ވާނުވާ މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާހަކަތަކުން ދޭހަވީ ދަޢުލަތުގެ އިންތިޒާމްތަކުގެ ދެރަވަރުކަން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީން ހާމަކޮށްފިއެވެ.

އެމްއެންޕީން މިމޭރުމުން ބުނެފައިވަނީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން ކުރިއަށް ގެންދާތީ އެ ސަގާފަތަށް ނިމުމެއް ގެންނަން ޖެހޭކަން ފާހަގަކޮށް ރައީސް ޞާލިޙަށް އިއްޔެ ފޮނުވި ސިޓީއެއްގައެވެ.

އެމްއެންޕީގެ ސިޓީގައި ރައީސް ޞާލިޙްގެ ކިބައިން އެދިފައިވަނީ ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ ފަރާތްތަކުގެ މައްސަލަތައް އަވަހަށް ނިންމެވުމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ކަނޑައަޅާފައިވާ އިޖުރާއަތު ހިންގޭނެ ފަހި އިންތިޒާމްތަކެއް ފަނޑިޔާރުގެއަށް ހަމަޖައްސަވައިދިނުމަށެވެ.

އެގޮތުން ޝަރީއަތް ނިމެންދެން ރާއްޖޭގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ގާތްގަނޑަކަށް 343 ފަރާތުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ރައްޔިތުންގެ މަޖިލީހާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ފަދަ ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްތަކެއް ކުރި ނަމަވެސް މި މައްސަލައަށް ޙައްލެއް ގެނެވިފައި ނެތްކަން އެ ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.

“މިކަމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ނޫސް ކޮންފެރެންސެއްގައި ނާއުންމީދު ވާހަކަފުޅުތަކެއް ދައްކަވާފައިވުމުން ދޭހަކޮށްދެނީ ބާރުހިނގާ ދައުލަތެއްގެ އިންތިޒާމް ދާން ނުޖެހޭހާ ދެރަވަރު ޙާލަތަކަށް ގޮސްފައިވާކަމެވެ.” އެމްއެންޕީގެ ސިޓީގައިވެއެވެ.

އެމްއެންޕީން ބުނީ މި މައްސަލައާ ގުޅިގެން 7 މާރޗް 2023 ގައި ރައްޔިތުންގެ މަޖިލީހުގައި ދާޚިލީ ވަޒީރާ ސުވާލު ކުރުމުންވެސް މީގެ އަޞްލު މައްސަލަ ޙައްލު ކުރެއްވުމަށް އެއްވެސް މަސައްކަތެއް ކުރެއްވި ކަމަށް ވިދާޅުނުވާ ކަމަށެވެ.

ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައިވާ މީހުންގެ ބަންދު މުރާޖަޢާ ކޮންމެ 30 ދުވަހަކުން ފަނޑިޔާރުގޭގައި ނުހިނގާތީ އެ ފަރާތްތަކަށް އިޖުރާއީ އިންސާފު ލިބުމުގެ މަގު ބަންދުވެފައިވާކަމަށް ސިޓީގައިވެއެވެ.

“އޭގެ ތެރެއިން ބައެއް މިހުންގެ ޝަރީޢަތް ނުހިނގާ އަހަރުތަކަކަށް ދިގުދެމިގެން ގޮސްފައިވެއެވެ. ބޮޑު މައްސަލައަކަށް ތުހުމަތުކުރެވުމަކީ އިޖުރާއީ އިންސާފުން މީހުން އެއްފަރާތް ކުރެއްވޭނެ ޤާނޫނީ ހަމައެއް ނޫނެވެ.” އެމްއެންޕީގެ ސިޓީގައިވެއެވެ.

އެމްއެންޕީން ބުނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ ކޯޓުތަކުން މާނަކޮށްފައިވާ ގޮތަށް ބަލާއިރު މިމައްސަލައަކީ ޤާނޫނީ އަދި އިދާރީ ހައްލުތަކެއް ބޭނުންވާ މައްސަލައެއް ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އޭގެއިތުރުން މި މަސައްކަތުގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސްގެ ޒިންމާއެއް އޮތްކަމަށް ދެކޭ ކަމަށްވެސް އެމްއެންޕީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން