އދ. ދަނގެތި ބަނދަރު ބޮޑުކޮށް، އިންޑަސްޓްރިއަލް ޒޯން އެތަނަށް ބަދަލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންއަށް އދ. ދަނގެއްޗަށް ވަޑައިގެން އެރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ރައީސް ސާލީހު ވިދާޅުވީ ދަނގެތި ދާއިރާގައި ހިމެނޭ ރަށްތަކަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން ހިންގަވާފައިވާކަމަށާއި އަދި ހިންގަވަމުން ގެންދަވާކަމަށެވެ. އަދި ރައްޔިތުންގެ އުއްމީދުތައް ފުރިހަމަ ކުރުމަށް ސަރުކާރު އޮތީ ތައްޔާރަށްކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ަރައީސް ސާލިހު ވިދާޅުވީ ދަނގެތި ދާއިރާގައި ހިމެނޭ ހުރިހާ ރަށެއްގެ ބަނދަރު ހެދުން އެކި ސްޓޭޓްތަކުގައި ކުރިއަށް އެބަދާކަމަށާއި ފެނާއި ނަރުދަމާ ގާއިމްކުރުންވެސް ކުރިއަށް އެބަދާކަމަށެވެ.

ރައީސް ވިދާޅުވީ ދަނގެތި ރައްޔިތުން އެދިފައިވާ ގޮތަށް ބަނދަރު ބޮޑުކުރާއިރު އެތަނަށް ރަށުގެ އިންޑަސްޓްރިއަލް ޒޯނު ބަދަލުކޮށްދެއްވާނެކަމަށެވެ.

"ދަނގެއްޗަކީ ވަރަށް މަސައްކަތްތެރި ބަޔަކު ދިރިއުޅޭ ރަށެއް. މިރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބަނދަރުގެ ދަތިކަން. ބަނދަރު ބޮޑުކޮށް ، އަދި އިންޑަސްޓްރިއަލް ޒޯން ބަނދަރު ބޮޑުކޮށް ބޭރުން ހިއްކާ ބަޔަކަށް ބަދަލުކުރަން ކައުންސިލުން އޮތީ ހުށަހަޅާފައި. މިއަހަރު ތެރޭގައި ބަނދަރު ބޮޑުކުރާއިރު ތިބޭފުޅުން ބޭނުންވާ ގޮތަށް އިންޑަސްޓްރިއަލް ޒޯނުން އެތަނަށް ބޭނުންވާ ބިން ބޮޑުކޮށް، އިންޑަސްޓްރިއަލް ޒޯން އެތަނަށް ބަދަލުކޮށްދޭނަން. އޭރުން މިހާރު އިންޑަސްޓްރިއަލް ޒޯން ހިންގާ ބިމުން ގޯތި ދޫކުރެވޭނެ ފުރުސަތު ލިބޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ވާހަކަފުޅުގައި ދަނގެތި ތަރައްގީގެ ޕްލޭންގައި ބިން ހިއްކުން އެބައޮތްކަން ފާހަގަކުރައްވަމުން، ރިޔާސީ އިންތިހާބުގައި އެ ރަށަށް ވަޑައިގެންނަވާއިރު ވައުދެއްގެ ގޮތުގައި އެކަން ކޮށްދެއްވާނެކަން އިއުލާންކުރައްވާނެ ކަމަށެވެ. އަދި ރަށުގައި މޫދަށް އެރޭ ސަރަހައްދެއް ގާއިމްކޮށްދެއްވާނެ ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު