ހެޑް ސެޓާއި އިއާ ބަޑް ބޭނުންކުރުމުން އަޑު އިވުމަށް ނޭދެވޭ އަސަރު ކުރޭ
ހެޑް ސެޓާއި އިއާ ބަޑް ބޭނުންކުރުމުން އަޑު އިވުމަށް ނޭދެވޭ އަސަރު ކުރޭ
މީހުންގެ ތެރޭގައި އުޅޭއިރު ނުވަތަ މަގުމައްޗާއި ހަލަބޮލި މާހައުލު ތަކުގައި އުޅޭއިރު ފޯނުން ވާހަކަ ދައްކާއިރު، އަނެއް ކޮޅުން ދައްކާވާހަކަ ރަނގަޅަށް ސާފުވުނެއެވެ. އެހެންކަމުން ކޮންމެވެސް ކަހަލަ ހެޑްސެޓެއް ނުވަތަ އިއާ ބަޑްއެއް ބޭނުން ކުރަންޖެހެއެވެ. އަދި ޖޮގިންއަށް ދާއިރުގައްޔާއި ޖިމްގައި އުޅޭއިރު ކޮންމެވެސްކަހަލަ ޕޮޑްކާސްޓެއް ނުވަތަ އަޑުއަހަން ބޭނުންވާ މަދަހައެއް ނުވަތަ ލަވައެއް އެހެން މީހުންނަށް އުނދަގޫ ނުވާނެހެން އަޑުއަހާލުމަށް ބޭނުންވުމުންވެސް މިފަދަ ޑިވައިސްއެއް ބޭނުންކޮށްލެވެއެވެ.

މިފަދަކަންކަމަކީ ހިތްހަމަޖެހުން ލިއްބައިދޭ ކަމެއް ނަމަވެސް މި ޑިވައިސްތަކުގެ ބޭނުން އަބަދު ކުރަންވެއްޖެނަމަ ކަންފަތަށް ގެއްލުމެއް ލިބިދާނެކަމަށް ވިސްނަންވާނެއެވެ. އެހެންކަމުން މިލިޔުމުގައި މިބަލާލަނީ އިއާރ ބަޑްސްއާއި ހެޑްސެޓްގެ ސަބަބުން ކަންފަތުގެ އިންފެކްޝަނާއި އަޑުއިވުމަށް އަސަރު ކުރާ ގޮތްތަކަށެވެ.

އިއަރ ބަޑްއިން ކަންފަތަށް އިންފެކްޝަން އުފެދޭ ގޮތް:

އަހަރުމެންގެ ކަންފަތްތައް ހުންނަނީ ތެތްކަމަކާއި، ކަންފަތުގެ މަޑު ނުވަތަ އިއަރ ވެކްސް އަދި ކަންފަތުގައި ހުންނަ ޖަރާސީމުތަކުން ފުރިފައެވެ. އަދި މިއީ އާއްމު ހާލަތުގައި ނުވަތަ ރަނގަޅު ޞިއްޙަތެއްގައި ހުންނަ މީހެއްގެ ކަންފަތް ވެސް ހުންނާނެ ގޮތެވެ. ޖަރާސީމާއި އިއަރ ވެކްސް އަކީ ޤުދުރަތީ ގޮތުން ސާފުވާ އެއްޗެއްސެވެ. އެހެން ނަމަވެސް އިއަރ ބަޑްސްއާއި ހެޑްސެޓްގެ ސަބަބުން މިތަކެތި ކަންފަތުން ބޭރުވިޔަނުދީ ކަންފަތުގެ އެތެރޭގައި ހަރުލާފައި ހުރުމަށް މަގުފަހިވެއެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، ބެކްޓީރިއާއައި ފަންގަސް ފަދަ ޖަރާސީމުތަކަކީ ތެތްކަންގަދަ ހޫނު ތަންތަނުގައި ގިނަވެ އާލާވާ ޖަރާސީމު ތަކެކެވެ. ކަންފަތަކީ ހަށިގަނޑުގެ ހޫނުކަން ހުންނަ އަދި މިފަދަ ޖަރާސީމުތައް އާލާވުމުގެ މާހައުލެއް އޮންނަ ތަނެކެވެ. އަދި އިއަރ ބަޑްސްއާއި ހެޑްސެޓް އެޅުމުން ކަންފަތުން މި ތެތްކަން ހިއްކައި ދިނުމަށް ބޭނުންވާ ވައި އެއްކޮށް ބަންދުވެ އެތަކެތި ގިނަ އިރުވަންދެން ކަންފަތުން ބޭރުނުވެ ހަރުލާފައި ހުރެއެވެ. އަދި އިއާބަޑްތަކުގައި ހަރުލާފައި ހުންނަ ޖަރާސީމުތައްވެސް ކަންފަތަށް ވާސިލްވެއެވެ. އެހެންކަމުން މިޖަރާސީމުތައް ގިނަވުމުން ކަންފަތުގެ އިންފެކްޝަން ޖެހުމަށް މެދުވެރިވަނީއެވެ.

އިއާރ ބަޑްއިން ކަންފަތުގެ އިވުމަށް އަސަރުކުރާ ގޮތް:

މަތިންދާ ބޯޓުފަދަ އަޑުގަދަ މާހައުލު ތަކުގައި ވީޑިއޯއެއް ބާލާލުމަށް ނުވަތަ ލަވައެއް އަޑުއަހާލުމަށް އާއްމުކޮށް ފޯނުގައި ހުންނަ 'ވޮލިއުމް' ބާރުކޮށްލައި އަޑުގަދަ ކޮށްލަން ޖެހެއެވެ. އެހެން ނޫނީ ފަހަތުން އިވޭ އަޑުތައް އިވި ބަލަން ބޭނުންވާ ވީޑިއޯގައި ދައްކާ ވާހަކައެއް އަޑެއް ނީވެއެވެ. ކޮންމެއަކަސް، މިގޮތަށް ހެދުމުން އަޑުއިވުމަށް އަސަރު ކުރެއެވެ. ސަބަބަކީ އަޑުއިވުމުގެ ހިއްސު އުފެދިފައި ހުންނަނީ ކަންފަތުގައި ހުންނަ ވަރަށް މަޑު އިސްތަށިތަކަކުން އަންނަ ވައިބްރޭޝަންއަކުން ކަމަށް ވެފައި، ގިނައިރު ވަންދެން އަޑުގަދަކޮށް އެއްޗެހި އަޑުއެހުމުން މިއިސްތަށިތައް މާބޮޑަށް 'ބެންޑް'ވެ އޭގެ ބައެއް އިސްތަށިތައް އެއްކޮށް ހަލާކުވާތީއެވެ.

އިންފެކްޝަންއެއް ހުރިކަމުގެ ބައެއް އަލާމާތްތައް:

ކަންފަތުގައި އިންފެކްޝަންއެއް އުފެދިއްޖެނަމަ އާއްމުގޮތެއްގައި ކަންފަތް ހިރުވައި ތަދުވެ އަދި ކަންފަތުން ފެން އަންނަގޮތް މެދުވެރިވެއެވެ. މީގެ އިތުރުން އަބަދުހެން ކަންފަތް ބައްވެފައި ހުންނަހެން ހީވުމާއި ކަންފަތުގެ އެތެރެއިން ތޫނު ތަދެއް އިހުސާސް ކުރެވުމުގެ އިތުރުން ހޮޑުލަވާގޮތްވުމަކީވެސް ކަންފަތުގައި އިންފެކްޝަންއެއް ހުރި ނަމަ ފެނިދާނެ އަލާމާތްތަކެކެވެ. މިފަދަ ކަންކަން މެދުވެރިވާނަމަ ލަސްނުކުރައްވާ ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހެޑް ސެޓާއި އިއާ ބަޑްސް ބޭނުން ކުރާއިރު ލިބިދާނެ ގެެއްލުތަކަށް މީހާ އަހުލުވެރިވެ ހުރެ، މި ޑިވައިސްތައް މަދުން ބޭނުންކޮށްލުމަކުން މައްސަލައެއް ނުޖެހޭނެއެވެ. ސަމާލުކަންދޭވީ އިއަރ ބަޑްސް ބޭނުންކުރާއިރު، ޤަވައިދުން އެ ސާފް ކުރުމާއި އަދި އޭގެ ބޭނުންކުރުން މަދުކުރުމުގެ އިތުރުން މާއަޑު ގަދަކޮށް ވޮލިއުމް ނުބެހެއްޓުމެވެ. އަދި ކަންފަތުގައި އިންފެކްޝަން އުފެދިގެން އުޅޭ ދުވަސްތަކުގައި އިއަރ ބްޑްސް އެއްގޮތަކަށްވެސް ބޭނުން ނުކުރުމުގެ އިތުރުން ފަހުން އިންފެކްޝަން ރަނގަޅުވެ ހަމަޔަކަށް އެޅުމުން އިއަރ ބްޑްސްގެ ބަދަލުގައި އެކްސްޓާނަލް ހެޑް ފޯނެއް އިޚްތިޔާރު ކުރުމެވެ. ހެޑްފޯން ބޭނުން ކުރިނަމަވެސް މާއަޑު ގަދަކޮށް ވޮލިއުމް ނުބެހެއްޓުމަށް ފަރުވާތެރި ވާންވާނެއެވެ. ހެޑްފޯނުވެސް އަބަދު ބޭނުންކުރުން ރަނގަޅެއް ނުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން