ޤައުމުގައި ފިތުނަފަސާދަ އުފަންކުރުވައި ދޮގުވިއްކައިގެން ރައްޔިތުންގެ ވޯޓެއް ނުލިބޭނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިބީދައިން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ މަސައްކަތްތެރިންނަށް އަރިސް ކުރަށްވަމުންނެވެ.

އެގޮތުން ސަމީރު ވިދާޅުވީ މާޒީވެދިޔަ އެއްވެސް ވެރިކަމެއްގައި ދިވެހި މަސައްކަތްތެރިންގެ ޙައްޤުގައި މަސައްކަތް ނުކުރާ މިންވަރަށް ރައީސް ޞާލިޙްގެ ވެރިކަމުގައި މަސައްކަތްތެރީންނަށް ކުރިއެރުމާއި ހެޔޮ ބަދަލުތައް ވަނީ ހޯދާދެއްވާފައި ކަމަށެވެ. ހަމައެއާއެކު އިތުރަށް ކުރަށްވަން ހުރި މަސައްކަތް ތަކައިގެން ދުވަހެއް ދުވަހަކަށް ރައީސް ޞާލިޙް ގެންދަވަނީ ހެޔޮ އުފާވެރި ބަދަލުތައް ގެނެސް ދެއްވަމުން ކަމަށް ސަމީރު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ގެނެސްދެއްވަމުން ގެންދަވާ ހެޔޮބަދަލެއް ބަލައިގަތުމުގެ ހިއްވަރެއް ވާދަވެރި ސިޔާސީ ލީޑަރުންގެ ކިބައިން ނުފެންނަ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ވިއްކަމުން ގެންދަނީ ދޮގުކަމަށް ސަމީރު ތުހުމަތު ކުރެއްވިއެވެ.

“ޤައުމުގައި ފިތުނަފަސާދަ އުފަންކުރުވައިގެން ދޮގުވިއްކައިގެން ލިބިދާނެ ރައްޔިތުންގެ ވޯޓެއް ނޯންނާނެކަން ވެސް އެބޭފުޅުންނަށް ހަމަ ރީތިކޮށް އެނގި ސާފުވެލައްވާނެ.” ސަމީރު މިއަދު ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް މިއަދު ވިދާޅުވީ ދައުލަތުގެ ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށާއި، މުވައްޒަފުންގެ މެދުގައި ހުރި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ކުރަމުން އަންނަނީ މުހިންމު މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ޕްރައިވެޓް ސެކްޓާގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިންސާނީ ކަރާމާތާއި، އެމީހުންނަށް ޤާނޫނީ ގޮތުން ލިބެންޖެހޭ ޙައްޤުތަކަށް ފުރިހަމައަށް ލިބިދިނުމަށް ވެސް އިލްތިމާސް ކުރައްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު