މަރިޔަމް ލަމްޙާ ރަޝީދު   4 އޭޕްރީލު 2023 - 14:21
ދޮންކެޔޮ: ދޮޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް އެހީވެދޭ
ދޮންކެޔޮ: ދޮޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް އެހީވެދޭ
ދޮންކޭލަކީ ރާއްޖޭގައި އާއްމުކޮށް ހެދޭ މީރު މޭވާއެކެވެ. ދޮންކޭލުގެ ތަފާތު ވައްތަރުތައް ވެސް ހުންނަ އިރު ޖުމްލަ ގޮތެއްގައި ހުރިހާ ވައްތަރެއްގެ ދޮންކޭލުންވެސް ހަށިގަނޑަށް އެތައް ފައިދާތަކެއް ލިއްބައިދެއެވެ.

އެހެންކަމުން އާއްމުކޮށް ދަރިވަރުންގެ އިމްތިހާނު ދުވަސްވަރުގައި މޭވާގެ ބާވަތްތަކުގެ ތެރެއިން ޚާއްސަކޮށް ދޮންކެޔޮ ކާންދެއެވެ. އަދި ރޯދަމަހު ހާރުދަމުގައިވެސް ދޮންކޭލަކީ ދިވެހިންގެ ތެރޭގައި އާދަކޮށް ކެއުމަށް ބޭނުންކުރާ ބާވަތެކެވެ.

ދޮންކެޔޮ ކެއުމުން ލިބޭ ފައިދާ:

1. މޫޑު ރަނގަޅުކޮށްދިނުން:

ޓްރިޕްޓޯފަން ކިޔާ އެމީނޯ އެސިޑްގެ މާއްދާއެއް ދޮންކޭލުގައި އެކުލެވިގެންވެއެވެ. މިއީ ހަށިގަނޑުގައި ސެރަޓޯނެން ލެވެލް މަތިކޮށްދޭ މާއްދާއެކެވެ. ސެރެޓޯނަން އަކީ މީހާގެ މޫޑް ރެގިއުލޭޓްކޮށް މާޔޫސްވުމުން ދުރުކޮށްދޭ އެއްޗެކެވެ. އެހެންކަމުން ދޮންކެޔޮ ކެއުމުން ވަރުބަލިވެ ކަންނެތްވެ 'މޫޑީ" ވުން ފިލުވައިދެއެވެ.

2. އެނީމިއާއަށް ފަރުވާއެއް:

އެނީމިއާއަކީ ހަށިގަނޑުގައި ބޭނުންވާވަރަށް ރެޑް ބްލަޑް ސެލްސް މަދުވުމަށް ކިޔާ ނަމެކެވެ. ރެޑް ބްލަޑް ސެލްސްއަކީ ހަށިގަނޑުގައި އޮކްސިޖަން ދައުރުކޮށްދޭ އެއްޗެކެވެ. ހަށިގަނޑުގައި ރެޑް ބްލަޑް ސެލްސް މަދުވުމުން ބޮލަށް އެނބުރުން އަރައި ވަރުބަލިވެ، ހިތް އަވަސްވާގޮތް މެދުވެރިވެއެވެ. އެނީމިއާ ބަލި ޖެހެން އާއްމުކޮށް މެދުވެރިވަނީ ރެޑް ބްލަޑް ސެލްސްގައި ހިމަގްލޮބިން އުފައްދާ އަޔަން މަދުވުމުންނެވެ. ދޮންކޭލަކީ އަޔަން މާއްދާ ގިނަ މޭވާއަކަށް ވުމުން އެނީމިއާއަށް ފަރުވާލިބިގެންދެއެވެ.

3. ހަކަތަ އިތުރުކޮށްދިނުން:

ދޮންކޭލުގައި ހަކުރުގެ ބާވަތްތަކުގެ ތެރެއިން ފްރުއްޓޯސް، ސުކްރޯސް އަދި ގުލްކޯޒް ހިމެނެއެވެ. މިއީ ކެއުމުން ހަށިގަނޑަށް ވަގުރުން ހަކަތަ އިތުރުކޮށްދޭ ބާވަތްތަކެކެވެ. އަދި ދޮންކޭލުގައި ފައިބަރ މާއްދާވެސް ގިނަވުމުން ހަށިގަނޑަށް ހަކަތަ ލިއްބައިދޭ ހަކުރުގެ މިބާވަތްތައް ހަޖަމުވުން ލަސްކޮށްލައެވެ. އެހެންކަމުން، ޗޮކްލެޓެއް ކެއުމުން ކުޑަ ވަގުތުކޮޅަކަށް ލިބޭ ހަކަތައާއި ބަލައި ދޮންކެޔޮ ވަކެއް ކާލުމުން ލިބިދޭ ހަކަތަ މާގިނައިރަށް ހުރެއެވެ.

4. ބަނޑު ހިކުމާއި ބޭރަށް ހިންގުމުން ސަލާމަތްކޮށްދިނުން:

ދޮންވެފައިވާ ދޮންކޭލުގައި ހަޖަމުކުރުމަށް ފަސޭހަކޮށްދޭ މާއްދާއެއް ކަމަށްފާ ފައިބާ ހިމެނެއެވެ. އެހެންކަމުން ބަނޑު ހަރުވާނަމަ ދޮންވެފައިވާ ދޮންކެޔޮ ކެއުމުން މިކަން ލުއިވެގެންދާނެއެވެ. އަދި ޢެއްކޮށް ދޮންނުވާ ކޭލުގައި ރެސިސްޓެންޓް ސްޓާޗް ހިމެނޭ މިންވަރު ގިނަވުމުން ބަނޑު ހަރުކޮށްލައެވެ. ބޭރަށް ހިންގާނަމަ އެއްކޮށް ދޮންނުވާ ދޮންކެޔޮ ކެއުމުން މިކަމަށްވެސް ހައްލެއް ލިބިގެންދާނެއެވެ.

5. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުމަށް ފަސޭހަކޮށްދިނުން:

ދުންފަތުގެ އިސްތިރުމާލު ކުރާމީހުންގެ ހަށިގަނޑުގައި ނިކޮޓިންގ މާއްދާ ހުރެއެވެ. މިމާއްދާއަކީ ދުންފަތުގައި ހުންނަ ޓޮބޭކޯ ކިޔާ މާއްދާއަކުން ހަށިގަނޑަށް އެތެރެވާ މާއްދާއެކެވެ. މިއީ އެޑިކްޝަންއަށް މަގުފަހި ކުރުވާވެސް މާއްދާއެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރާމީހުން މިކަންކުރަނީ އެޑްރެނަލިން ރަޝްއެއް ލިބޭތީއެވެ. ނުވަތަ ނިކޮޓިންގެ ސަބަބުން އެޕިނެފްރިން ކިޔާ އެންޓި ސްޓްރެސް ހޯމޯންއެއް ބޭރުކޮށް ހަށިގަނޑު ވަގުތީ ގޮތުން ހަމަޖައްސައިދޭތީއެވެ. ނަމަވެސް މިގޮތަށް ދުންފަތް ބޭނުންކުރާ ކޮންމެފަހަހަރަކު ހަށިގަނޑަށް ނިކޮޓިން އިތުރުވެއެވެ. އެހެންކަމުން ފުރަތަމަ ފަހަރު ބޭނުންކުރި މަދު މިންވަރަށް ދުންފަތް ބޭނުންކުރުމުން ހަށިގަނޑުގެ އެންޓި ސްޓްރެސް ހޯމޯން ބޭރުކޮށްނުދެއެވެ. ނަތީޖާއެއްގެ ގޮތުން ގިނައިން ބޭނުންކުރެވި މިކަމަށް މީހާ ދެވިހިފައެވެ. ދޮންކޭލުގައި ހުންނަ ޕޮޓޭޝިއަމް އާއި މެގްނީޒިއަމްގެ ސަބަބަނުން ނިކޮޓިން ލެވެލް ހަށިގަނޑުން ދަށްކޮށްދެއެވެ.

6. ސިކުނޑީގެ މަސައްކަތްތައް ހަލުވިކޮށްދިނުން:

ދޮންކޭލުގައި ހިމެނޭ ޕޮޓޭސިއަމް މާއްދާއަކީ ސިކުނޑި ޑިވެލޮޕްކޮށް ސިކުނޑީގެ މަސައްކަތްތައް ހަލުވިކުރުވައި މީހާގެ ސަމާލުކަން އިތުރުކޮށްދެއެވެ. އެހެންކަމުން ބޮޑުވަމުން އަންނަ ކުދިންނަށާއި މަދަރުސާ، ޔުނިވަރސިޓީތަކުގައި އުޅޭ ދަރިވަރުންގެ ސިކުނޑި ހެދިބޮޑުވުމަށާއި ކިޔެވުމުގައި ސަމާލުކަން އިތުރުކުރުމަށް ކެއުމުގައި ދޮންކެޔޮ ލިމެނުމަކީ ވަރަށް ފައިދާހުރި ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން