ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ކުރިޔަށްދަނީ
ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ކުރިޔަށްދަނީ
އިޓްލޮސްގެ ނިންމުމުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަށަވަރު ކުރެވިއްޖެ ކަމަށް ޢަދާލަތު ޕާޓީން ބުނެފިއެވެ.

ޢަދާލަތު ޕާޓީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދުގެ އިންވަކިކުރުމާ ބޭހޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅުނު މައްސަލައިގައި، ދިވެހިރާއްޖޭގެ ސަރުކާރުން ވަކާލާތު ކުރި ގޮތަށް އެ ޓްރައިބިއުނަލުން ނިންމުމާ ވިދިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"މި ނިންމުމަކީ، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަށަވަރު ކުރެވި، ދިވެހި މަސް ކަނޑުތަކާއި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތްކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމުގައި މި ޕާޓީއިން ދެކެމެވެ." ޢަދާލަތުގެ ބަޔާނުގައިވެއެވެ.

ޢަދާލަތުން ބުނީ، މި ނިންމުމާ ވިދިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުން ދާ ވާހަކަތަކީ ޤާނޫނީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ކަމުގައި އެޕާޓީން ނުދެކޭ ކަމަށެވެ. މިގޮތުން، ފޯޅަވަހީގެ މައްޗަށް މޮރިޝަސް ގެ ސިޔާދަތީ ބާރު އޮތްކަމަށް ބުނެ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ނެރުނު އިސްތިޝާރީ ލަފާގެ މައްސަލަ އަލުން އ.ދ އަށް ހުށަހެޅިއްޖެނަމަ، ސަރަޙައްދާބެހޭގޮތުން ރާއްޖެއިން ކުރާ ދަޢުވާ ދޫކޮށްނުލައި، މޮރިޝަސް އަށް ތާއީދު ކުރައްވާނެކަމަށް، ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވުމަކީ، ދިވެހިރާއްޖޭގެ ސަރަޙައްދުން ބައެއް ދޫކޮށްލަން އެއްބަސްވެލެއްވުން ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބުނުމެއްކަމަށް ޢަދާލަތުން ބުނެފައިވެއެވެ.

އަދިހަމަ އެހެންމެ، އިޓްލޮސް އިން ބަލަމުން އައި މައްސަލައިގައި، މޮރިޝަސްގެ ސިޔާދަތީ ބާރު ފޯޅަވަހީގެ މައްޗަށް ހިނގުމާމެދު ދިވެހިރާއްޖެއިން އުފެއްދި ސުވާލަށް، އޭގެކުރިން ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅުއްވާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

"ޤާނޫނު އަސާސީގެ 3 ވަނަ މާއްދާއާ ޙަވާލާދެއްވާ، ދިވެހިރާއްޖޭގެ ސަރަޙައްދަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަމަށް ވިދާޅުވެ ދައްކަވާ ވާހަކައަކީވެސް ރަނގަޅު ވާހަކައެއް ކަމުގައި މި ޕާޓީއިން ނުދެކެމެވެ. ޤާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަޙައްދު ކަމުގައި ބެލެވޭނީ ދިވެހިރާއްޖޭގެ ބޭސްލައިން އިން ފެށިގެން 12 ނޯޓިކަލް މައިލް ހިމެނޭ ސަރަޙައްދަށެވެ. ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރާއްޖެއިން ޤަބޫލުކުރަން ނިންމުމަކީ ޤާނޫނު އަސާސީގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ސަރަޙައްދުން ބައެއް ދޫކޮށްލަން ރާއްޖެއިން ނިންމެވި ނިންމުމެއް ނޫނެވެ." ޢަދާލަތުގެ ބަޔާނުގައިވެއެވެ.

ޢަދާލަތުން ބުނީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ އާންމު އުޞޫލުން ބަލާނަމަ، ދިވެހިރާއްޖޭގެ ބޭސްލައިން އިން ފެށިގެން 200 ނޯޓިކަލް މޭލަށް ދަމައިލެވޭ ސަރަޙައްދެއް ކަމަށް ވިއަސް، އުތުރާއި ދެކުނުގައި ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާ އެހެނިހެން ސިޔާދަތީ ބާރުތަށް އޮތުމުން މި ސަރަޙައްދުތަކުގައި ވަނީ އިތުރަށް އިން ކުރެވިފައި ކަމަށެވެ.

"މިގޮތުން އިންޑިއާ އާއި ސްރީލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު 1976 ވަނަ އަހަރު އުތުރުގެ އިޤްތިޞާދީ ސަރަޙައްދާ މެދު އެއްބަސްވުމަކަށް އާދެވިފައި ވެއެވެ. ނަމަވެސް 1968 ވަނަ އަހަރުން ފެށިގެން އިނގިރޭސިންގެ އަތްދަށުގައި އޮތް ފޯޅަވައްސާ ރާއްޖެއާ ދެމެދު އޮތް ސަރަޙައްދުގައި ދެޤައުމުގެ އިން ރަސްމީކޮށް ކަނޑައެޅިފައެއް ނެތެވެ. ރަސްމީކޮށް އިން ކަނޑައެޅިގެން ދިއުމަކީ ރާއްޖޭގެ ދެކުނުގެ ސަރަޙައްދުން ދިވެހިރާއްޖޭގެ ޙައްޤު އިތުރަށް ކަށަވަރު ކުރެވި ޤުދުރަތީ ވަސީލަތްތަށް ޙިމާޔަތްކޮށް ދިވެހިންނަށް ޚާއްޞަކޮށް އޭގެ މަންފާ ހޯދުމަށް ލިބިގެންދިޔަ އިތުރު ބާރެކެވެ." ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީގެ ބަޔާނުގައިވެއެވެ.

ޢަދާލަތު ޕާޓީން ބުނީ، ދިވެހިރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ ޚިލާފުގައި ދިވެހި ސަރުކާރުން ގެންގުޅުއްވި ހަމަތަކަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ފުށުއަރާ ހަމަތަކެއް ނޫން ކަމާއި، އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް ބައިނަލްއަޤްވާމީ ޤާނޫނުން ކަށަވަރުކަމާއި ރައްކާތެރިކަން ލިބިގެން ދިޔަ ދިޔުމަކީ ދިވެހިރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެޕާޓީން ދެކޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު