ޖެންޑަރ މިނިސްޓްރީން 90 މިނެޓްގެ ފީޗަރ ފިލްމެއް އުފައްދައިދޭނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިއީ އެވުޒާރާއިން ކުރިއަށްގެންދާ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ތައްޔާރުކުރާ ފިލްމެއް ކަމަށެވެ.

ފިލްމުގެ ވާހަކައާއި ސްކްރިޕްޓް ލިޔާނީ އެ ފިލްމު މެދުވެރިކޮށް މިނިސްޓްރީން މުޖުތަމައަށް ފޯރުކޮށްދޭން ބޭނުންވާ މައިގަނޑު މެސެޖުތަކުގެ މައްޗަށް ބިނާކޮށް ފިލްމުގެ މަސައްކަތާ ހަވާލުވާ ފަރާތުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިފިލްމު އުފައްދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުން އޮތީ މި މަހު 29 ވަނަ ދުވަހުއެވެ. އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ 10:00 ގައި ޖެންޑާ މިނިސްޓްރީގަ އެވެ. އެ ބިޑަށް ކުރިމަތިލެވޭނީ ދިވެހިންނަށް ނުވަތަ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ މިފަދަ މަސައްކަތްތައް ކުރާ ކުންފުނިތަކަށެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ 18 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން އުފައްދާ އެ ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާއެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި، އުފާވެރިކަމާއި، ކުރިއެރުން ދައްކުވައިދޭ ފިލްމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން