އަހުމަދު މަސްނޫމް   27 ޖެނުއަރީ 2023 - 17:55
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ހާއްސަކޮށްގެން ސަރުކާރުން ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަމަހުގެ 10 ވަނަ ދުވަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ޕިކްނިކް އައިލެންޑް ތަރައްޤީކޮށްފައިވަނީ މާލެ ކައިރި ކުޑަގިރި ފަޅުން 8 ހެކްޓަރު ހިއްކައިގެންނެވެ. އަދި ރަށާ އިންވެގެން 1.5 ހެކްޓަރުގެ ކުޑަ ފިނޮޅެއްވެސް ވަނީ ހަދާފައެވެ. މިއީ މާލެއިން ލޯންޗުގައި 10 ވަރަކަށް މިނެޓުން ދެވޭހާ ކައިރީގައި ހަދާފައިވާ ރަށެކެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ކުރިން ހުޅުވަން ނިންމާފައި އޮތީ މިދިޔަ އަހަރުގެ މިނިވަންދުވަހާއި ދިމާކޮށެވެ. ނަމަވެސް އެކަން ފަސްކުރީ އެތަން ފެހި ކުރުމުގެ އިތުރު މަސައްކަތްތައް ކުރިއަށްގެންދިއުމަށެވެ.

ހުޅުމާލޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އަންނަމަހު ކުޑަގިރި ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި އެތަން ހުޅުވާލާއިރު ތުރީ ސްޓަރ ފެންވަރުގެ ހިދުމަތްތަކެއް އެތަނުން ލިބޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެއްފަހަރާ 500-600އާއި ދެމެމެދުގެ މީހުންނަށް ޚިދުމަތް ދެވޭނެ." ނައިބު ރައީސް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަގިރި ހުޅުވާނީ އަންނަމަހުގެ 10 ވަނަ ދުވަހުއެވެ.

ކުޑަގިރި ތަރައްގީ ކޮށްފައިވަނީ ސަރުކާރުގެ ގިނަ ކުންފުނިތަކެއް ގުޅިގެން ކުރި މަސައްކަތުންނެވެ. އޭގެ ތެރޭގައި އެމްޓިސީސީ، އެޗްޑީސީ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން