އައްޑޫ ސިޓީގައި 10 މެގަވޮޓްގެ ފްލޯޓިން ސޯލަރ ހަރުކުރުމުގެ މަޝްރޫއެއް ފަށަން ތައްޔާރުވެއްޖެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މިއީ އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރެނިއުބަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއެއްކަމަށެވެ. އަދި އައްޑޫ ސިޓީގައި ޤާއިމްކުރާ ސޯލާ ނިޒާމަކީ މޫދު ސަރަޙައްދުގައި ޤާއިމްކުރާ ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިން ސޯލަރ ނިޒާމްްކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ތައްޔާރުވަމުން އަންނަނީ މި ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށުމަށެވެ.

މި މަޝްރޫގެ ދަށުން އައްޑޫ ސިޓީގައި 10 މެގަވޮޓްގެ ފްލޯޓިން ސޯލަރ ހަރުކުރުމަށް ވަނީ ނިންމާފައެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ ޕޯޓް ސަރަޙައްދުގައި 8 މެގަވޮޓާއި މަރަދޫ ބަނދަރު ސަރަހައްދުގައި ހަރުކުރާ 1 މެގަވޮޓު ސޯލާ ޕީވީއާއި ހުޅުދޫ މީދޫ މެދު ބަނދަރު ސަރަޙައްދުގައި ހަރުކުރާ 1 މެގަވޮޓް ސޯލާއެވެ.

އައްޑޫ ސިޓީގެ ރަށްތަކުގައި އެރައިސް އަދި އެސްޕަޔަރ މަޝްރޫޢުގެ ދަށުން ޖުމުލަ 13.31 މެގަވޮޓްގެ ސޯލާރ ހަރުކުރުމަށް ހަމަޖެހިފައިވާއިރު އެއީ އެއްގަމުގައި ހަރުކުރާ 2.28 މެގަވޮޓާއި މޫދުގައި ހަރުކުރާ ސޯލާރއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި ދެ މަޝްރޫއުގެ ސަބަބުން އައްޑޫ ސިޓީން އަހަރަކު ގާތްގަނޑަކަށް 46.8 މިލިއަން ރުފިޔާ ތެލަށްކުރާ ހޭދަ ކުޑަކުރެވޭނެކަމަށެވެ.

އެސްޕަޔަރ އަދި އެރައިސް މަޝްރޫއުއަކީ ރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކޮށް ރަށްތަކުގެ ކަރަންޓު ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ގޮތުން ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.



ކިޔުންތެރިންގެ ހިޔާލު