ތައިލެންޑްގެ ބެންކޮކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން އެގައުމުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކަށް ޚާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފިއެވެ.

ބެންކޮކްގެ ބަންކަޕީގެ މަޝްހޫރު އަލްމެރޯޒް ހޮޓަލުގައި އިއްޔެ ބޭއްވުނު މިރޯދަ ވީއްލުމުގައި ބެންކޮކްގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާއި ކިޔަވާކުދީންގެ އިތުރުން ބެންކޮކުގައި ތިއްބަވާ އެކިގައުމުތަކުގެ ސަފީރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ދިވެހި އެމްބަސީ އިން މަޢުލޫމާތުދިން ގޮތުގައި މީގެ ކުރީންވެސް ބާއްވަމުންގެންދަވާ ކޮންމެ ރަމަޟާން މަހެއްގައިވެސް ބާއްވަމުންގެންދަވާ މިއަހަރުގެ މިޙަފްލާއަކީ ކޮވިޑާއި ގުޅިގެން ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވޭ ފުރަތަމަ ޙަފްލާއެވެ.

އިއްޔެގެ މި ޙަފްލާގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކަށް ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރީސްކުރައްވަމުން އެމްބެސެޑަރ މުޙައްމަދު ޖިނާހް ވިދާޅުވީ ވޭތުވެދިޔަ ދެތިން އަހަރު މިފަދަ ޙަފްލާއެއް ބޭއްވުމަށް ފުރުޞަތު ގެއްލިފައިވީނަމަވެސް މިރަމަޟާން މަހުގައި މިޙަފްލާ ބޭއްވޭ ކަމީ ވަރަށް އުފާކުރާކަމެއްކަމަށާއި މިކަން މެދުވެރިއްކުރެއްވިކަމަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ހަމްދުކުރާކަމެވެ.

މުޙައްމަދު ޖިނާހް ވިދާޅުވީ މިބަރަކާތްތެރި ރަމަޟާން މަހަކީ، ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ތިބި އަޅުގަނޑުމެން ދިވެހިންނަށް ވަރަށް ޚާއްސަ މަހެއް ކަމަށެވެ. އަދި މިމަސް ޚާއްސަވެގެންދަނީ މިމަހަކީ އަޅުގަނޑުމެން އަޅުކަމާއި ނަފްސުގެ އަޚްލާޤާއި ސްލޫކު އަދި ޢާއިލީ ގުޅުންތަކަށް ޚާއްސަ އިސްކަމެއްދީގެން އެކުވެރިކަމާއި އެއްބައިވަންތަކަމަށް ދިވެހީން ނުހަނު ސަމާލުކަމެއްދެމުން އަންނަ އަޅުކަމުގެ މާތް މައްސަރުކަމުގައި ވަތީއެވެ.

"ރަމަޟާން މަހަކީ ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ތިބި އަޅުގަނޑުމެން ދިވެހީންނަށް ވަރަށް ޚާއްސަ މަހެއް. މިމަހު އަޅުގަނޑުމެން އަޅުކަމާއި، ނަފްސުގެ އަޚްލާޤާއި ސްލޫކާއި، ޢާއިލީ ގުޅުންތަކަށް ޚާއްސަ އިސްކަމެއްދެމު. އަދި އެކުވެރިކަމާއި އެއްބައިވަންތަކަމަށް ސަމާލުކަމެއްދެމު. އަޅުގަނޑުމެން މިތިބީ ރާއްޖެއާއި ކިތަންމެ ދުރުގައިކަމަށްވިޔަސް، އަޅުގަނޑު ހިތުން އަޅުގަނޑުމެން ދިވެހީން ތިބޭނީ އެގޮތުގަ." އެމްބެސެޑަރ ވިދާޅުވިއެވެ.

ކިތަންމެ ދުރުގައި ތިއްބެވިނަމަވެސް ކުރިއޮތްތަނުގައި ތިއްބަވާނީ ދިވެހީން އެގޮތުގައި ކަމަށް ވިދާޅުވެ ޖިނާހް ވަނީ ޙަފްލާގައި ބައިވެރިވަޑައިގެންނެވި ދިވެހީންނަށާއި ބޭރުގެ ޑިޕްލޮމެޓުންނަށް ވަރަސް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

އެމްބެސެޑަރ ޖިނާހުގެ ވާހަކަފުޅު ނިންމަވާލެއްވީ މިރަމަޟާން މަހުގެ ފަހުދިހައިގެރޭތަކާއި ކުރިމަތިލާ ހިނދު، މި މާތްވެގެންވާ މިރަމަޟާން މަހުގެ ހެޔޮ ދަރުމައާއި ސަވާބު ވަޑައިގެންނެވި އެންމެ ބޭފުޅުންނަށާއި އެންމެހައި ދިވެހީންނަށް މިންވަރުކޮށްދެއްވުމަށް އެދި ﷲ ޙަޟްރަތުގައި ދުޢާދަންނަވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު