ބާސެލޯނާ އާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ތެރެއިން, ފޮޓޯ: ލަލީގާ
ބާސެލޯނާ އާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ތެރެއިން, ފޮޓޯ: ލަލީގާ
ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ގެޓާފޭ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމިއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ ގެޓާފޭގެ ދަނޑުގައި ކުޅުނު މި މެޗުގައި ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ދެޓީމަށްވެސް ލިބުނެވެ. މެޗުގެ ފުރަތަމަ ހާފުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރީ ގެޓާފޭ ޓީމުންނެވެ. ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓުގައި ގެޓާފޭގެ ބޯހާ މަޔޯރާލް ނަގައިދިން ހުރަހެއް, މުނީރް އަލް ހައްދާދީ ބޮލުން ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. އޭގެ ފަހުން ލިބުނު ކޯނަރެއްގައި އީނެސް އުނާލް ފޮނުވާލި ހަމަލާވެސް ނާކާމިޔާބުވީއެވެ.

މެޗުގައި ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ބާސެލޯނާއަށެވެ. އެގޮތުން ރަފީނިއާ ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ބޭރަށް ނުކުތުމުން އަލެހަންޑްރޯ ބާލްޑޭ ވަނީ ބޯޅަ ހޯދާފައެވެ. ނަމަވެސް މުޅިން ހުސްކޮށް ހުރެ އަލެހަންޑްރޯ ފޮނުވާލި ބޯޅަވެސް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ފަހުން ރޮބަޓް ލެވަންޑޯސްކީ ބޮލުން ފޮނުވާލި ދެބޯޅަވެސް ގޯލަކަށް ބަދަލުކުރެވޭގޮތެއް ނުވިއެވެ.

މިއާއެކު ބާސެލޯނާއަށް ވަނީ އެޓީމުން އެންމެ ފަހުން ކުޅުނު ތިން މެޗުގައިވެސް މޮޅެއް ނުލިބި ނިންމާލަން ޖެހިފައެވެ. ކޮޕަ ޑެލް ރޭ މުބާރާތުގައި ވާދަވެރި ރެއާލް މެޑްރިޑް އަތުން ބާސެލޯނާ ބަލިވީ 4-0ންނެވެ. އޭގެ ފަހުން ސްޕެނިޝް ލީގުގައި ޖިރޯނާ އާއި ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުގައި ނަތީޖާ ނުނެރެވުނު ނަމަވެސް, 11 ޕޮއިންޓުގެ ލީޑަކާއެކު, ޖުމްލަ 73 ޕޮއިންޓު ހޯދައިގެން ބާސެލޯނާ އޮތީ ތާވަލުގެ އެއްވަނަ މަގާމުގައެވެ. ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބެނީ 63 ޕޮއިންޓެވެ. ތާވަލުގެ ތިންވަނާގައި 60 ޕޮއިންޓް ހޯދައިގެން އޮތީ އެތުލެޓިކޯ މެޑްރިޑެވެ. މި މެޗުގައި ބާސެލޯނާ އާއި އެއްވަރުވި ގެޓާފޭއަށް ލިބެނީ 31 ޕޮއިންޓެވެ. އެޓީމު އޮތީ ތާވަލުގެ 15 ވަނާގައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން