ރާއްޖޭގައި އަލަށް އަމަލުކުރަން ފެށި ހެއްކާބެހޭ ޤާނޫނާއެކު އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ހެއްކާއި ބެހޭ ގާނޫނާއި ގުޅޭގޮތުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ޖިނާޢީ މައްސަލަތަކުގައި މީހެއްގެ މައްޗަށް ކުށެއް ސާބިތު ވާނީ އާއްމުކޮށް ކަމެއް ސާބިތުވާވަރަށްވުރެ މައްޗަށް އެކަމެއް ސާބިތުވެގެންކަމަށެވެ. އަދި އެ މިންވަރަށް ސާބިތުކުރަން ބޭނުންކުރާ އެއްޗަކީ ހެކިކަމަށާއި، މިހާތަނަށްވެސް މަސައްކަތްކުރަމުން އައީ އެ ހެކި ހުށަހަޅާނެގޮތުގެ ތަފްޞީލްތައް ނެތިކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެކި ކޯޓުތަކުން އެކިގޮތަށް ހެއްކާގުޅޭ އުޞޫލުތައް ކަނޑައަޅަމުންދިއުން ވެގެންދިޔައީ މުޅި ނިޒާމު ފުރިހަމަގޮތުގައި ކުރިއަށްގެންދިއުމަށް ކުރިމަތިވި ގޮންޖެހުމަކަށް ކަމަށެވެ.

"ހެކި ވަޒަންކުރާނެގޮތުގެ މިންގަނޑެއް އޭރަކުވެސް ނެތް. އެހެންވީމަ އެންމެ ބޮޑު ގޮންޖެހުމަކަށް އޭރުވެސްވީ އެ ހެކި ހޯދާނެގޮތާއި، ވަޒަންކުރާނެގޮތާއި، ބުރަދަންދޭނެ ގޮތެއް ނެތުން. އެގޮންޖެހުން އޭރުންސުރެ އޮތް،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ހެއްކާބެހޭ އައު ޤާނޫނާއެކު، ހެއްކާގުޅޭގޮތުން ޢަމަލުކުރަންޖެހޭ ތަފްޞީލީ އުޞޫލުތަކެއް ޤާނޫނަކުން ކަނޑައެޅިފައިވާކަމަށާއި މިއާއެކު ޝަރީޢަތްކުރުމާބެހޭ ނިޒާމު މުޅިންހެން ފުރިހަމަވެފައިވާކަމަށެވެ. ޝަމީމް ވިދާޅުވީ މީގެ ހެޔޮ ނަތީޖާވެސް ނިޒާމުގެ ތެރެއިން ފެނިގެންދާނެކަމަށެވެ. މީގެ އިތުރުން ހެއްކާބެހޭ ޤާނޫނާއެކު އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤު އޭގެ އެންމެ ފުރިހަމަ މާނައިގައި އެންމެ ފުރިހަމަގޮތުގައި ލިބިގެންދާކަންވެސް ޝަމީމް ފާހަގަކުރެއްވިއެެވެ.

ހެއްކާބެހޭ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު، މަޖިލީހުން ފާސްކޮށްފައިވާ ހެއްކާއިބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީގުކުރެއްވީ މިދިޔަ ޖޫން މަހުއެވެ.

ހެއްކާބެހޭ ޤާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުޞޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ ޢާންމު އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

ސަރުކާރުން ހުށަހަޅައިގެން މި ޤާނޫނު ފާސްކުރުމުގެ ބޭނުމަކީ، 1976 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ހެއްކާބެހޭ ޤާނޫނަކީ، ޒަމާނާއެއްގޮތަށް ބައްދަލުކޮށްފައިވާ ޤާނޫނަކަށް ނުވުމުން ހެއްކާބެހޭ ތަފްޞީލީ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން