ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމް ދޫކޮށްލުމަށް ގޮވާލާ ރޭ ކުރިއަށް ގެންދިޔަ ހަރަކާތް ހުއްޓުވަން ހާލަތާއި ނުބައްދަލު ބާރު ބޭނުންކުރިކަމަށް ބުނެ އެ މައްސަލަ ތަހުގީގުކުރަން ކަމާއިބެހޭ ފަރާތްތަކަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

ޕީޕީއެމް ޕީއެންސީން ނެރުނު ބަޔާނެއްގައި ވަނީ ރޭ ކުރިއަށް ގެންދިޔަ ޙަރަކާތަށް ސަރުކާރުން ހުރަސް އަޅާ، ފުލުހުން މެދުވެރިކޮށް ޙަރަކާތުގެ ބައިވެރިންނަށް އަނިޔާވެރިވިކަމަށް ތުހުމަތުކޮށް, އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ބަޔާނުގައި ބުނީ ރޭ މާލޭގައި ކުރިއަށް ގެންދިޔަ ޙަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ އިތުރުން ޙަރަކާތުގެ ބައިވެރިންނާއި މެދު ވަރަށް އަނިޔާވެރިކޮށް ޢަމަލުކޮށްފައިވާކަމަށެވެ. އެގޮތުން ބައިވެރިންގެ ތެރެއަށާއި، ބައިވެރިންގެ ލޮލަށާއި އަނގައާއި ދިމާކޮށް ޕެޕަރ ސްޕްރޭ ޖެހުމާއި، ބައިވެރިންގެ ތެރެއިން މީހުން ހައްޔަރުކުރިއިރު، އެމީހުން ބިންމައްޗަށް ވައްޓާލާ އޮބިއެޅިކަމަށްވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.

"ސަރުކާރާއި ވާދަވެރިންގެ ހަރަކާތްތަކަށް ހުރަސް އަޅާ ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކުރުމުގެ ޢަމަލުތައް ކުރަމުން ގެންދާއިރު، ދާދި ފަހުން އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕެއިން ޙަރަކާތެއްގައި އިބްރާހީމް ރައީސް ވަނީ ޕީޕީއެމް ޕީއެންސީ ގެ ޙަރަކާތްތައް ހުއްޓުވައި އަޑު ކަނޑުވާލާނެ ފަދަ މޭރުމަކުން ވާހަކަ ދައްކަވާ އިންޒާރު ދެއްވާފައިވާކަން ފާހަގަ ކުރަން." ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކުރުމާއި، ރައްޔިތުންގެ ލޮލަށާއި އަނގަޔަށް ޕެޕަރ ސްޕްރޭ ޖެހުމުގެ މި ޢަމަލުތައް ބަލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ހިޔުމަން ރައިޓްސް ކޮމިޝަން ފަދަ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށެވެ. އަދި ޙަރާކާތުގެ ތެރެއިން ހައްޔަރުކޮށްފައިވާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށްވެސް ޕީޕީއެމް ޕީއެންސީ ބަޔާނުގައި ގޮވާލާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން