މަރިޔަމް ލަމްޙާ ރަޝީދު   25 އޭޕްރީލު 2023 - 14:0
ދިރިއުޅުމުގައި ބައިވެރިޔާ ތަހައްމަލު ކުރަމުންދާ ވޭނާއި ކެކުޅުން އޮޅުންފިލުމުން އެކަމުން ބައިވެރިޔާ ދުރުކުރުމަށް އެހީތެރިވެވޭނެއެވެ.
ދިރިއުޅުމުގައި ބައިވެރިޔާ ތަހައްމަލު ކުރަމުންދާ ވޭނާއި ކެކުޅުން އޮޅުންފިލުމުން އެކަމުން ބައިވެރިޔާ ދުރުކުރުމަށް އެހީތެރިވެވޭނެއެވެ.
ރުޅިއަކީ އަހަރުމެންނާއި ދިމާވާ ކަންކަމުގައި ދފާއުވުމަށްޓަކައި އިސްކުރެވޭ، ހަމަ ކޮންމެ އިންސާނަކުވެސް ދަންނަ އާއްމު އިހުސާސެކެވެ. އެހެން ނަމަވެސް، ބައިވެރިޔާއަކީ ކުއްލި ރުޅިއަންނަ މީހެއްނަމަ އެކުގައި އުޅެން އުނދަގޫވެދާނެއެވެ.

އެކި މީހުންނަކީ އެކި ކަންކަން ދިމާވުމުން ރުޅި ކޮންޓްރޯލް ނުވެދާ ފަދަ މީހުންނެވެ. އަދި ގިނަ މީހުންނަކީ ރުޅި އަތުވެދާހިނދު އަނެކާގެ އިހުސާސްތަކަށް ބެލުމެއްނެތި އެވަގުތަކު އޭނާ ބޭނޫން ވާހަކަތަކެއް ބޭރުކޮށްލައި އަނެކާ އެއްކޮށް ނިކަމެތިކޮށް ދެރަކޮށްލަން ބޭނުންވާ މީހުންނެވެ.

އެހެންކަމުން ރުޅިގަދަ މީހަކާއެކު އުޅުމަކީ ތިމާމީހާ އަބަދުވެސް ކޮންމެވެސް ކަމެއް ދިމާވެދާނެތީ ނުވަތަ ބައިވެރިޔާ ރުޅިއަތުވެދާނެތީ އަބަދުމެ ހާސްކަމެއްގައި އުޅެންޖެހިފައިވާ މީހެކެވެ. ކުރެވޭ ކިތަންމެ ކުޑަކަމަކުންވިސްޔަސް ހީވާނީ ދުނިޔެ ރަންވީހެނެވެ.

ރުޅިގަދަ މީހުންނަނީ އާއްމުގޮތެއްގައި ކޮންމެވެސް އެހެން ކަންކަމަކާއި ދެރަވެ އެކަނި އެމީހުން ކުރާ ހިތާމަތަކެއް ތަހައްމަލު ކުރާ މީހުންނެވެ. މިމީހުން އެކަންތައްތައް ހިންދާލައިގެން ތިބުމުގެ ސަބަބުން ބޭރުކުރަންޖެހޭ މި އިހުސާސްތައް ބޭރުނުވެ ސިނކުނޑީގައި ފުނިޖެހިފައި ހުރުމުގެ ސަބަބުން އެހެން ކަންކަމާއި ދިމާވުމުން ކުއްލިޔަކަށް ރުޅި އިސްކުރެވެނީއެވެ.



އެހެންކަމުން ތިމާގެ ބައިވެރިޔާގެ ފަރާތުން މިފަދަ ކަންކަން ފެންނަނަމަ އެންމެ ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ ބައިވެރިޔާ ހަމަޖެހިފައި ހުންނަ ވަގުތެއްގައި އެކަމާއި ވާހަކަ ދައްކައި އޭނާގެ އިހުސާސްތައް ދެނެގަންނަން މަސައްކަތް ކުރުމެވެ. ހަމަމިގޮތަށް އެކުގައި އުޅޭ ދެމީހެއްގެ ދެމެދުގައި އެކަކު އަނެކަކަށް އޮންނަންޖެހޭ އިހުތިރާމާއި ޤަދަރު ގެއްލުވާލިޔަ ނުދީ ހިފެހެއްޓުމަކީ މުހިންމުކަމެއްކަން ރުޅިގަދަ ބައިވެރިޔާއަށްވެސް ވިސްނައިދޭން ވާނެއެވެ.

އަދި ރަނގަޅު ދިރިއުޅުމެއް ހޯދުމަށްޓަކައި މިފަދަ ކަންކަން ދިމާވުމުން ދެމީހުންވެސް ކައުންސިލިންގ ހޯދައި ކަންކަމުގެ ހައްލު ހޯދުމަކީ މުހިންމު ކަމެއްކަން ބައިވެރިޔާ އަށް ވިސްނައިދޭށެވެ.

މިލިޔުމުގައި މި ހިމަނާލަނީ އެންސޯ ވެލްނެސްގެ ފައުންޑަރ އަދި ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭ އެކިއެކި ދާއިރާތަކުގެ ކައުންސިލައެއް ކަމުގައިވާ އަރޫބީ ކަބީރު، ރުޅިގަދަ ބައިވެރިޔަކާއި އެކު އުޅޭނެގޮތާއި ބެހޭގޮތުން ދެއްވާފައި ހުރި އިރުޝާދުތަކެވެ.

ރުޅިގަދަ ބައިވެރިޔަކާއެކު ކަންތައްތައް ކުރަންވީގޮތް:

1. އަމިއްލަ މީހާ ރުޅި ކޮންޓްރޯލްކުރުން:

ބައިވެރިޔާއަކީ ހަމަޖެހޭ ކަންކަމާއި އަދި ތިމާއަށް ވިސްނޭގޮތުގައި ހަމަނުޖެހޭ ތާކުންތާކު ނުޖެހޭފަދަ ކަންކަމާވެސް ރުޅި އިސްކުރާ މީހެއްނަމަ އޭނާގެ ރުޅީގެ މައްޗަށް ތިބާ ރުޅި އިސްކުރަން ނުހަދާށެވެ. ރުޅިއައިސް ބައިވެރިޔާއަށް ރުޅިމޫނު ދައްކައި، އަޑު ގަދަކޮށް ހެދުމުން އޭނާ މާބޮޑަށް ކޮންޓްރޯލުން ނައްޓައި ރުޅި ގަދަވާނެއެވެ. އެހެންކަމުން ވީހާވެސް ބޮޑަކަށް މަޑުމައިތިރިވުން މުހިންމެވެ.

2. ވެގެން އުޅޭގޮތް ރަނގަޅަށް އޮޅުންފިލުވުން:

ބައިވެރިޔާ ހަމަޖެހިފައި ހުންނަ ދަނޑިވަޅެއް ބަލައި އޭނާއާއި ވާހަކަ ދައްކައި އޭނާގެ އިހުސާސްތައް ދެނެގަންނާށެވެ. ރުޅިއަކީ ހަޤީޤަތުގައި މިފަދަ މީހުން ކުރަމުންދާ އެހެން އިހުސާސްތަކެއް މަތި އަޅުވައި އޮއްބާލަން ބޭނުންކުރާ 'ކޯޕިން' މެކެނިޒަމްއެކެވެ. އެހެންކަމުން އަބަދު ރުޅިއައިސް ހުންނަނަމަ ބައިވެރިޔާގެ އިހުސާސްތައް ދެނެގަނެ އޭނާގެ ދިރިއުޅުމުގައި އޭނާ ތަހައްމަލު ކުރަމުންދާ ކަންތައްތައް އަހައި އޮޅުންފިލުވައި ހެދުމުން، އޭނާގެ ހާލަތު ރަނގަޅަށް އޮޅުން ފިލާނެއެވެ. އަދި އެކަމުން ސަލާމަތްވުމަށް ބައިވެރިޔާއަށް އެހީތެރިވެވޭނީވެސް އޭރުންނެވެ.

3. ބައިވެރިޔާ އިޚްތިޔާރުކުރީ ކީއްވެކަން އަމިއްލަ ނަފްސާއި ސުވާލުކުރުން:

ކޮންމެ މީހަކާއިވެސް އަހަރުމެން އެންމެންވެސް ގުޅެނީ ވަކިކަހަލަ ސިފަތަކެއް ހުރީމައެވެ. އަދި ކޮންމެ ގުޅުމެއްވެސް ދޫކޮށްލުމުގެ އިޚްތިޔާރު ލިބިގެންވާ އިރު އެކުގައި އުޅެން ތިޔަ ޚިޔާރު ކުރަނީ ކީއްވެގެންކަން ދެނެގަންނާށެވެ. އެހެންކަމުން ރުޅިގަދަ މީހަކާއިއެކު އުޅެން ގަސްދުކުރާނަމަ، ދިރިއުޅުމުގައި އުނދަގޫ ކަންކަމާއި ކުރިމަތިލާންޖެހޭނެކަން ދެނެގަނެ ކުރިޔަށް ދިއުމުން މިފަދަ ހާލަތްތަކާއި އެކު އުޅުމަށް ތިމާއަށް ފަސޭހަވާނެއެވެ.

4. އަމިއްލަ ނަފްސު އިސްލާހުކުރުމަށް މަސައްކަތް ކުރުން:

ރުޅިގަދަ މީހާ އަބަދުހެން ރުޅި އިސްކޮށް ބާރަށް ބަސްބުނެ ހަދާނަމަ އަމިއްލަ ނަފްސަށް އޮންނަންޖެހޭ އިތުބާރު ގެއްލި ތިމާއަށް އަނެކާ އިޙްތިރާމް ނުކުރާ ކަމުގެ އިހުސާސް ކުރެވެން ފަށައެވެ. އެހެންކަމުން މިގޮތަށް ގޮސް އަމިއްލަ ނަފްސް ހަލާކަށް ވައްޓާނުލުމަށްޓަކައި، އެފަދަ ހާލަތްތަކުގައި ތިމާ ރުޅިއިސްނުކޮށް އަމިއްލަ އިހުސާސްތައް ބޭރުކުރާނެ ގޮތްތައް ހޯދައި އިހުތިރާމާއި ލޯތްބާއިއެކު ކެތްތެރިވާން ދަސްކުރަންވާނެއެވެ.

5. އެހީތެރިކަން ހޯދުން:

އަހަރުމެން ދިރިއުޅުމުގައި ބޭނުންވާ އެކިއެކި ހުނަރުތައް ސްކޫލުން ދަސްކޮށްދިން ނަމަވެސް މިފަދަ ކަންކަމުގައި ދެފަރާތުންވެސް ކަންކުރަންވާގޮތް ދަސްކޮށްދީފައެއް ނުހުރެއެވެ. އެހެންކަމުން، ނަފްސާނީ މިފަދަ ކަންކަމުގައި ކައުންސިލަރެއްގެ އެހީތެރިކަން ހޯދުމަކީ މިފަދަ ކަންކަން ހައްލު ކުރުމަށް ކުރެވިދާނެ މުހިންމުކަމެކެވެ.

6. އަނެކާ ބަލިކޮށްލައި ތިމާ މޮޅުވާން މަސައްކަތް ނުކުރުން:

ބައެއް ފަހަރު ރުޅިގަދަވެ ހަޅޭލައި ދެމީހުން ޒުވާބު ކުރުމުން ނަފްސާނީގޮތުން ގެއްލުން ދިނުމުގެ އިތުރުން ޖިސްމާނީގޮތުން އެކަކު އަނެކަކަށް ގެއްލުންދޭ ހިސާބަށްވެސް ދެއެވެ. އެހެންކަމުން، ރުޅިގަދަ މީހާ ރުޅިއިސްކުރުމުން އޭނާގެ މައްޗަށް އަޑުލައި މޮޅުވާން މަސައްކަތް ނުކުރާށެވެ. ތިމާ މީހާ ދެކޭގޮތް ރަނގަޅުވިނަމަވެސް އެކަމާއި ވަހާކަ ދެއްކުމަށް މިއީ ރަނގަޅު ދަނޑިވަޅެއް ނޫނެވެ. އެހެންކަމުން ބައިވެރިޔާ ރުޅިއިސްކުރާއިރު އޭނާގެ އިހުސާސްތައް އަޑުއަހައި މަޑުމައިތިރިކަމާއެކު ވާހަކަ ދައްކައި އޭނާ ހަމައަކަށް އެޅުވޭތޯ ބަލާށެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޣގ

29-Apr-2023

ގިނަފަހަރު ތިމާ ބޭނުން އެއްޗެއް ދުއްވާލާ ދެން އިތުރަށް އެއްޗެއް ނުބުނެހުރުން ރަގަޅީ..... އިން މައި އެކްސްޕިރިއަންސް


-8

އިޖުތިހާދު

29-Apr-2023

ރުޅިގަދަ ބައިވެރިޔަކާއެކު ކަންތައްތައް ކުރަންވީގޮތުގެ 3 ވަނަ ޕޮއިންޓް ގައި ބުނެވޭ ފަދައިން, ބައިވެރިޔާ އާ އެކޮށް ހަފްތާ އެއް ވާއިރަށް ބައިވެރިޔާ އިޚްތިޔާރުކުރީ ކީއްވެކަން ދުވަހަކުވެސް ހަނދާނެއް ނުހުރޭ...



ޓްރެންޑިން