ދެވަނަ ދައުރާއެކު ރައީސް ޞާލިޙްގެ ވިދުން ފަނޑުކޮށްނުލެވޭނެތީ ސީޔާސީ ލީޑަރުން ޖެހިލުންވާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

"ރަސްއޮންލައިން"އާ ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންގެ ވިންދާއި އިޙްސާސްތައް ދެނެގެން ވެރިކަންކުރާ ސަރުކާރެއް ކަމަށެވެ. އަދި ދެންވެސް ސަރުކާރުން މަސައްކަތް ކުރާނީ އެމަގުންކަމަށް ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ ރައީސް ޞާލިޙާއި ސިޔާސީގޮތުން ޚިޔާލުތަފާތު ބޭފުޅުން އުޅުއްވަނީ ސަރުކާރު ގޯސްވެގެން ނޫންކަމަށެވެ. އެހެންނަމަވެސް އެބޭފުޅުން އުޅުއްވަނީ ރައީސް ޞާލިޙަށް އެހެން ސިޔާސީ ވެރިންނަށް ނުކުރެވި އޮތްކަމެއް ވިޔަ ނުދިނުމަށް ކަމަށެވެ.

"ރައީސް ޞާލިޙަށް ދެވަނަ ދައުރު ލިބި ސިޔާސީ އުދަރެހުގައި ރައީސްގެ ވިދުން ދެންތިބި އެންމެހާ ލީޑަރުންނަށް ވުރެ ގަދަ ވެދާނެތީ އެކަން ހަޖަމު ނުވެގެން." ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ މިވަރުގެ ޚިދުމަތްތެރި ސަރުކާރެއް ދަތިއަޅުވާ ވައްޓާލުމަށް އެތެރެއާއި ބޭރުން މަސައްކަތްކުރަންޖެހޭ އިތުރު ސަބަބެއް ނޯންނާނެކަން ދިވެހިރައްޔިތުން ޤަބޫލުކުރާކަމަށެވެ. އަދި ސިޔާސީ މީހުން އަމިއްލަ މަސްލަޙަތަށް ކުރާ ކަންކަމަށް ރައްޔިތުންގެ އެއްވެސް ސަމާލުކަމެއް ނެތްކަމަށްވެސް ޝާހް ވިދާޅުވިއެވެ.

"ރައްޔިތުން ތިބީ ރައީސް ޞާލިޙާއެކީ ތަރައްޤީ އާއި އުފާވެރިކަން ހޯދަން އަތުކުރި އޮޅާލައިގެން." ޝާހް ވިދާޅުވިއެވެ.

ޝާހް އިތުރަށް ވިދާޅުވީ ރައީސް ޞާލިޙްގެ ސަރުކާރު އޮތީ ރައްޔިތުންނާއެކު ވަރަށް ބަދަހިކޮށް ގަތާލެވިގެން ކަމަށެވެ. ރާއްޖޭގެ ރަށްރަށް ކުރެއްވި ދަތުރުތަކުންވެސް ސާފުވެގެންދިޔައީ ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު ކަމަށް ޝާހް ވިދާޅުވިއެވެ.

އެގޮތުން ގުރައިދޫ ދާއިރާއިންވެސް މިއަދު ފެނިގެންދަނީ އެ މަންޒަރު ކަމަށާއި އެދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރާނެ ކަމާމެދު ޝައްކެއް ނެތްކަމަށް ޝާހް ވިދާޅުވިއެވެ.

ހަމައެއާއެކު ރައްޔިތުން މިއަދު ނިކުމެތިބީ ތާރީޚުގައިވެސް އަތޮޅުތެރެއަށް އެންމެބޮޑު ކުރިއެރުމެއް ގެނެސްދެއްވި ރައީސް ޞާލިޙްގެ ސަރުކާރު ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަށް ކަމަށާއި އިރާދަކުރެއްވިޔާ ފަސޭހަކަމާއެކު އެކަން ކާމިޔާބު ކުރަށްވާނެ ކަމަށް ޝާހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު