އިޓްލޮސްގައި ކުރިއަށްދިޔަ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ބޯޑަރުން ފުށުއަރާ ސަރަހައްދު ބެހުމުގެ މައްސަލައިގައި، ރައީސް ޞާލިޙްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހިވި ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަދި މަޝްހޫރު ޤާނޫނީ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދިޔަ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުގެ މެދުގައި ބެހުމުގެ މައްސަލާގައި ހުކުމް އިއްވީ ހުކުރުދުވަހުއެވެ.

އިޓްލޮސް ގައި ކުރިއަށްދިޔަ ރާއްޖެއާއި ޗާގޯސްގެ އިޤްތިޞާދީ ސަރަޙައްދު ވަކިކުރުމުގެ މައްސަލައަށް އަލިއަޅުވާ ލައްވަމުން މުއިއްޒު ވިދާޅުވީ، މައްސަލައިގެ ރިޕޯޓްގެ 51 ވަނަ ޕެރެގްރާފަށް ބެލުމުން ރާއްޖޭގެ ސިޔާސަތު ބަދަލުވިކަމަށް ހަވާލާދެނީ ރައީސްގެ ސިޓީއާ ގުޅިގެން ނޫންކަން ހާމަވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސިޔާސަތު ބަދަލުވިކަމަށް އެ ރިޕޯޓުގައި ހަވާލާދެނީ ޗާގޯސްގެ މައްޗަށް ސިޔާދަތު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސިވިލާތަށްތޯ އޮތް ސުވާލަށް ކަމަށެވެ.

"ރައީސްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހި ވިކަމަށް ނުދެކެން." މުޢިއްޒު ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި އިޓްލޮސް އިން ނިންމާފައިވަނީ ރާއްޖެއިން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށެވެ. އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އަދި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅާފައެވެ.

އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފައެވެ.

މި މައްސަލަ ނިމުނު ނަމަވެސް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތުން، ގުދުރަތީ ގޮތުން ކޮންޓިނެންޓަލް ޝެލްފް 200 މޭލަށް ވުރެ ބޭރަށް ދާނަމަ އެ ހިސާބަކަށް އިން ކަނޑައަޅަން ހުށަހެޅެއެވެ.

ރާއްޖެއިން ޖުލައި 26، 2010 ގައި ވަނީ މި 200 މޭލުން ބޭރުން ވެސް ބައެއް ހޯދަން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހަޅައިފަ އެވެ. އެއާއެކު މޮރިޝަސް އިން ވެސް އެގޮތަށް ހުށަހެޅި އެވެ. ސީއެލްސީއެސްގައި އޮތް މައްސަލަ އަދި ނުނިމެ އެވެ.



ކިޔުންތެރިންގެ ހިޔާލު