މުޙައްމަދު ޔާސިރު މޫސާ   3 މޭ 2023 - 4:36
ފައިނަލް މެޗުގެ ތެރެއިން, ފޮޓޯ: މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
ފައިނަލް މެޗުގެ ތެރެއިން, ފޮޓޯ: މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ތަށި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ރަސްމީ ސްޓޭޑިއަމްގައި ކްލަބް އީގަލްސް އާއި ދެކޮޅަށް މާޒިޔާ ކުޅުނު ފައިނަލް މެޗު ކާމިޔާބުކުރީ 2-0ންނެވެ. މިއީ މާޒިޔާއިން މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްވެސް މާޒިޔާއިން ވަނީ ކާމިޔާބުކޮށްފައެވެ.

މި މެޗު ޝަރަފުވެރިކޮށްދެއްވުމަށްޓަކާ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވަނީ ދަނޑަށް ވަޑައިގަންނަވާފައެވެ. މީގެ ކުރިން މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައި އޮތީ މިދިޔަ އާދީއްތަ ދުވަހަށެވެ. ނަމަވެސް މިރެއަށް ފައިނަލް މެޗު ފަސްކުރީ އާދީއްތަ ދުވަހުގެރޭ ރައީސްއަށް ވަޑައިނުގެންނެވޭތީއެވެ.

މި މެޗު ފެށުމުގެ ކުރިން އެފްއޭއެމްއިން ވަނީ މިއަހަރު އިންޑިއާގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުން ބޭނުންކުރާނެ ރަސްމީ ޖާޒީ ރައީސްއަށް އަރުވާފައެވެ. ޖާޒީ ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. 2021 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޤައުމީ ޓީމު ކުޅުނު ހުރިހާ މެޗެެއް ބައްލަވާލެއްވުމަށްވެސް ރައީސް ވަނީ ދަނޑަށް ވަޑައިގަންނަވާފައެވެ.

މާޒިޔާގެ ދެލަނޑުވެސް އެޓީމަށް ޖަހައިދިނީ އިބްރާހިމް އައިސަމްއެވެ. މިރޭގެ މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ނާއިޒު ހަސަން (ދާދު) ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މާޒިޔާއަށް ލީޑު ނަގައިދިނީ އިބްރާހިމް އައިސަމްއެވެ. އައިސަމްގެ ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ އިތުރު ވަގުތުގައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން