މަރިޔަމް ލަމްޙާ ރަޝީދު   20 އޭޕްރީލު 2023 - 14:35
ވިހެއުމުގެ ބައެއް ޙާލަތުތަކުގައި އެންމެ ރައްކާތެރީ ސިޒޭރިއަން ހެދުން
ވިހެއުމުގެ ބައެއް ޙާލަތުތަކުގައި އެންމެ ރައްކާތެރީ ސިޒޭރިއަން ހެދުން
ސިޒޭރިއަންއަކީ ދުނިޔޭގައިވެސް އެންމެ ގިނައިން ހެދޭ ސާޖަރީއެވެ. އަދި އާއްމުގޮތެއްގައި ދުނިޔެއަށް އުފަންވާ ކުދިންގެ ފަންސަވީސްއިންސައްތަ ކުދިން އުފަންވަނީ ސީސެކްޝަން މެދުވެރިކޮށެވެ. ބައެއް ހާލަތުގައި، މަންމައާއި ދަރިފުޅަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި ސީސެކްޝް ޕްލޭންކޮށްގެން މިގޮތަށް ކުއްޖާ އުފަން ކުރެއެވެ. އެމެޖެންސީ ހާލަތެއްގައި ސީސެކްޝަންތައް ހަދަނީ ކުއްޖާއާއި މަންމައަށް ލިބޭ ކުއްލި ނުރައްކަލެއްގެ ސަބަބުން ދެމައިންގެ ފުރާނަ ސަލާމަތް ކުރުމަށެވެ.

މީގެ ތެރޭގައި މާގަދައަށް ލޭއައުން، ފަހާފައި ހުރި ތަނެއް ފަޅައިގެން ދިއުން އަދި ދަރިފުޅު ކަރުގައި ފޫޅު އޮޅިފައި ހުރުން ފަދަ ހާލަތްތައް ހިމެނެއެވެ.

މީގެ އިތުރުން ވިހެއުން ދިގު ދެމިގެން ދާއިރު ކުއްޖާއަށް ގެއްލުންވުމުންނާއި އެންމެ އެކަށޭނެ ގޮތަށް ވިހެއުމުގެ ކަންކަން ކުރިއަށް ނުދާކަމަށް ޑޮކްޓަރަށް ފެނިއްޖެ ހާލަތެއްގައިވެސް އެމެޖެންސީ ސީސެކްޝަންއަކަށް ހިނގައިދާނެއެވެ.

އެހެންނަމަވެސް، ސީސެކްޝަންއަކީ އާއްމުންގެ ތެރޭގައި ގިނަ ކުށްހީތަކެއް ހުރި ސާޖިކަލް ޕްރޮސީޖާއެކެވެ.



މިއީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ހެދޭ ސާޖިކަލް ޕްރޮސީޖާ ކަމުގައިވީނަމަވެސް، މިއީ އާދައިގެ ކުޑަ ޕްރޮސީޖާއެއް ނޫނެވެ. މިއީ ރަހިމާއި ހަމައަށް ބަނޑުގެ ފަށަލަތައް ކަފައިގެން ކުރާ، ބަނޑުގެ ބޮޑު އޮޕަރޭޝަންއެކެވެ. ކޮންމެ އޮޕަރޭޝަނަކީވެސް ރިސްކުތަކެއް ހިމެނޭ ނުވަތަ ނުރައްކާތަކެއް ހިމެނޭ އޮޕަރޭޝަނެކެވެ. އަދި ސީސެކްޝަންއަކީވެސް މަންމައާއި އަދި ދަރިފުޅަށްވެސް ނުރައްކާވެދާނެ ޙާލަތްތައް މެދުވެރިވެދާނެ ޕްރޮސީޖާއެކެވެ. އާއްމުކޮށް ވިހާގޮތް ނުވަތަ 'ވެޖައިނަލް ޑެލިވަރީ' ދަރިފުޅާއި މަންމައަށް ސީސެކްޝަންއާއި އަޅާ ބަލާއިރު މާރައްކާތެރިއެވެ.

ސިސޭރިއަން ޕްރޮސީޖާގައި ރިކަވަރީ އަށް ނަގާ ވަގުތު 4 ހަފްތާއާއި 6 ހަފްތާއަށް ދިގު ދެމިގެން ދެއެވެ. އެހެންނަމަވެސް، ބޭސްވެރިކަމަށް ލިބެމުންދާ ކުރިއެރުންތަކުގެ ސަބަބުން މިޕްރޮސީޖާ ހަދާތާ 12 -6 ގަޑިއިރާއި ދެމެދު މައިމީހާއަށް ހަރަކާތްތެރި ވެވޭވަރަށް ރިކަވަރވެއެވެ. އަދި ކުރީބައިގައި ދެވޭ ޕެއިން ރިލީފްއާއި އަވަސް ފަރުވާތައް ލިބުމުން މައިމީހާ ރަނގަޅުވުމަށް ނަގާ ވަގުތު ކުޑަވެގެންދެއެވެ.

އަލަށް މާބަނޑުވާ މީހުންނަށް ސިސޭރިއަންއަކާއި ނުލައި ވިއްސުމަކީ ކޮންމެ ޑޮކްޓަރަކުވެސް ފުރަތަމަ އިސްކަމެއް ދޭނެ ކަމެވެ. އެހެން ނަމަވެސް ވިހާ ދުވަސް ގާތްވެފައިވަނިކޮށް، ބައެއް ހާލަތްތައް މެދުވެރި ވެއްޖެނަމަ ސިސޭޒިއަން ހަދަން ޖެހިދާނެކަމަށް ކުރީބައިގައި ދެމަފިރިންނާއި ހިއްސާކޮށް ސިސޭރިއަން ޕްލޭން ކުރެވެއެވެ. މިގޮތަށް މެދުވެރިވާ ހާލާތްތަކުގެ ތެރޭގައި ކުއްޖާ ބްރީޗް ވުން ނުވަތަ ބޯކޮޅު މައްޗަށް އޮތުން ޕްލެސެންޓާ ޕްރިވިއާ ނުވަތަ ރަހިމުގެ ދޮރުގައި މަސް އުފެދިފައި ހުރުން (މީގެ ސަބަބުން ގަދަޔަށް ލޭއަމުގެ ފުރުސަތު ބޮޑުވޭ) ހިމެނެއެވެ.

ސިޒޭރިއަންއާމެދު ކުރެވޭ ކުށްހީތައް:

1. ސިޒޭރިއަންގައި ދެވޭ އެނެސްތީޝިއާ ބެހޭގޮތުން ކުރެވޭ ކުށްހީތައް:

ސިސޭރިއަންގައި ދެވޭ އެނެސްތީޝިއާއަކީ ހަމައެކަނި ބަނޑުން ފަށައިގެން ތިރިއަށް އައްސި ކުރުވާ އެއްޗެކެވެ. މިއީ އާއްމުކޮށް އެހެން ޕްރޮސީޖާތަކުގައި ދެވޭ ހޭނައްތާ ޖެނެރަލް އެނެސްތީޝިއާއެއް ނޫނެވެ. މިއީ ބުރިކަށީގެ މައިބަދަ ކައިރީގައި އެކުލެވޭ ދިޔައި ފްލުއިޑްތަކަކަށް އިންޖެކްޓްކޮށްގެން ދެވޭ އެނެސްތެޓިކް ބޭހެކެވެ. މިއީ އަވަސް އަދި އެންމެ ރައްކާތެރި ގޮތެވެ. އެހެންކަމުން މިޕްރޮސީޖާއަށް އެންމެ ރަނގަޅު އެނެސްތީޝިއާއެވެ. މީގެ ސަބަބުން ސާޖަރީ ހަދަމުންދާއިރު ތަދު އިހުސާސް ނުކުރެވެއެވެ. އަދި މީގެ އަސަރު 4 ގަޑިއިރަށް ހުންނާނެއެވެ.

ބައެއް މީހުން ޤަބޫލުކުރާގޮތުގައި ދާއިމީގޮތެއްގައި ބުރިކަށީގައި ރިއްސުމަކީ މިޕްރޮސީޖާގެ ސަބަބުން ދިމާވާ ކަމެކެވެ. އެހެން ނަމަވެސް، މިގޮތަށް ބުރިކަށީގައި ރިއްސުން ދެމިގެންދަނީ މާބަނޑު ދުވަސްވަރު އުފެދޭ ހޯމޯންގެ ސަބަބުން ލިގަމެންޓްސްއާއި ބުރިކަށީގައި ހުންނަ މަސްތަކުގެ ބާރު ދޫވެ، ބަނޑުގެ މަސްތައްވެސް ދޫވުމުގެ އިތުރުން ގާތުން ދިނުމުގައާއި ދަރިފުޅުގެ ކަންކަން ކުރުމުގައި ހަށިގަނޑު ސީދާކޮށް ރަނގަޅު ޕޯސްޗަރ ނުހިފެހެއްޓުމުގެ ސަބަބުން ހުންނަ ރިހުމެއް ކަމަށް ޑޮކްޓަރުން ބުނެއެވެ.

2. ދެން އަވަހަށް ދަރިން ނުލިބޭނެކަމަށް ހީވެފައި އޮންނަ ހީވުން:

ސިޒޭރިއަން ހެދުމަށްފަހު، މި ޕްރޮސީޖާގައި ރަހިމާއި ހަމައަށް ކަނޑާލާތަން އެއްކޮށް ރަނގަޅުވެ އެތަނުގެ މަސްތައް ބާރުވެ ވަރު ޖެހުމަށް 24- 18 މަސްނަގައެވެ. އެހެންކަމުން މި ޕްރޮސީޖާ ހަދާ މީހުން ގާތުގައި އިތުރު ކުއްޖަކު ހޯދުމަށް ދެއަހަރުވަރު މަޑު ކުރަން ޑޮކްޓަރުން ލަފާދެއްވައެވެ. މިޕްރޮސީޖާ ހަދާފައިވާ މީހަކު މިމުއްދަތުގައި ބަނޑުބޮޑުވެއްޖެނަމަ އެމީހާ ވިއްސުމުގައި ފުރަތަމަ ބަލާނީ ވެޖައިނަލް ޑެލިވަރީއިން ވިއްސޭތޯއެވެ. އެހެންނަމަވެސް، މިހާލަތުގައި މައިމީހާ ވަރަށް ރަނގަޅަށް މޮނިޓަރ ކުރެވޭނެއެވެ.



3. 'ސްކިން ޓު ސްކިން' ދަރިފުޅު ބޭއްވުމުގެ ފުރުސަތު ނުލިބޭނެކަމަށް ހީވާ ހީވުން:

ޑެލިވަރިއަށްފަހު ދަރިފުޅު ނަގައި މައިމީހާގެ ބަނޑުމަތީގައި ބާއްވައެވެ. އަދި ދަރިފުޅު އެކްޓިވްވެފައި ރޯނަމަ ފޫޅު ކަނޑަނީ 3-1 މިނެޓު ފަހުންނެވެ. އޭގެ ފަހުން 'ސްކިންޓުސްކިން' ދަރިފުޅު މައިމީހާގެ ހަށިގަނޑުގައި ޖައްސާލުމަކީ މައްސަލައެއް ނޫންކަމަށް ގައިނަކޮލޮޖިސްޓުން ބުނެއެވެ. އެހެން ނަމަވެސް، ކުއްޖާ ނުރޯނަމަ، ވަގުތުން ފަރުވާ ދިނުމަށްޓަކައި ދަރިފުޅު އިންކިއުބޭޓަރަށސް ލާންޖެހިއްޖެ ހާލަތެއްގައި ސްކިންޓުސްކިން ނުބޭއްވިދާނެއެވެ.

ދަރިއަކު ލިބުމަކީ ދުނިޔެމަތީގައި ދެމަފިރިއަކަށް ލިބޭ އެންމެ އުފާވެރި ތަޖުރިބާއެވެ. ސިޒޭރިއަން ސެކްޝަންއަކީ ވަރަށް ގިނަ ހާލަތްތަކުގައި މައިމީހާއާއި ދަރިފުޅު ސަލާމަތްކޮށްދެވޭނެ ޕްރޮސީޖާއެކެވެ. އެހެންކަމުން މިޕްރޮސީޖާއާއި ބެހޭގޮތުން ރަނގަޅު މައުލޫމާތު ހޯދައި، ބަލައި އަދި އަހައި އޮޅުން ފިލުވުމަކީ ވަރަށް މުހިންމު ކަމެކެވެ.

މި މައުލޫމާތުތައް ނަގާފައިވަނީ ސީނިއަރ ކޮންސަލްޓެންޓް އޮފް އޮބްސްޓްރިޝަން އެންޑް ގައިނަކޮލޮޖީ ޑޮކްޓަރ އަރޫނާ މުރަލިދާ ދެއްވި މައުލޫމާތުތަކަށް ބިނާކޮށް ފައިނޭންޝިއަލް ޓައިމްސްގެ ހެލްތު ސެކްޝަންގައި ޝާއިއުކޮށްފައިވާ އާޓިކަލްއަކުން ނަގައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން