ކޯކް: އާދަކޮށް ކޯކް ބޯނަމަ ސްޓްރޯކްޖެހުމާއި ހަނދާންނެތުން އަދި ހަކުރުމަތިވެ ވަކި އުމުރަކަށް ދިޔުމުން މީހާ ފަލަވާގޮތްވޭ
ކޯކް: އާދަކޮށް ކޯކް ބޯނަމަ ސްޓްރޯކްޖެހުމާއި ހަނދާންނެތުން އަދި ހަކުރުމަތިވެ ވަކި އުމުރަކަށް ދިޔުމުން މީހާ ފަލަވާގޮތްވޭ
ކޮކާކޯލާއަކީ ހަށިގަނޑަށް ގެއްލުންހުރި އެއްޗެއްކަން އެންމެންނަށްވެސް އެނގެއެވެ. އެހެންނަމަވެސް، ކޮކާކޯލާ ބޯ މީހުންގެ އަދަދު މަދެއް ނުވެއެވެ. ކޮންމެ އިވެންޓެއްގައިވެސް، ކައިވެނި ހަފްލާތަކާއި ބޮޑެތި މަޖިލިސްތަކުގައިވެސް ބިލަތް މީރުކޮށްލެއްވުމަށްވެސް މައިގަނޑު ބުއިމަކަށް ހުންނަ އެއްބުއިމަކީ ކޯކެވެ. މިއީ އެހައި ގެއްލުން ހުރި އެއްޗެއްކަން އެނގޭއިރުވެސް އެއާއި ދުރުނުވެވެނީ ކީއްވެގެންތޯ އެއީ އުފެދޭ ސުވާލެކެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބުނާ ގޮތުންނަމަ ހަށިގަނޑަށް ދުވާލަކަށް ބޭނުންވަނީ 6 ސައިސަމްސާއަށްވުރެ މަދު އަދަދެއްގެ ހަކުރެވެ. އެހެންނަމަވެސް، އެންމެ ކޯކު ދަޅެއްގައިވެސް 10 ސައިސަމްސާ ހަކުރު ހުރެއެވެ. މިއީ ދުވާލެއްގައި ގުލްކޯޒް ލެވެލް ހިފަހައްޓަން ބޭނުންވާ އަދަދަށް ވުރެ މާގިނަ އަދަދެކެވެ.

އެހެންކަމުން ކޯކު ބުއިމަކީ ހަކުރު ބައްޔަށް މަގުފަހިވާ ކަމެއް ކަށަވަރެވެ. އަދި ދަތް ފަނިކެއުމާއި ފަލަވުމަކީވެސް ކޯކު ބުއިމުގެ ސަބަބުން ދިމާވާ ޞިއްޙީ މައްސަލަތެކެވެ.

މިލިޔުމުގައި މިބަލާލަނީ އެކިއެކި ދިރާސާތަކުގެ އަލީގައި، ކޯކު ބުއިމުން މީހާގެ ޞިއްޙަތައް ކުރާ ނޭދެވޭ އަސަރުތަކަށެވެ.

ކޯކުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތައް:

އިނގިރޭސިވިލާތުގެ ފާމަސިސްޓެއް ކަމަށްވާ ނިރާޖް ނައިކް އޭނާގެ ރީސާޗްގެ އަލީގައި ކޯކު ހަށިގަނޑަށް ވާސިލުވުމުން ވާގޮތް ދިރާސާކޮށްފައިވެއެވެ. މިގޮތުން 330 މިލިލީޓަރުގެ ކޯކު ހަށިގަނޑަށް ވާސިލުވާތާ ގަޑިއެއްގެ ތެރޭގައި އޭގެ ނޭދެވޭ އަސަރު ފެންނަން ފަށާކަމަށް އޭނާ ބުނެއެވެ.

އާއްމުގޮތެއްގައި ކޮކާކޯލާގައި ހުންނަ މިންވަރަށް ހަކުރު އަޅައި ފޮނިކޮށްފައި ހުންނަ ބާވަތެއް ކެވިއްޖެނަމަ އާދައިގެ މީހާގެ ހަށިގަނޑަކަށް ކެތްނުކުރެވި ހޮޑުލެވޭނެ ކަމަށް އޭނާގެ ރިސާޖުގެ އަލީގައި އެނގެއެވެ. އެހެންނަމަވެސް، ކޯކު ބުއިމުން މިހެން ދިމާނުވަނީ އޭގައި އެކުލެވޭ ފޮސްފޮރިކް އެސިޑްގެ ސަބަބުން ފޮނި ރަހަ ކުޑަކޮށްލާތީކަމަށްވެސް އޭނާގެ ދިރާސާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހަށިގަނޑަށް ކޯކު އެތެރެވާތާ 20 މިނެޓު ތެރޭގައި އިންސުލިން ލެވެލް މައްޗަށް އަރައިގެން ދެއެވެ. އަދި ކޯކުގައި ހިމެނޭ މާއްދާތައް ލިވަރއަށް ވާސިލުވުމުން އިތުރުވާ ހަކުރު، ފެޓްސްއަށް ބަދަލުކޮށްލާ މީހާގެ ހަށިގަނޑު ފަލަވުމަށް މެދުވެރިވެއެވެ.

ކޯކުގައި ހެރޮއިން ކިޔާ ޑްރަގްއަކާއި އެއްފަދަ އަސަރުގަދަ ބާވަތެއް އެކުލެވިފައިވާތީ، ކޯކު ބޯތާ 40 މިނެޓު ތެރޭގައި އޭގައި އެކުލެވޭ ހުރިހާ ކެފެއިންގެ މާއްދާތައް ހަށިގަނޑުގައި ވަކިކޮށް 'އެބްޒޯބް' ކުރެއެވެ. މީގެ ސަބަބުން ލޮލުގެ ކަޅި 'ޑައިލޭޓްވެ'/ބޮޑުވެ ލޭގެ ޕްރެޝަރ މަތިވެގެން ދެއެވެ. އަދި ނިދި އައުމާއި ގުޅުންހުރި އެޑިނޮސިން ރިސެޕްޓަރތައް ބްލޮކް ކޮށްލައެވެ.

ކޯކު ބޯތާ އެންމެ 5 މިނެޓު ތެރޭގައި ސިކުނޑީގައި ޑޮޕަމިން އުފައްދާ މިންވަރު އިތުރުވެގެންދެއެވެ. ޑޮޕަމިންއަކީ އުފާވެރިކަމާއި ހިތްހަމަޖެހުން ލިއްބައިދިނުމުގައި ހަށިގަނޑުން ބޭރުކުރާ 'ޕްލެޝަރ' ހޯމޯންއެކެވެ. ކޯކުބުއިމުން ލިބޭ ގެއްލުމާއި ބެހޭގޮތުން މެޑިކަލް ނިއުސް ޓުޑޭއިން ޝާއިއު ކޮށްފައިވާ، ރިޕޯޓުގައިވާގޮތުންނަމަ، ކޯކު ބުއިމުން ހަށިގަނޑުން ޑޮޕަމިން އުފައްދާ މިންވަރާއި ހެރޮއިން ޑްރަގް ބޭނުންކުރުމުން މިހޯމޯން އުފައްދާ މިންވަރު ހުންނަނީ އެއްހަމައެއް ގައެވެ. ނަތީޖާއެއްގެ ގޮތުން، އެއް ފުޅި ކޯކު ބޮއި ނިމުމުން ހަމަ އަނެއް ފުޅި ބުއިމަށް ބޭނުންވެއެވެ.

އަދި ކޯކުބޯތާ ގަޑިއިރެއްގެ ފަހުން، މީހާގެ ހަށިގަނޑަށް މާގިނައިން ހަކުރު ވާސިލުވުމުން، އުނދަގޫވެ، އަދި ވަރުބަލިވުމާއި ނިދިއައުން ފަދަ ކަންކަން ދިމާވެއެވެ. އޭރު ހުންނާނީ ހަށިގަނޑުން ކޯކުގައި ހުރި ފެނާއި އަދި ކޮންމެވެސް އަދަދަކަށް ހިމެނޭ އެހެނިހެން ނިއުޓްރިއަންޓްސްތައް ކުޑަކަމުދާ ނިޒާމުގެ ތެރެއަށް ގޮސް ހަށިގަނޑުން ހަކުރު ފިޔަވައި އެހެން ހުރިހާ ބާވަތެއް ހުސްކޮށްލާފައެވެ.

މިގޮތަށް ހަށިގަނޑަށް ބަދަލު އަންނަނީ ހަމައެކަނި ކޯކު ބުއިމުން އެކަންޏެއް ނޫނެވެ. ކެފެއިން ހިމެނޭ ހުރިހާ ބާވަތެއްގެ ފިޒީ ޑްރިންކްސްއަކުންވެސް މިގޮތަށް ހަށިގަނޑަށް ބަދަލު އަންނަކަމަށް އެ ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

ކޯކުން ލިބޭ ގެއްލުންތަކާބެހޭ އެހެން ދިރާސާއެކެވެ. މިނީ ލިޓަރެޗަރ ރިވިއުއިން 2018 ވަނަ އަހަރު ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަންވެސް މިކަމުގެ ނުރައްކާތެރިކަން ބޮޑުކަމާއިހުރެ، ހިމަނާލުން މުހިންމުކަމުގައި ދެކެމެވެ. މިގޮތުން މިދިރާސާއިން ދައްކާގޮތުން މީހާގެ ހަނދާންތައް ރައްކާކުރުމުގެ ކުޅަދާނަކަމާއި ހަރަކާތްތައް ކޯޑިނޭޓް ކުރުމަށްވެސް އަސަރުކުރުވާފަދަ މާއްދާތަކެއް ކޯކުގައި އެކުލެވިގެން ވާކަންވަނީ ފާހަގަކޮށްފައެވެ. ކޯކާއި އެހެނިހެން ސޮފްޓް ޑްރިންކްސްގައި ހިމެނޭ މިދެންނެވި ކެމިކަލް ކޮމްޕޮނެންޓްސްގެ ސަބަބުން ސްޓްރޯކް ޖެހުމާއި ހަނދާންނެތޭ ބަލިޖެހުމަށް މަގުފަހި ކުރުވާއިރު، މީހާގެ ނިންޖަށް ވަރަށް ބޮޑު އަސަރެއް ކުރެއެވެ.

އަދި ހަމައެހެންމެ 2016 ވަނަ އަހަރުގައި ލެބްގައި ޓެސްޓުކުރުމަށް ބޭނުންކުރި މީދާތަކަށް ކޯކު ދިނުމުން އެތަކެތީގެ ލިވަރ އަދި ކިޑްނީގައި މައްސަލަޖެހުމަށް މެދުވެރިވިއެވެ. (ނޯޓު: މީދާ، ހިކަނދި ފަދަ ޖަނަވާރަކީ އިންސާނުންނާއި އެއްގޮތް ކަންތައްތަކެއް ހަށިގަނޑުގައި އެކުލެވޭ ޖަނަވާރަކަށް ވުމުން، ގޮތް ނޭނގޭ އައު ބޭސްތަކާއި އެކިއެކި ދިރާސާތަކުގައި އިންސާނުން ބޭނުންކުރުމުގެ ބަދަލުގައި ބޭނުންކޮށް ހަށިގަނޑަށް އަންނަ ބަދަލު ދެނެގަތުމަށް ތަހުލީލު ކުރެވޭ ޖަނަވާރުތަކެކެވެ.)

އެހެންކަމުން، ގިނަ އަދަދަކަށް ހަކުރު އެކުލެވޭ މިފަދަ ބުއިންތައް ބުއިމުގައި ރައްކާތެރިވާންޖެހެއެވެ. އެއްފަހަރާ ގިނައިން ބުއިމުގެ ބަދަލުގައި ކުޑައެތިކޮޅެއް ބުއިމަކުން މާބޮޑުމައްސައަކަށް ނުވެދާނެވެ. ނަމަވެސް، ޑައިބިޓީސް އަދި ހިތުގެ ބަލިތައް އަދި އިންސުލިންގެ މައްސަލަތައް ހުންނަ މީހުން މިބުއިމާއި ދުރުހެލިވުމަކީ އެންމެ ރަނގަޅުގޮތެވެ. އަދި މިފަދަ ބުއިންތައްބުއިން ހުއްޓާލުމަށްފަހު ތާޒާ މޭވާއިން ތައްޔާރު ކުރެވޭ ތާޒާ ބުއިންތައް ބޭނުންކުރުން ތިމާގެ ހަށިގަނޑު ދޮޅުހެޔޮ ކަންމަތީ ދެމިހުރުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން