އަމާންކަމާއެކު ހެޔޮވެރިކަމެއް ކުރެވެނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަންކަމަށް "ރިއެކްޓް" ކުރައްވާތީކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދުﷲ މިހެން ވިދާޅުވީ ރައީސް ސާލިހަކީ ކަންކަމާއި އަޅާނުލައްވާ ނުވަތަ ރިއެކްޓް ނުކުރައްވާ ބޭފުޅެއްކަމަށް މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ސައުދު މިއަދު ވަނީ ކަންކަމާއި ރިއެކްޓް ކުރުމަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ. އަދި އެއީ ކަންތައްތައް ބޮޑުވެގެން ދިއުމުން މަގާމުން އިސްތިއުފާ ދެއްވުންތޯވެސް ސައުދު އައްސަވާފައިވެއެވެ.

"ރިއެކްޓް ކުރުމަކީ ކޮބައިތޯ؟ ރައްޔިތުން ވެރިކަން ދިނީމަ ކެބިނެޓް އިސްތިއުފާ ދީފަ ނޫނީ ރައީސް ކަމުގަ ހުރެގެން މުޒާހިރާއަށް ނުކުތުންތޯ؟ ނޫނީ މުޒާހިރާ ތެރެއަށް ގާ އުކަން ނުކުމެ، ޤައުމުގެ އަމާންކަން ބަލަހައްޓާ ޕޮލިސް އަދި އެމްއެންޑީއެފަށް ބެވުންތޯ؟" ސައުދު އެއްސެވިއެވެ.



ސައުދު ވިދާޅުވީ ރައީސް ސާލިހު ރިއެކްޓް ކުރައްވަންޖެހޭ ކަންކަމަށް ރިއެކްޓް ކުރައްވާކަމަށެވެ. އަދި އަމާންކަމާއެކު ހެޔޮވެރިކަމެއް ކުރެވެނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަންކަމަށް "ރިއެކްޓް" ކުރައްވާތީކަމަށްވެސް ސައުދު ވިދާޅުވިއެވެ.

"ރައީސް ސާލިހު ރިއެކްޓް ކުރައްވަންޖެހޭ ކަންތަކަށް ރިއެކްޓް ކުރަށްވާތީ އަމާން، އޮމާން ހެޔޮ ވެރިކަމެއްގެ ދައުރު ނިމިގެން މިދަނީ. އަމިއްލަޔަށް އިސްތިއުފާ ދިނުމަކީ އަދި ރިއެކްޓް މޮޅަށް ވީކަމަކަށް ދެކިގެން ނުވާނެ. ޤައުމުގެ ވެރިކަން 5އަހަރަށް މިދެނީ ރައްޔިތުންނަށް ފައިދާއާއި ލާބަޔަށް ވެރިކަން ކުރުމަށް." ސައުދު ވިދާޅުވިއެވެ.

ރައީސް ސާލިހަކީ ރިއެކްޓް ނުކުރައްވާ ބޭފުޅެއްކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން ސަރުކާރަށް ތާއީދުކުރާ ގިނަ ފަރާތްތަކަކުން ދަނީ އެކަމަށް ރައްދު ދެއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު