މަރިޔަމް ލަމްޙާ ރަޝީދު   17 އޭޕްރީލު 2023 - 16:51
ކޮފީމާސްކު: މޫނުގެ ހަންގަނޑު އަލިކޮށްދީ ރީތިކޮށްދޭ
ކޮފީމާސްކު: މޫނުގެ ހަންގަނޑު އަލިކޮށްދީ ރީތިކޮށްދޭ
ކޮފީއަކީ ބިޒީ މާހައުލުގައި އުޅެމުން ސްޓްރެސް ފިލުވައިދިނުމުގެ އެހީތެރިއެއްގެ އިތުރުން ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމުގައިވެސް އެހީތެރިވެދޭ އެއްޗެކެވެ. މިއީ ހަންގަނޑު ތާޒާކޮށްދީ ހަންގަނޑުގެ 'ޑެޑް' ސްކިން ނައްތާލައި ހަންގަނޑު އައުކޮށްދޭވެސް އެއްޗެކެވެ.

ކޮފީގައި އެކުލެވިގެންވާ ގިނަ އަދަދެއްގެ އެންޓިއޮކްސިޑެންޓްގެ ސަބަބުން ހަންގަނޑު އަލިކޮށްދީ ހަމުގެ ކުރަކިކަން ފިލުވައި ހަންގަނޑުގައި ހުންނަންޖެހޭ ތެތްކަން ގެނުވައިދެއެވެ. އަދި ކޮފީގައި 'އެކްސްފޮލިއޭޓް' ނުވަތަ މަރުވެފައި ހުންނަ ހަންތައް ފިލުވައިދޭ މާއްދާތައްވެސް އެކުލެވިގެންވެއެވެ. މީގެ އިތުރުން ކޮފީގައި އެކުލެވޭ ގިނަ އެންޓިއޮކްސިޑެންޓުގެ ސަބަބުން ހަންގަނޑު އަވަހަށް ރޫޖެހި މުސްކުޅިވުމުން ސަލާމަތްކޮށްދެއެވެ.

ތިރީގައި މިވަނީ ކޮފީ ބޭނުންކޮށްގެން ގޭގައި ތައްޔާރުކޮށްލެވިދާނެ ބައެއް ފޭސް މާސްކްތަކެވެ.

1. 'މޮއިސްޗަރައިޒް/ ހަންގަނޑުގެ ގުދުރަތީ ތެތްކަން އިތުރުކޮށް ދިނުމާއި އަލިކޮށްދިނުމަށް ކޮފީއާއި މާމުއި މިކްސް: މި މާސްކު ތައްޔާރުކޮށްލުމަށް އެއް ސަމްސާ ކޮފީގެ ތެރެއަށް އެއްސަމްސާ ބައި މާމުއި އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން މޫނުގައި އުނގުޅާށެވެ. އަދި 5 މިނެޓަށް ބަހައްޓާށެވެ. އެއަށްފަހު ތާފަނާ ފެނުން މޫނުގައި 2 މިނެޓު ވަންދެން އަތުން މަސާޖުކުރާށެވެ. ދެން ރަނގަޅަށް މޫނު ދޮވެލާށެވެ. މި ފޭސް މާސްކު ބޭނުން ކުރުމުން މޫނުގައި ހުންނަ މަރުވެފައި ހުންނަ ހަންތައް ފިލައި ދެއެވެ. އަދި މާމުއިގެ ސަބަބުން ހަންގަނޑު އަލިކޮށްދީ އޮމާންކޮށްދެއެވެ.

2. ތެޔޮވެ، މޫނުގައި ބިހިނަގާ މީހުންނަށް ޚާއްސަ ކޮފީ، ޔޯގަޓް އަދި ރީނދޫ މިކްސް: ކޮފީ، ޔޯގަޓް، އަދި ރީނދޫ ކޮންމެ ބާވަތަކުން 1 ސަމްސާ ނަގައި ތަށްޓަކަށް މިކްސް ކޮށްލާށެވެ. ދެން މޫނުގައި ހުންނަ ބިހިތަކުގައި އަދި ރަތްވެފައި ހުންނަ ތަންތަނުގައި ހާކާފައި 10 މިނެޓް ވަންދެން ބަހައްޓާށެވެ. އެއަށްފަހު ރީތިކޮށް މޫނު ދޮވެލައި ހިއްކާލާށެވެ. ކޮފީގެ ސަބަބުން ހަންގަނޑުގައި ގުދުރަތީގޮތުން ހުންނަ ކުދިކުދި ލޯވަޅުތައް ނުވަތަ 'ޕޯރސް'ތަކުން ބަންދުވެފައި ހުންނަ ތަންތަން ހުޅުވި އެތަންތަނުގައި ހަރުލާފައި ހުންނަ އެއްޗެހި ސާފުކޮށްދެއެވެ. އަދި ހަންގަނޑަށް އެތަކެތިން ލިބޭ ގެއްލުން ކުޑަކޮށްދެއެވެ. ޔޯގަޓްގެ ސަބަބުން ހަމުގެ ތެޔޮކަން ފިލައި ދެއެވެ. އަދި ރީނދުލުގައި ހުންނަ އެންޓި ބެކްޓީރިއާއިން ބިހިނަގައި ފާރުވެފައި ހުންނަ ތަންތަން ރަނގަޅުކޮށްދެއެވެ.

3. ހަމުގެ ކުލަ އަލިކޮށްދިނުމަށް ކޮފީއާއި ކިރު: ކޮފީއާއި ހިކި ކިރު ކޮންމެ ބާވަތަކުން އެއް ސަމްސާ ނަގައި ތައްޓެއްގައި އެއްކޮށްލާށެވެ. އަދި އެއްކޮށް ދިޔައި ނުވާނެހެން ޕޭސްޓު ހެދުމަށް ފެންފޮދެއް ޖައްސާލާށެވެ. ދެން މޫނު ރީއްޗަށް ދޮވެލުމަށްފަހު މިޕޭސްޓް ހާކާލާށެވެ. އަދި 15 މިނެޓް ވަންދެން ބަހައްޓާށެވެ. ދެން މޫނު ރީއްޗަށް ދޮވެލައި ހިއްކާލާށެވެ. މިމާސްކަކީ ހަންގަނޑު ސާފުކޮށްދީ ގުދުރަތީ ރީތިކަން އިތުރުކޮށްދީ އަލިކޮށްދޭނެ މާސްކެކެވެ.

4. ބިހިނެގުމުން ސަލާމަތްކޮށްދޭ ކޮފީއާއި ކާށިތެޔޮ މާސްކު: މިމާސްކު ތައްޔާރުކުރުމަށް 1 ސަމްސާ ކޮފީއާއި 2 ސަމްސާ ކާށިތެޔޮ އަދި ¼ ސަމްސާ މުގުރި ފޮނިތޮށި މިކްސްކޮށްލާށެވެ. ފޮނިތޮށީގައި ބިހިނެގުމުން ސަލާމަތް ކޮށްދިނުމަށް ބޭނުންވާ މާއްދާތައް އެކުލެވިގެންވެއެވެ. މި މާސްކު މޫނުގައި ހޭކުމަށްފަހު 20 މިނެޓް ބަހައްޓާށެވެ. ދެން ރީއްޗަށް ދޮވެލާށެވެ. މިއިން ކޮންމެ މާސްކަކީވެސް ހަންގަނޑު ރީތިކޮށްދޭނެ އެއްޗެކެވެ. އެހެން ނަމަވެސް މާސްކު މޫނުގައި ލުމުގެ ކުރިން ތިމާގެ ހަންގަނޑަށް އެލާޖިކް ނުވޭތޯ ޕެޗް ޓެސްޓެއް ހަދަންވާނެއެވެ. އެކި މީހުންގެ ހަމަކީ އެކި ބާވަތްތަކާއި ނުގުޅޭ ހަމެވެ. ބޭނުންވާ ނަތީޖާ ހޯދުމަށް ގަވައިދުން މި ފޭސްމާސްކުގެ ބޭނުން ކުރަންވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން