ބައެއް ފަރާތްތަކުން އުޅެނީ ބަރުމާއާއި ނޯތު ކޮރެއާފަދަ ޤައުމަކަށް ރާއްޖެ ހެދުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެންބަރު ޝަރީފް މިއަދު ވިދާޅުވީ އިދިކޮޅު ޕީޕީއެމް އާއި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްފަދަ ބޭފުޅުންގެ ވިސްނުމަކީ ރާއްޖެ މުޅިދުނިޔެއާ އެކަހެރިކޮށް ވަކިން ބޭއްވުން ކަމަށެވެ.

އެގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އާއި އ.ދ އާއި ބައިނަލްއަޤުވާމީ މުއާޙަދާތަކަށް ގޮންޖައްސަވާ ފަރާތްތައް ވެރިކަމަށް ގެނައުމުގައި ރައްޔިތުން ވިސްނަންޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެއީ ރާއްޖޭގެ އަގު ބައިނަލްއަޤުވާމީ ދުނިޔޭގައި ވެއްޓޭނެކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ މުއާޙަދާތަކަށް ޢަމަލު ނުކުރާ އަދި ބައިނަލްއަޤުވާމީ ޓްރައިބިއުނަލްތަކުގެ ނިންމުންތަކަށް އިޙްތިރާމް ނުކުރާ ބަރުމާ އާއި އުތުރުކޮރެއާފަދަ ދުނިޔެއާ އެކަހެރިކޮށް އޮންނަ ޤައުމުތަކާ އެއްގޮތަށް ދިވެހިން އުޅުމަށް ހިތްވަރުދެއްވާ ފަރާތްތައް ސިޔާސީ އެއްވެސް މަޤާމަކަށް ހޮވުމަކީ ބުއްދިވެރިކަމެއް ނޫންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

“ބަރުމާގެ ޙާލަތާދޭތެރޭ އަޅުގަނޑުމެން ވިސްނިންތޯ. ނޯތު ކޮރެއާގެ ރައްޔިތުން އުޅޭ ޙާލު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އެނގޭތޯ.” މެންބަރު ޝަރީފް ސުވާލު އުފައްދަވާފައިވެއެވެ.

ޝަރީފް ވިދާޅުވީ އެޤައުމުތަކުގެ ރައްޔިތުން އުޅޭ ޙާލަށް ބެލުމުން ބައިނަލް އަޤުވާމީ މުއާޙަދަތަކަށް ޢަމަލު ނުކުރުމުގެ ނަތީޖާ ފެންނާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ވަކާލާތު ކުރަނީ އެފަދަ ޤައުމަކަށް ރާއްޖެ ހެދުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު އިދިކޮޅު ފަރާތްތަކުން އެދޭގޮތަށް ޢަމަލުކޮށްފިނަމަ ރާއްޖޭގެ އިސްތިޤުލާލާއި މިނިވަންކަން ދަމަހައްޓަން ދަތިވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެން ޤައުމުތަކުގެ ސަރަޙައްދަށް ދިވެހިން އިޙްތިރާމް ނުކުރާނަމަ އެޤައުމުތަކުންވެސް އެ އިޙްތިރާމް ދިވެހިންނަށް ނުދޭނެކަމަށާއި އޭރުން އޮންނާނީ ބަޑީގެ ބާރުކަމަށް ޝަރީފް ވިދާޅުވިއެވެ.

ކުދިޖަޒީރާ ޤައުމުތަކުގެ މިނިވަންކަން އެގޮތުގައި ހިފެހެއްޓިފައި އޮންނަނީ ދުނިޔޭގެ ބާރުގަދަ ޤައުމުތަކުންވެސް ބައިނަލްއަޤުވާމީ އެއްބަސްވުންތަކަށް އިޙްތިރާމް ކުރާތީ ކަން ފާހަގަކުރަށްވަމުން ޝަރީފް ވިދާޅުވީ އެހެންކަމުން އިދިކޮޅުން ދައްކަނީ ނުރައްކާތެރިކަންބޮޑު ވާހަކައެއް ކަމަށެވެ.

ޝަރީފް މީގެ ކުރިންވެސް ވިދާޅުވެފައިވަނީ ރާއްޖެއާއި ޗާގޯސްގެ އިމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުން ޤަބޫލު ނުކުރާނަމަ ދެން އޮންނާނީ ޖަންގަލީގެ ޙުކުމް ކަމަށެވެ.

ނަމަވެސް އިޓްލޮސްގެ ނިންމުން ބަލައިނުގަތުމަށް ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު