ސުލްޠާން މުރާދު 1 ގެ ޚިޔާލީ ކުރެހުމެއް އަދި އެތެރެހަށިކޮޅުގެ ގުނަވަންކޮޅުތައް ފަސްދާނުލެވިފައިވާ މަޤްބަރާ
ސުލްޠާން މުރާދު 1 ގެ ޚިޔާލީ ކުރެހުމެއް އަދި އެތެރެހަށިކޮޅުގެ ގުނަވަންކޮޅުތައް ފަސްދާނުލެވިފައިވާ މަޤްބަރާ
މުރާދު 1 (ޢުޘްމާނީ ތުރުކީ ބަހުން مراد اول) އަކީ ޢުޘްމާނީ ދައުލަތުގެ ތިންވަނަ ރަސްގެފާނެވެ. އެ ރަދުން އުފަންވެ ވަޑައިގެންނެވީ މީލާދީން 1326 ޖޫން 29 ގައި އަމަސްޔާއޭ ކިޔުނު ސަހަރުގައެވެ. މުރާދު 1 ގެ ބައްޕާފުޅަކީ ޢުޘްމާނީ ދައުލަތުގެ ބާނީ ސުލްޠާން ޢުޘްމާން 1 ގެ ދަރިކަލުން ސުލްޠާން އޯރްޚާން އެވެ. މަންމާފުޅަކީ ނިލޫފެރް ޚާތޫން އެވެ. އެ ރަދުންގެ މަޝްހޫރު ނަންފުޅަކީ މުރާދު ޚުދާވެންދިގާރްއެވެ.

ޢުޘްމާނީ ދައުލަތް ވަރުގަދަ އަންބަރާތޫރިއްޔާއަކަށް ހެއްދެވީ ސުލްޠާން މުރާދު 1 އެވެ. މިގޮތުން ޢުޘްމާނީންގެ ދައުލަތް، ދެކުނު އިރުމަތީ ވިލާތުގެ ތެރެއަށް ފުޅާކުރައްވައި, ބޯލްކަން ސަރަހައްދު އެއްކޮށްހެން ޢުޘްމާނީ ދައުލަތުގެ ބާރުގެ ދަށަށް ގެންނެވިއެވެ. ނަތީޖާއެއްގެ ގޮތުން އުތުރު ސަރބިއާއާއި ބަލްގޭރިއާގެ އަމީރުންނަށާއި ބައިޒެންޓީނު އަންބަރާތޫރިއްޔާގެ ޝެހެންޝާހު އިއޯނަސް 5 ޕަލަޔޮލޮގޮސްއަށް ޢުޘްމާނީ ދައުލަތަށް ޖިޒީ ދެއްކުމަށް މަޖުބޫރުވެ ވަޑައިގެންނެވިއެވެ. އަދި ހަދްރިއާނޮޕޮލިސް (ތުރުކީ ބަހުން އެދިރްނޭ) ހިއްޕެވުމަށްފަހު، 1363 ގައި ޢުޘްމާނީ އަންބަރާތޫރިއްޔާގެ ވެރިރަށް ކަމުގައި ހެއްދެވިއެވެ. އަދި ޢުޘްމާނީ ދައުލަތް ދެ ޕްރޮވިންސަކަށް ބައި ކުރައްވައި އެއް ޕްރޮވިންސަކީ އަނާދޯލޫ (އެ ދައުލަތުގެ އޭޝިއާއާ ވީ ފަޅި) އަދި އަނެއް ޕްރޮވިންސަކީ ރޫމްއޭލީ (އެ ދައުލަތުގެ ވިލާތާ ވީ ފަޅި) ކަމުގައި ހަމަޖެއްސެވިއެވެ.

ޢުޘްމާނީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ލަޤަބަކީ ސުލްޠާން ކަމުގައި ހަމަޖެއްސެވީވެސް މުރާދު 1 އެވެ. އެއީ 1383 ވަނަ އަހަރުގައެވެ. ރަސްމީ ހައިސިއްޔަތަކުން ދީވާންގެ ނަމުގައި ވަޒީރުންގެ މަޖިލީހެއް އުފެއްދެވީވެސް މި ރަދުންނެވެ. މީގެ އިތުރުން ބައްޕާފުޅު ސުލްޠާން އޯރްޚާން އުފެއްދެއްވި ރަސްކަމުގެ ޚާއްޞަ ސަލާމަތީ ފައުޖު ކަމަށްވާ ޔެނިޗެރީންގެ އިންތިޒާމުތައް އިތުރަށް ފުރިހަމަ ކުރެއްވިއެވެ.

އަނާދޯލޫ ސަރަހައްދުން ކަރްމާން އިމާރާތާއި އަދި ވިލާތު ސަރަހައްދުން ސަރބުންނާއި ބަލްގޭރިއަނުންނާއި ހަންގޭރިއަނުންގެ ފުށުން ކުރިމަތިވީ ދެކޮޅުވެރިކަން ނައްތަވައިލެއްވުމަށްޓަކައި ސުލްޠާން މުރާދު އިސްވެ ހުންނަވައިގެން އެބައިމީހުންނާ ހަނގުރާމަ ކުރެއްވިއެވެ. މިގޮތުން ދައުލަތުގެ ވެރިރަށް އެދިރްނޭ އިން ތުރުކީންގެ މީހުން ފައްސާލުމަށްޓަކައޭ ކިޔައި ސަރބުންގެ ރަސްގެފާނު ވުކާޗިން މިރްނާޗުވިޗްގެ ޒަޢާމަތުގެ ދަށުން އައި ސަރބުންގެ ލަޝްކަރު 1371 ވަނަ އަހަރުގެ ތެރޭގައި ބަލިކުރެއްވިއެވެ. އަދި 1385 ގައި ސޯފިއާ ހިއްޕެވިއެވެ.

1389 ޖޫން 15 ގައި ސަރބުންނާއި ޢުޘްމާނީންނާ ދެމެދުގައި ކޮސޯވޯ ހަނގުރާމައިގެ ނަމުން ނަންދެވިފައިވާ ހަނގުރާމަ ކުރެވުނެވެ. މި ހަނގުރާމައިގައި ޢުޘްމާނީންގެ ޒަޢީމަކަށް ހުންނެވީ ޚުދު ސުލްޠާން މުރާދެވެ. ސަރބުންގެ ޒަޢީމަކަށް ހުރީ އެބައިމީހުންގެ އަމީރެއް ކަމުގައިވާ ލަޒާރް ހްރެބެލިއާނޯވިޗްއެވެ. މި ހަނގުރާމާގައި ކާމިޔާބު ލިބުނީ ޢުޘްމާނީންނަށެވެ. އެހެންނަމަވެސް ވަރަށް ބޮޑު ޤުރުބާނީއަކާ އެކުގައެވެ. އެއީ ސުލްޠާން މުރާދުގެ ފުރާނަފުޅެވެ. ހަނގުރާމައިގައި ކާމިޔާބު ލިބިވަޑައިގެންފައި ވަނިކޮށް ސަރބުންގެ މީހުންމަރާ ބަޔަކު ސުލްޠާން މުރާދުގެ ފޭލިގެކޮޅަށް ވަދެ ހަމަލާދީ އަވަހާރަ ކޮށްލީއެވެ.

ސުލްޠާން މުރާދު އަވަހާރަކޮށްލުމަށް ކޮށްފައިވާ ޒަޚަމްތަކުގެ ސަބަބުން އެތެރެހަށިކޮޅުގެ ގުނަވަންކޮޅުތައް ބޭރަށް ނުކުމެފައި ހުރުމުން އެ ގުނަވަންކޮޅުތައް ފަސްދާނު ލެވުނީ ހަނގުރާމައިގެ މައިދާނުގައެވެ. އަދި އެއަށްފަހު އެތަނުގައި ޚާއްޞަ މަޤްބަރާއެއް ހެދުނެވެ. މިއަދާ ޖެހޭންދެންވެސް ސުލްޠާން މުރާދުގެ މަޤްބަރާ ނުވަތަ މެޝޭދީ ޚުދާވެންދިގާރުގެ ނަމުގައި އެ މަޤްބަރާ ފެންނާން އެބަހުއްޓެވެ. އަދި ސުލްޠާން މުރާދުގެ ހަށިކޮޅު ފަސްދާނު ލެވުނީ އަނާދޯލޫ މަޑުލުގެ ވެރިރަށް ބުރްޞާ ސަހަރުގައެވެ.

ސުލްޠާން މުރާދުގެ ކައިވެނިފުޅުތަކަށް ބަލާއިރު އެންމެ ފުރަތަމަ ކައިވެނިފުޅު ބެއްލެވީ ގުލްޗީޗެކް ޚާތޫންއާއެވެ. ބުނެވޭ ގޮތުގައި މިއީ ޔޫނާނުގެ ބޭފުޅެކެވެ. އެއަށްފަހު ކައިވެނިފުޅު ބައްލަވައިގަތް ބޭފުޅުންގެ ތެރޭގައި ބަލްގޭރިއާގެ ޝެހެންޝާހު އިވާން ޝިޝްމަންގެ ކޮއްކޯފުޅު މާރިއާ ތަމާރާ ޚާތޫންއާއި ޕަޝާ މެލެކް ޚާތޫންއާއި ޤުސްޠަންޠީނިޔާގެ ބީޒެންޓީނު ވެރިޔާގެ ދަރިކަނބަލުން ޑެސްޕީނާ ޚާތޫން ހިމެނިވަޑައިގަންނަވައެވެ.

ސުލްޠާން މުރާދަށް 6 ދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެއީ ސުލްޠާން ބާއިޒީދްއާއި، ޔަޢުޤޫބް ޖަލަބީއާއި، ސަވްޖީ ބޭ އާއި، ޔަހްޝީ ބޭ، އާއި ޚަލީލް ބޭ، އާއި އިބްރާހީމް ބޭއެވެ. މިތަނުން އަމީރު ސަވްޖީ ބޭ، ބައިޒެންޓީން ޝެހެންޝާހުގެ ދަރިކަލުން އަމީރު އަންދްރޮނީކޯސްއާ ބައިވެ ވަޑައިގެން އެ ދެބޭފުޅުންގެ ބައްޕާފުޅުންނާއި ދެކޮޅުވެރިވެ ވަޑައިގެން ބަޣާވާތް ކުރެއްވުމުން ސުލްޠާން މުރާދުގެ އަމުރުފުޅަށް ގަތުލުކޮށްލެވުނީއެވެ. އަދި ކޮސްވޯގެ ހަނގުރާމައަށްފަހު ސުލްޠާން މުރާދު އަވަހާރަވުމުން ދަރިކަލުން ބާއިޒީދު ރަސްކަން ކަށަވަރުކުރެއްވުމަށްޓަކައި އެމަނިއްޕުޅުގެ ކޮއްކޯފުޅު ޔަޢުޤޫބު އަވަހާރަކޮށްލެއްވީއެވެ.

ސުލްޠާން މުރާދަށް ދެ ދަރިކަނބަލަކުވެސް ލިބިވަޑައިގެންނެވިއެވެ. އެއީ ނަފީސާ ޚާތޫންއާއި ސުލްޠާންއޭ ކިޔުނު ދަރިކަނބަލެކެވެ.

ސުލްޠާން މުރާދު ޢުމުރުފުޅުން 62 އަހަރުގައި އަވަހާރަވީ އިރު 27 އަހަރު ވާންދެން ރަސްކަން ކުރެއްވިއެވެ. އެއީ މީލާދީން 1362 މާރިޗުން 1389 ޖޫން 14 ގެ ނިޔަލަށެވެ. ސުލްޠާން މުރާދަކީ އިސްކޮޅުފުޅުން ދިގު، ހަށިކޮޅު ވަރުގަދަ ބޭފުޅެކެވެ. މާތް ރަސްކަލާނގެ އައްސުލްޠާން މުރާދު ޚާން 1 ގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލައްވާށިއެވެ! އާމީން

ކިޔުންތެރިންގެ ހިޔާލު


3

ސުލްތާނޯ

24-Feb-2023

ނޫސްވެރި ކަމަކީ ހަމަަ އެކަނި ސިޔާސީ ވާހަކަތައް އެކަނި ގެނެސްދިނުމެއްނޫންކަން ގަބޫލުކުރަންއެބަޖެހޭ ދުނިޔެވީ ތާރީހީ ވާހަކަތައް އަންނަންއޮތް ޖީލުތަކާހަމަޔައް ގެންގޮސް ދިނުމަކީ ނޫސްވެރި ކަމުގެ ދާއިރާގަ މަސައްކަތްކުރާ ފަރާތްތަކައް ކޮއްދެވޭނެވަރައް އަގުހުރި މަސައްކަތެއްގެގޮތުގަދެކެން އަދި ތެދުމަުއުލޫމާތު. ޙާމަކުރުމަކީ ގައުމައް ކޮއްދެވޭ އިހްލާސްތެރި ހިދުމަތެއްގެގޮތުގަދެކެން ތަފާތު މައުލޫމާތު ހިމެނޭ އާޓިކަލްތައް އިތުރުކޮއްދެއްވުމައް އެދެން ސުކުރިއްޔާ ރަސް ގެ ހުރިހާ ސްޓާފްން އައް