޭގެ ރައީސް ބޭރުގެ ގައުމުތަކުގެ ވެރިންނަށް ފޮނުއްވާ ސިޓީފުޅުތައް މީޑިޔާގައި އާންމުކުރާނަމަ ރާއްޖެއާއި ވާހަކަ ދައްކާނެ ބޭރު ގައުމެއް ނޯންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ގައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމާއި ގުޅޭގޮތުން ބޭރުގައުމުތަކާއެކު ކުރާ މަޝްވަރާތައް ރައްޔިތުންނަށް އާންމުކޮށް ހާމަކުރާނަމަ ރާއްޖެއާއި ގުޅިގެން ކަންކަން ކުރާ ގައުމުތަކެއް ނުވާނެ ކަމަށްވެސް ޝާހިިދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޑރ. އަޙްމަދު ޝަހީދު ވިދާޅުވީ ޝާހިދުގެ ނިންމުން އެކަމުގައި ގޯސް ކަމަށާއި ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގައި އޮތް މައްސަލައަކާއި ގުޅިގެން ބަދަލުކުރާ ސިޓީތައް ހާމަކުރުމަށް ޑިޕްލޮމެޓިކް ޕްރެކްޓިސް ގޮވާލާ ކަމަށެވެ. އެގޮތުން މީގެ ކުރިން ރައީސް ނާސިރުވެސް ވަނީ ރާއްޖޭގެ އިން ވަކިކުރުމާބެހޭ ހުރިހާ އެއްބަސްވުންތައް އދ.ގެ ޢާއްމު މަޖިލީސް މެދުވެރިކޮށް މުޅި ދުނިޔެއަށް ހާމަކުރަށްވާފައިކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

“އޯޕަން ޑިޕްލޮމަސީ އަކީ 1918 ގައި ވުޑްރޯ ވިލްސަން އިޢުލާންކުރި 14 ޕޮއިންޓްގެ އެއްވަނަ ނުކުތާ.” ޑރ. ޝަހީދު ވިދާޅުވެފައިވެއެވެ.



މިނިސްޓަރ ޝާހިދު ވިދާޅުވީ ދިވެހިން ފަރިތަވާން މިއުޅެނީ ޑިމޮކްރަޓިކް ދައުލަތެއް ހިންގޭނެ އުސޫލަށް ކަމަށެވެ. އެހެންކަމުން ދޭދޭ ޤައުމުތަކުގެ އެންމެ އިސްވެރިންގެ މެދުގައި ކުރެވޭ މުޢާމަލާތްތަކަށް އިޙްތިރާމް ކުރުމަށް އާދަކުރަންޖެހޭކަމަށް އދގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ޝާހިދު ވަނީ ވިދާޅުވެފައެވެ.

އިޓްލޮސްއިން ނިންމި ރާއްޖެއާއި ޗާގޮސްގެ އިމުގެ މައްސަލާގައި ރާއްޖޭގެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ރައީސްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހިވިކަމަށް ނުދެކޭ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުންދަނީ ރައީސްގެ ސިޓީ ޢާއްމުކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން