ސިފައިން ގްރައުންޑުގައި ހަދާ ގޯސްތަކުގެ ޒިންމާ ވަޒީރުގެ ބޮލަށް ޖަހަނީ އެކަމަނާ އަންހެނަކަށްވުމުން ކަމަށް ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތީ މުޒާހަރާކުރަންތިބި ބަޔަކު ހުރަސްއަޅާފައިވާތީ މިނިސްޓަރ މާރިޔާ އިސްތިއުފާ ދިނުމަށް މީސްމީޑިއާގައި ގިނަބަޔަކު ވަނީ ގޮވާލާފައެވެ. އެކަމާގުޅިގެން މާރިޔާ މިއަދުވަނީ ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވާފައެވެ.

މާރިޔާ ވިދާޅުވީ، ސިފައިން އޮޕަރޭޝަނަލް ލެވަލްގައި ގްރައުންޑުގައި ހަދާ ގޯސްތަކުގެ ޒިންމާ ވަޒީރުގެ ބޮލަށް ޖަހަނީ އެކަމަނާ އަންހެނަކަށްވުމުން ކަމަށެވެ. އެގޮތުން މިސާލު ޖައްސަވަމުން މާރިޔާވަނީ ފިރިހެން ވަޒީރުން ތިއްބަވާ ވުޒާރާތަކުގައި ކުރިމަތިވާ ހުރިހާ މައްސަލައެއްގެ ޒިންމާ ވަޒީރު އުފުލަން ޖެހޭނެ ކަމަށް ޢާއްމުން ނުދެކޭ ކަމަށް ވިދާޅުވެފައެވެ.

"އައިޖީއެމްއެޗުގައި ކުރާ އޮޕަރޭޝަނެއްގައި މައްސަލައެއް ދިމާވެއްޖެނަމަ އެކަމުގެ ޒިންމާ ހެލްތު މިނިސްޓަރުގެ އިސްތަށިފުޅުގައި ނާޅުވާ. ފުލުހުން ގޯހެއް ހަދައިފިނަމަ އެކަމުގެ ޒިންމާ ހޯމް މިނިސްޓަރުގެ އިސްތަށިފުޅުގައި ނާޅުވާ." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ސިފައިން ގްރައުންޑުގައި ކުރާކަންތައްތަކުގެ ޒިންމާ އެކަމަނާ އުފުލަންޖެހެނީ އަންހެނަކަށް ވުމުން ކަމަށެވެ.

ރައީސްގެ މޮޓޯކޭޑް ހުއްޓުވި މައްސަލަ އެމްއެންޑީއެފުން ބަލަން ފަށާފައިވާއިރު އެމައްސަލައިގައި ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތުން މިހާރު ވަނީ ދުރުކޮށްފަ އެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ ބެލުމަށް އެކަމަށް ހާއްސަ ކޮމިޓީއެއް ވެސް އެމްއެންޑީއެފުން ވަނީ އެކުލަވާލާފައެވެ. އެމައްސަލަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ، 241 ކޮމެޓީން ވެސް އަންނަނީ ބަލަމުންނެެވެ.

ރައީސްގެ ކާރުކޮޅު ހުއްޓުވައި އެމަނިކުފާނަށް ހުރަސް އެޅުމުން މޮޓޯކޭޑު ފަހަތަށް އަނބުރާލައި، ފަހުން ދަތުރުކުރީ އެހެން މަގަކުންނެވެ. އެކަމާ ގުޅިގެން މީޑިޔާއަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް ފުލުހުން އެމަނިކުފާނަށް އަރުވާފައިވާ ކަމަށެވެ. އަދި އެމައްސަލައިގައި އެމްއެންޑީއެފްގެ ރިޕޯޓް މިއަދު ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު