މަރިޔަމް ލަމްޙާ ރަޝީދު   13 މާރިޗު 2023 - 12:27
ހަމަނިދި ނުލިބުމަށް ވަރަށް ގިނަ ކަންކަން މެދުވެރިވެއެވެ.
ހަމަނިދި ނުލިބުމަށް ވަރަށް ގިނަ ކަންކަން މެދުވެރިވެއެވެ.
ހަމަނިދި ނުލިބުމަށް ވަރަށް ގިނަ ކަންކަން މެދުވެރިވެއެވެ. މިއީ ފަރުކުޑަކޮށްގެން ފަރުޖައްސާލެވޭނެ ކަމެއްނޫނެވެ. ހަމަނިދި ނުލިބެނީ މީހާގެ ޒިންމާތައް ގިނަވެ، ފިކުރުބޮޑުވުމުގެ އިތުރުން ތަހައްމަލް ކުރާ ބައްޔެއްގެ ސަބަބުންވެސް ރޭގަނޑުގެ ހަމަނިދި ނުލިބޭނެއެވެ.

ރޭގަނޑުގެ ނިދި ހަމަޔަށް ނުލިބުމަށް މެދުވެރިވާ ސަބަބުތަކާއި މެދު ފަސޭހައިން ހައްލެއް ނުލިބުނުނަމަވެސް ރަނގަޅަށް ނިދާލުމަށްޓަކައި އަމިއްލަޔަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.

1. ނިދަން ވަކި ގަޑިއެއް ކަނޑައެޅުން:

8 ގަޑި އިރުގެ ނިދި ލިބޭނެހެން އެލާމު ސެޓުކޮށް ނިދުމަށް ގަޑި ކަނޑައަޅާށެވެ. ކަނޑައެޅި ގަޑީގައި ކޮންމެހެން ހަދާފައިވެސް ނިދަން އޮށޯންނަންވާނެއެވެ. އަދި އެލާމު ވުމުން ނޯވެ ތެދުވާންވާނެއެވެ. ނަމަވެސް އޮށޯންނަތާ 20 މިނެޓު ތެރޭ ނުނިދިއްޖެނަމަ ތެދުވެ ކޮންމެވެސް ކަމެއް ކޮށްލާށެވެ. އެހެން ނޫނީ ވިސްނުމާއި ފިކުރުކުރުން އެއީ ނިދަންއަރާ ކޮންމެ ރެޔެއްގެ އާދައަކަށް ވެދާނެއެވެ. މިގޮތަށް ތެދުވެ ފޮތެއް ކިޔާލަން ހުރެފައި ނިދިއައުމުން ނިދަން އަނެއްކާވެސް ކޮޓަރިއަށް ވަންނާނީއެވެ. އަދިވެސް ނިދި ނައިނަމަ ހަމަ ކުރިން ހެދިގޮތަށް ކަންތައް ކުރާނީއެވެ.

2. ކެއުމަށް ސަމާލުވުން:

ބަނޑު ހުސްކޮށް ނުވަތަ ހައިވެގެން ހުރެ ނިދަން ނުދިއުމަކީވެސް ވަރަށް މުހިންމުކަމެކެވެ. އަދި ހަމަމިއާއެކު ބަނޑަށް އުނދަގޫވާވަރަށް މާގަދަޔަށް ކައިގެންވެސް ނިދަން އޮށޯތުން ރަނގަޅެއް ނުވާނެއެވެ. ސަބަބަކީ ދެހާލަތުގައިވެސް މީހާގެ ހަށިގަނޑަށް އުނދަގޫތަކެއް ވުމުން ނިދުމަށް ބޭނުންވާ ފަސޭހައެއް ހަށިގަނޑަށް ނުލިބޭނެތީއެވެ. އަދި ނިދާގަޑިއާއި ދިމާކޮށް ކޮފީއާއި ކަޅުސައިފަދަ ކެފެއިން ހުންނަ ބުއިންތަކުން ދުރުހެލިވާންވާނެއެވެ. ސަބަބަކީ އެއީ ކެފެއިން އަކީ ހަށިގަނޑު އެކްޓިވްކޮށްދޭ މާއްދާއެއްކަމަށްވެފައި އަދި ހަށިގަނޑުން ކަފެއިންގެ އަސަރު ފިލައިދާން ވަގުތުނަގާތީއެވެ.

3. ނިދަން ހިތްފަސޭހަ މާހައުލެއް ގާއިމުކުރުން:

ކޮޓަރީއާއި އެނދުތައްމަތި ހިތްފަސޭހަ އަދި އަރާމް ތަނަކަށްހެދުމަކީ ވަރަށް މުހިއްމުކަމެކެވެ. ނިދާވަގުތުގައި ހުރިހާ ބޮކިތަކެއް ނިއްވާލުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި ނިދާ ގަޑިކައިރިކޮށް ބްލޫ ލައިޓު ހުންނަ ޑިވައިސްތައް ބޭނުން ކުރުން ހުއްޓާލަންވާނެއެވެ. މެންދުރުގެ އަވި ހުންނަ ގަޑީގައި ނިދާނަމަ، ދޮރުފޮތިތަކުން އަލި 'ބްލޮކް' ކޮށްލުމުންވެސް ނިދަން ފަސޭހަވެގެންދާނެއެވެ. އަދި މީގެ އިތުރުން ނިދުމުގެ ކުރިން ރަނގަޅަށް ފެންވަރާލުމުންވެސް ނިދަން ފަސޭހަވެގެންދާނެއެވެ.

4. ދުވާލުގަޑީގައި ނިދުން މަދުކުރުން:

ދުވާލުގަޑީގައި މާގިނައިން ނިދާނަމަ ރޭގަނޑު ނިދަން އުނދަގޫވާނެއެވެ. އެހެންކަމުން އެންމެ ގިނަވެގެންވެސް 1 ގަޑިއިރަށްވުރެ ގިނައިން ދުވާލުގެ ވަގުތުގައި ނިދުމަކީ ރޭގަނޑުގެ ނިދި ހަރާބުވާނޭކަމެކެވެ. އެހެންކަމުން ވަޒީފާތަކުގައި ޝިފްޓް ޑިއުޓީ އަދާކުރާނަމަވެސް ދަންވަރު ޑިއުޓީއަށް ދިއުމުގެ ކުރިން ނިދާލުމަކީ މުހިންމު ކަމެކެވެ.

5. ދުވާލު ގަޑީގައި ކަސްރަތުކުރުން:

ކަސްރަތުކުރުމަކީ ނިދި ހަމަ ކުރުމަށް އެހީވެދޭނެ ކަމެކެވެ. އެހެންކަމުން ދުވާލުގެ ކޮންމެވެސް އެއްވަގުތަކު ފަސޭހައިން ކޮށްލެވޭނެ ކަސްރަތެއް ކޮށް އުޅުމަކީ ނިދަންފަސޭހަވާނެ ކަމެކެވެ. ނަމަވެސް، ނިދާވަގުތާއި މާކައިރިކޮށް ކަސްރަތު ނުކުރުމަށް ފަރުވާތެރިވާންވާނެއެވެ. ކަސްރަތު ނުކުރެވޭނަމަ ދުވާލަކު އެއްފަހަރު ބޭރަށް ގޮސްލުމަކީވެސް ކުރެވިދާނެކަމެކެވެ.

6. ސްޓްރެސް ކުޑަކުރުން:

ނިދުމުގެ ކުރިން ފިކުރުކުރަންޖެހޭ ކަންކަން ހައްލުކޮށް ކޮށްލުމަކީ މުހިންމުކަމެކެވެ. ނިދަން އޮށޯވެ ކަންކަމާ ފިކުރުކުރެވޭނަމަ ރަނގަޅަށް ނުނިދި ގިނައިރު އޮންނަންޖެހެއެވެ. އެހެންކަމުން ސްޓްރެސް ވުމަށް މެދުވެރިވާ ކަންކަން ދެނެގަނެ ދުވަހުގެ ތާވަލު ރަނގަޅަށް ތަރުތީބު ކޮށްލެވިދާނެއެވެ.

މިއިން އެއްވެސްކަމަކުން، ހަމަ ނިދި ނުލިބޭނަމަ، މިއީ ހަށިގަނޑުގައި އިތުރު ކަމެއް ނުވަތަ ބައްޔެއް ހުރުމުގެ ސަބަބުން ކަމުގައިވެސް ބެލެވިދާނެއެވެ. އެހެންކަމުން، ޑޮކްޓަރުގެ ލަފާގެ މަތިން ފަރުވާ ހޯދުމަކީ މުހިންމުކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން