އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުން ޤަބޫލު ނުކުރާނަމަ ދެން އޮންނާނީ ޖަންގަލީގެ ޙުކުމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިމޭރުމުން ވިދާޅުވީ، ރާއްޖެއާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ ޚާއްސަ އިޤްތިސާދީ ސަރަޙައްދު ފުށުއަރާ 95,000 އެއްހައި އަކަކިލޯމީޓަރުގެ ސަރަހައްދުގެ މައްސަލާގައި އިޓްލޮސްއިން ނެރުނު ޙުކުމް ބަލައިނުގަތުމަށް ވާދަވެރި ސިޔާސީ ފަރާތްތަކުން ގޮވާލައްވަމުން ގެންދަވާތީ އެކަމަށް ރައްރު ދެއްވުމުގެ ގޮތުންނެވެ. މީގެކުރިން ރާއްޖޭގެ ދެކުނުގެ އިން އެއްވެސް ދުވަސްވަރެއްގައި ވަކިކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ، ވާދަވެރި ސިޔާސީ ފަރާތްތަކުން އެއްވެސް ޒިންމާދާރުކަމެއް ނެތި ދައްކަވާ ވާހަކަތައް ހުއްޓާލަންޖެހޭ ކަމަށެވެ. އެގޮތުން އެހެން ޤައުމުތަކުގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދަށް ދިވެހިންނަށް ވަދެވޭނަމަ އެޤައުމުތަކަށްވެސް އެފުރުސަތު އޮންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"އިޓްލޮސްގެ ނިންމުން އަހަރެމެން ޤަބޫލު ނުކުރަންޏާ ދެންއޮންނާނީ ޖަންގަލީގެ ހަމަ. ގަދަމީހާ ގަދަ. ބަލިމީހާ ބަލި." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭން އަވަށްޓެރި ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަކީ މުހިންމުކަމެއް ކަމަށެވެ. އެގޮތުން ދިވެހިންގެ މަސްކަނޑުތައް ޙިމާޔަތް ކުރުމަށް މޮރީޝަސްއާއެކު ގާތްގުޅުމެއް ބާއްވަން ޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނުގެ އިމުގެ މައްސަލާގައި އިޓްލޮސްއިން ނިންމާފައިވަނީ ދެ ޤައުމުގެ ދެމެދު ބަހަންޖެހޭ 92563 އަކަކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް 47232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45331 އަކަކިލޯމީޓަރު ކަނޑައެޅުމަށެވެ.

އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އަދި ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު