ޢަދާލަތުގެ ލީޑަރު އިމްރާން
ޢަދާލަތުގެ ލީޑަރު އިމްރާން
ގައުމުގެ މުސްތަގުބަލް އޮތީ ބިރުވެރިކަމެއްގައި ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން މިއަދު ވަނީ ނޫސްބަޔާނެއް ނެރެ ގައުމުގެ ހާލާތާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި އެޕާޓީން ދެކޭ ގޮތް ހިއްސާކޮށްފައެވެ.

އެގޮތުން އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައި ވަނީ ދިވެހި ދައުލަތުގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މުއައްސަސާތަކުގެ މަތީ މަގާމުތަކުގެ އިތުރުން ސިޔާސީ އެކި މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި އިޚުލާސްތެރިކަމާއި، މާނަވީގޮތުން އިތުބާރު ހިފޭނެ ފެންވަރުގެ މާލީ ގާބިލިއްޔަތާއި، މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ފަދަ ތައުލީމީ ފެންވަރާއި ހުނަރުވެރިކަން ހުރުމަކީ މުހިންމު ކަމެއްކަމުގައި ދެކޭ ކަމަށެވެ. ނަމަވެސް، މި ސަރުކާރުގެ ކަންކަން ފެންނަނީ މިއާ މުޅިން ޚިލާފަށް ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

ހަމައެއާއެކު ދިވެހިރާއްޖެއަކީ ބޭރުގެ އެކި ފަރާތްތަކުން އަބަދުވެސް އިންވެސްޓްމަންޓްތަކަށް ޝައުގުވެރިކަން ހުންނަ ގައުމަކަށް ވީހިނދު، ސަރުކާރުގެ އިސްތިރާޖީ ރޭވުންތައް ފެއިލްވެ، ގައުމުގެ އިގްތިޞާދީ ހާލަތު ދުވަހުން ދުވަހަށް ދަނީ ގޯސްވަމުން ކަމަށް ބަޔާނުގައިވެއެވެ. އަދި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށަށް ގޮސް، އަސާސީ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ތަކްލީފުތަކެއް އުފުލަންޖެހިފައިވާކަމީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

ހަމައެހެންމެ ، ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީ ހިމާޔަތް ކުރުމުގައި ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާ ނޫންކަން މިހާރު ފެންނަމުން ދާކަމަށް އަދާލަތުން ވަނީ ބުނެފައެވެ. އަދި ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ބަދަލުގައި، ދީނީ ރޫހު ބަލިކަށިވާ ފަދަ އަމަލުތަކަށް ސަރުކާރުގެ ތެރެއިން ފުރުސަތު ދެމުންދާކަމީ ދިވެހި ރައްޔިތުންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެޕާޓީން ބުނެފައިވެއެވެ.

އަދާލަތު ޕާޓީން ބުނީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވަންޖެހޭ ކަމަށެވެ.

"ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތުން ގައުމުގެ މުސްތަގުބަލަށް އޮތީ ބިރުވެރިކަމެކެވެ. އެހެންކަމުން، ސަރުކާރުގެ ހުރިހާ ގުނަވަންތަކުން އިސްލާމީ އުސޫލުތަކާއި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަންކަން ނިންމުމަށް އިލްތިމާސް ކުރަމެވެ." އަދާލަތުގެ ބަޔާނުގައިވެއެވެ.

އޭގެއިތުރުން ދިވެހި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށާއި، ދިވެހި ގައުމުގެ އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް އަދާލަތު ޕާޓީން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް އެޕާޓީން ނެރުނު ނޫސްޔާނުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު