ރައީސް ނަޝީދުގެ ވެރިކަމުގައި ފެއްޓެވި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ލިބޭ ބިންކޮޅު ދޫކޮށްލުމުން ބަދަލުގައި އެޕްރޮގްރާމުން ފްލެޓާއި ގޯތި ލިބޭނެ ކަމަށް ލިއުން ދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށްވެސް ގޯއްޗާއި ފްލެޓް ނުލިބިވާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ލިޔެކިޔުންތައް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ލިބޭނެ ކަމަށް ލިޔުން ދީފައިވާ ފަރާތްތަކުން ލިޔެކިޔުންތައް ހުށަހަޅަން އެންގި މުއްދަތު ހަމަވެފައި ވަނީ ސަރުކާރު ބަންދު ކުރި މުއްދަތުގެ ތެރޭގައި ކަމަށްވާތީ އެ މުއްދަތު މިހާރު އިތުރު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރު ހުޅުވޭ ތާރީޚުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އެމުއްދަތު އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

މިގޮތުން މަޢުލޫމާތު ޙިއްސާކުރާ ފަރާތްތަކުން އައިޑީ ކާޑު ކޮޕީގެ އިތުރުން ފްލެޓް ދޭނެ ކަމަށް އެއްބަސްވެ ސަރުކާރުން ދީފައިވާ ލިޔެކިޔުންތަކާއި، ދޫކޮށްލަން އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ހައުސިން މިނިސްޓްރީން އަންގާފައިވެއެވެ.

ވެށިފަހި މާލެ ޕްރޮގްރާމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ފެށްޓެވި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ދަށުން މާލެ، ހުޅުމާލެ އަދި ގުޅީފަޅުން ފްލެޓް ދިނުމާއި ބިން ދޫކުރުން ކުރިއަށް ގެންދިޔައެވެ. އެ ފުލެޓް ތަކަށް އެދި 22000 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައި ވެއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމަށް ފަހު އެ ޕްރޮގްރާމް ހުއްޓާލައި، ރައީސް ޔާމީނުގެ ވެރިކަމުގައި ކުރިއަށް ގެންދިޔައީ ހިޔާ މަޝްރޫއަކާއި ގެދޮރުވެރިކުރުމުގެ ޕްރޮގްރާމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން