ކައިވެނި ރޫޅި، ތިމާގެ ދަރީން ބިކަވިޔަ ނުދިނުމަށް އެކުދީންގެ ޙައްޤުގައި އިތުރު ހިއްވަރެއްލައި ތިމާގެ ދިރިއުޅުން އާރާސްތުކުރަން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެއް
ކައިވެނި ރޫޅި، ތިމާގެ ދަރީން ބިކަވިޔަ ނުދިނުމަށް އެކުދީންގެ ޙައްޤުގައި އިތުރު ހިއްވަރެއްލައި ތިމާގެ ދިރިއުޅުން އާރާސްތުކުރަން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެއް
ކައިވެނި ރޫޅުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. ކޮންމެ އާއިލާއެއްގައިވެސް މި ހިތި ތަޖުރިބާ ކުރަންޖެހިފައިވާ ނުވަތަ އެ ތަޖުރިބާ މިހާރުވެސް ކުރަމުންދާ މީހަކު ހުރެދާނެއެވެ. އަދި އެއްފަހަރު ކައިވެނި ރޫޅުމުން ފުރަތަމަ ކައިވެނި ރޫޅުމުން ހިއްވަރުކޮށްފައި ކުރާ ދެވަނަ ކައިވެނިވެސް އަދި ތިންވަނަ ކައިވެނީގައިވެސް ދެމިތިބެވުމުގެ ނިޢުމަތް ނުލިބޭ މީހުން ރާއްޖޭގައި ނިސްބަތުން ގިނަކަން ފާހަގަކޮށްލެވެއެވެ.

މިހާލަތް ތަޖުރިބާ ކުރަމުންދާ މީހުންގެ ދިރިއުޅުމުގައި މިދުވަސްވަރުގައި އުނދަގޫތަކާއި ކުރިމަތިވެއެވެ. ނަފްސާނީ ގޮތުންނާއި އަދި ޖިސްމާނީ ގޮތުންވެސް މީހާ ބަލިކަށިވެ މަސައްކަތަށާއި އާއްމުކޮށް ދިރިއުޅުމުގައި ކުރާ ކުދިކުދި ކަންކަން ކުރުމަށް ފޫހިވެ މާޔޫސްވާގޮތް ދިމާވެއެވެ. އެހެންނަމަވެސް ކައިވެނި ރޫޅިގެން ދިޔުމަކީ ތިމާގެ ދިރިއުޅުން ނިމުނީ ކަމުގައި ނުދެކޭށެވެ. ދަރިންތިބި ނަމަ އެކުދީންގެ މުސްތަޤުބަލަށްޓަކައި، އެކުދީންގެ ޙައްޤުގައި އިތުރު ހިއްވަރެއްލައި ތިމާގެ ދިރިއުޅުން އާރާސްތުކުރަން މަސައްކަތް ކުރާށެވެ.

ދިރިއުޅުން އިސްލާހުކޮށް އާއްމު ހާލަތަށް ބަދަލުވުމަށް ބައެއް މީހުންނަށް އެހާ ގިނަ ދުވަސް ބޭނުން ނުވިނަމަވެސް އަނެއް ބައި މީހުން މިކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއެވެ. ނަމަވެސް މަސައްކަތް ކުރެވޭނަމަ، ވަގުތު ޖެހުމުން މިހާލަތު ބަދަލުވެދެއެވެ. އެހެންކަމުން ހިއްވަރާއިއެކު އަމިއްލަޔަށް މަސައްކަތްކޮށްގެން ތިހުރި އަނދަވަޅުން އަރައިގަނެ ދިރިއުޅުން އާރާސްތުކުރަން މަސައްކަތް ކުރާށެވެ. މިގޮތުން، މިހިއްސާކޮށްލަނީ ތިމާގެ ދިރިޅުން އަލުން އާރާސްތުކުރުމަށް ކުރެވިދާނެ 5 ކަމެކެވެ.

ދިރިއުޅުން އަލުން އާރާސްތުކުރަން ކުރެވިދާނެ ކަންތައްތައް:



1. އަމިއްލަ ނަފްސު އިސްލާޙްކުރުން:

ނިމިދިޔަ ކައިވެނީގެ ތެރޭގައި ދިމާވި ވޭންދެނިވި އުނދަގޫ ދުވަސްތަކުގައި އަމިއްލަ ނަފްސަށް އަޅާލަންޖެހޭ ވަރަށް އަޅާނުލެވި ގިނަ ދުވަސްތަކެއް ފާއިތުވެ ހިނގައްޖެއެވެ. ނަމަވެސް ކައިވެނި ނުރޫޅި ކުރެވެން ހުރި މަސައްކަތްތައް ކުރުމުގައި މީހާއަށް އަމިއްލަ ނަފްސުގެ ހިތްހަމަޖެހުން ގެއްލިއްޖެއެވެ. އެހެންކަމުން، ކައިވެނި ރޫޅުމަށްފަހުވެސް އަމިއްލަ ނަފްސަށް އަޅާނުލައި ނުހުންނާށެވެ. މިއީ އާފެށުމަކުން ފަށައި އަމިއްލަ ނަފްސަށް ގެއްލުނު ހިތްހަމަޖެހުން ހޯދަން މަސައްކަތް ކުރަންވީ ވަގުތުކަމުގައިދެކި ކެރިގެން ހިއްވަރާއެކު ކުރިމަތިލާށެވެ. ރައްޓެހިންނާއިއެކު ވަގުތު ހޭދަކޮށްލާށެވެ. ނުވަތަ ގޭގައި ހައްދަން ބޭނުންވި ބަގީޗާ ހައްދަން ފަށާށެވެ. ނުވަތަ ހިއްވަރު ލާފައި ބަރުދަން ލުއިކޮށްލައި ޞިއްޙަތަށް ސަމާލުކަން ދޭށެވެ. އޭރުން ހިތަށް ހިތްހަމަޖެހުން ލިބި މާޔޫސްކަން ފިލައި ކުރިއަށްދާނެ އައު ހިއްވަރެއް ލިބިގެންދާނެއެވެ.

2. ނައްސިކޮށް ތިވިސްނާ ވިސްނުން ދޫކޮށްލުން:

މީހުން ރުއްސަން އުޅެގެން ދިރިއުޅުމެއް ނުލިބޭނެއެވެ. މީހުން ބުނާނެ އެއްޗަކަށް ވިސްނައިގެން އުޅެން ހަދައިގެން އަމިއްލަ ނަފްސް ހުންނާނީ އަބަދުވެސް ބެދިފައެވެ. ބަޔަކު ނުރުހޭތީ ތިމާ ބޭނުންވާ ކަމެއް ނުކުރެއެވެ. އެހެންކަމުން، ތިމާ ބޭނުންވަނީ ކޮންގޮތެއްތޯ ދެނެގަންނާށެވެ. އަދި އެގޮތެއްގައި ހިފައި ކުރިއަށް ދާށެވެ. މީހުން ދެކޭނީ އެހެންނޭ މިހެންނޭ ހިތައް އަރުވައި ތިގޮތަށް ނައްސިވުން މުޅިން ދޫކޮށްލާށެވެ.

3. ތިމާއަށް ހިއްވަރުދޭނެ މީހުންނާއި އެކުގައިވުން:

ކައިވެނި ރޫޅުމުން އެކަނިވެރިވެލާ ހިތްވާނެއެވެ. ތިމާ ތަހައްމަލު ކުރަމުންދާ ވޭން އަނެކާއަށް ކިޔައި ދިނުމަކީ ފަސޭހަކަމަކަށް ނުވުމުން މިގޮތް ޚިޔާރުކުރެވެނީއެވެ. އެހެންނަމަވެސް، މިގޮތަށް އެކަނި ކަންކަމާއި ކުރިމަތި ލުމަށްވުރެ ތިމާއަށް ހެޔޮއެދޭ މީހުންގެ އެހީތެރިކަން ހޯދާށެވެ. މިފަދަ މީހުންނާއިއެކު ވުމުން ހިތްހަމަޖެހުން ލިބުމުގެ އިތުރުން އެމީހުންގެ ފަރާތުން ކަންކަމާއި ކުރިމަތިލުމަށް ހިއްވަރު ލިބި ކަންކަމާއިމެދު އެމީހުންގެ ޚިޔާލުވެސް ހޯދޭނެއެވެ. އެހެންނަމަވެސް، މިވަގުތުގައި ތިމާއާއި ގަތް ކުރާ މީހުންނާއިމެދު ސަމާލުވާންވާނެއެވެ. އެއީ ތިމާއަށް ހެޔޮ އެދޭ މީހުން ތިބޭފަދައިން ތިމާއަށް އެގޮތް މެދުވެރިވުމުން އުފާކުރާ ތިމާގެ ކުރިމަތީގައި ހެޔޮއެދޭކަމުގެ ސާލެއް އަޅައިގެން ތިބޭ މީހުންވެސް އުޅޭނެތީއެވެ. ތިމާއަށް ހެވެއްނޭދޭނެ ހަސަދަވެރީންވެސް ތިބޭނެތީއެވެ. އެފަދަ މީހުންނާއިއެކުގައި އުޅުމުން އެމީހުންދޭ ޚިޔާލުތަކާއި ދައްކާ ވާހަކަތަކުގައި ނައްސިކަންކަން ގިނަވާނެއެވެ. އަދި ކުރީގެ ބައިވެރިޔާއާއި ބެހޭގޮތުން މައުލޫމާތު ހޯދައި މީހުންގެ ތެރޭގައި ވާހަކަ ފެތުރުމަށް މިމީހުން ވާހަކަ އެއްކުރެއެވެ. ވީމާ، މިހާލަތުގައި އެހީތެރިކަން ހޯދަންވާނީ ތިމާއަށް ވަރަށް ބޮޑަށް އިތުބާރު ކުރެވޭ މީހުންނާއި އެކުއެވެ.



4. މާފުކުރުން:

މާފުކުރުމަށް ބުނުމުން ގިނަ މީހުން ހީކުރާނީ މިއީ ކުރީގެ ބައިވެރިޔާއަށް މާފުކުރުން ކަމުގައެވެ. ކުރީގެ ބައިވެރިޔާއަށް މާފު ކުރުމަކީ މުހިންމު ކަމެކެވެ. އޭނާ ގޯސްކޮށްފައި އޭނާ އެހެން ކަންތައް ކުރިއޭ މިހެން ކަންތައް ކުރިއޭ ހިތައި އަބަދުހެން އެވިސްނުމުގައި ދުވަސް ހޭދަކުރާނަމަ އަމިއްލަ ނަފްސް ހަލާކުގެ ތެރެއަށް ހިނގައިދާނެއެވެ. އެހެންކަމުން ވެގެންދިޔަކަމެއް ވެދިޔައީއެވެ. އެންމެ ރީތި ގޮތަކީވެސް މަޢާފުކުރުމެވެ. އެހެންކަމުން ވަކިވެދިޔަ ބައިވެތިޔާއަށް މާފުކޮށްފައި ކުރިއަށްދާށެވެ. މާފުކުރުމުގެ އަނެއް މުހިންމު ބަޔަކީ އަމިއްލަ ނަފްސަށް މާފު ކުރުމެވެ. ކައިވެނި ރޫޅުމުން ތިމާއަށް އެހެން ނުހެދުނު ނަމައޭ މިހެން ކަންތައް ކުރެވުނު ނަމައޭ ހިތައި އެވިސްނުންތައް ތަކުރާރު ކުރެވުމަކީ ވެދާނެކަމެކެވެ. އެހެންނަމަވެސް، ކޮންމެ ކަމެއްވެސް ވަނީ ރަނގަޅަކަށް ކަމުގައި ދެކޭށެވެ. ނުވަތަ ދެރަގޮތަކަށް ވިޔަސް އެއިން ފިލާވަޅެއް ހޯދާށެވެ. އަދި އަމިއްލަ ނަފްސު ކުށްވެރިކޮށް ތިޔަދޭ ގެއްލުން ދިނުން ހުއްޓާލާށެވެ. އަދި އަމިއްލަ ނަފްސު ދެކެ ލޯބިވާށެވެ. ހިތް ސާފުކޮށް ﷲ އަށް ޙަމްދުކުރާށެވެ.

5. ޞިއްހަތަށް ސަމާލުކަން ދިނުން:

ނަފްސާނީގޮތުން އިންސާނާ ތަހައްމަލު ކުރަމުންދާ ވޭނުގެ ސަބަބުން ޖިސްމާނީ ހަށިގަނޑަށްވެސް އަސަރު ކުރުވައެވެ. އަދި ބައްޔެއްވެއްޖެނަމަ އެބަލި ފަސޭހަ ނުވެ ގިނަދުވަހަށް ބަލީގައި އުޅެންޖެހެއެވެ. އެހެންކަމުން ކައިވެނި ރޫޅި ދިރިއުޅުން ކުއްލިޔަކަށް ބަދަލުވާހިނދު އެދުވަސްތަކުގައިވެސް ހަށިގަނޑަށް ސަމާލުކަންދޭށެވެ. އެގޮތުން ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ކައި ކަސްރަތު ކުރާށެވެ. އަދި ގޯސް އެކުވެރިންނާ ދުރުހެލިވާށެވެ. ޚާއްސަކޮށް ޑްރަގްސްއާއި ސިގިރޭޓުފަދަ ދެވިހިފާ ތަކެއްޗާއި ގާތްވެދާނެ ފަދަ ކަންކަމުން މުޅިން ދުރުވެހުންނާށެވެ. އެހެންނޫނީ މިކަމުން އަރައިގަންނަން ކުރާ މަސައްކަތުގައި އެއަށްވުރެ ބޮޑު ގެއްލުމަކާއި ކުރިމަތި ލާންޖެހިދާނެއެވެ. މީގެ އިތުރުން ނަފްސާނީ ޑޮކްޓަރެއް ނުވަތަ ސައިކޮލޮޖިސްޓެއްގެ ކައުންސިލިންގ ބޭނުންވާނަމަ އެފަރާތްތަކުގެ އެހީވެސް ހޯދާށެވެ.

އެހެންކަމުން ކައިވެނި ރޫޅުމަށް ފަހު، އެކަނިވެރިވެ ހިތްދަތިކަމާއި މާޔޫސްކަންމަތީ ދުވަސްތައް ތަހައްމަލު ކުރަމުންދާ ކޮންމެ މީހަކަށްވެސް ބުނެލަން އޮތީ މިއީ މީހާގެ ވިސްނުން ރަނގަޅުކޮށް ހިއްވަރާއިއެކު ތިމާ އަމިއްލަޔަށް އަރައިގަންނަން މަސައްކަތް ކުރަންވީ ވަގުތެވެ. އެހެންކަމުން ފާހަގަކުރި 5 ނުކުތާގައި އެވާ ކަންކަންކުރުންމަށް އަޒުމުކަނޑައަޅައި ﷲ ގެ މިންވަރުފުޅަށް ވަކީލުކޮަށް އެކަލާނގެ އަށް ޝުކުރުކޮށް ހިއްވަރާއެކު މަސައްކަތް ކުރާށެވެ. ﷲ ގެ އިރާދައި މިންވަރުފުޅުން ކުރިއަށްއޮތީ ބާއްޖަވެރި ދުވަސްތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން