ދިވެހީންނަށް ހަމަޖެހިލައިގެން ދިރިއުޅުމުގެ ކަންކަމުގައި ވިސްނާލަން ލިބުނީ މި ވެރިކަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާކަން ހާމަކޮށް މިއަދު ޝަރީފް ވިދާޅުވީ، މި ގަރުނުގައި ސިޔާސީ ފިކުރުން އެއްކިބާވެ އާންމު ދިވެހީންނަށް ހަމަޖެހިލައިގެން ދިރިއުޅުމުގެ ކަންކަމާއި ވިސްނާލަން ލިބުނު ހަމައެކަނި ދުވަސްކޮޅަކީ ރައީސް ޞާލިޙްގެ މި ވެރިކަމުގެ ދުވަސްކޮޅު ކަމަށެވެ.

އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ކަންކަން މެނޭޖު ކުރެއްވި ގޮތަށް ތައުރީފު ކުރައްވަމުން ޝަރީފް ވިދާޅުވެފައިވަނީ، ކޮވިޑުގެ ތެރޭގައި ހަމައެކަނި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ގަންނަން މަތިންދާ ބޯޓު ފޮނުވައިގެން ކާއެއްޗެތި ގަތް ގައުމެއް މި ގައުމު ނޫނީ ނޯންނާނެ ކަމަށެވެ.



އެހެންކަމުން ހެޔޮ ވެރިކަމަކީ މިއީ ކަމަށާއި މިއީ އަޅާލާ އޯގާތެރި ވެރިކަމެއްކަމަށް ވިދާޅުވެ ރައީސް ޞާލިޙަށް ޕްރައިމަރީގައި ވޯޓު ދިނުމަށް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން ދަނީ އެ ދެބޭފުޅުންނަށް ތާއީދުކުރާކަން ހާމަކޮށް އަދި ތާއީދު ހޯދުމަށްވެސް ފޯރިފަދަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު