ޗައިނާގެ ފޮރިން މިނިސްޓަރުކަމަށް އަލަށް އައްޔަން ކުރެވުނު ކިން ގަންގއަށް، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަރުހަބާ ދަންނަވައިފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރުކަމަށް ކިން ގަންގ އައްޔަނު ކޮށްފައިވަނީ އިއްޔެއެވެ.

ޗައިނާގެ އައު ފޮރިން މިނިސްޓަރަށް މަރުހަބާ ދެންނެވުމަށް ކުރެއްވި ޓްވީޓުގައި ޝާހިދު ވިދާޅުވީ ޗައިނާގެ އާ ފޮރިން މިނިސްޓަރާއެކު ގާތުން މަސައްކަތްކުރައްވާނެކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރަކަށް އައްޔަން ކުރި ކިން ގަންގއަކީ ރައީސް ޝީ ޖިންޕިންގެ އަރިސް ބޭފުޅެކެވެ. ޗައިނާގެ ފޮރިން މިނިސްޓަރުކަމުގެ މަގާމުގައި މިދިޔަ 10 ވަރަކަށް އަހަރު ހުންނެވި ވަންގ ޔީ ވަނީ ޗައިނާގެ ކަންކަން ނިންމާ އެންމެ މަތީ އެއް މަޖިލިސްކަމަށްވާ ޕޮލިޓިބިއުރޯއަށް ޕްރޮމޯޓްކުރައްވާފައެވެ. އަދި އޭނާގެ ދައުރު ކުރިއަށް އޮތްތަނުގައި ހާރިޖީ ސިޔާސަތު ކަނޑައެޅުމުގައި އިތުރަށް ފުޅާވާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ޗައިނާގެ ހާރިޖީ ވަޒީރުކަމުގެ މަގާމަށް އަލަށް އައްޔަން ކުރި ކިން ގަންގއަކީ 2006 ވަނަ އަހަރުން ފެށިގެން ޗައިނާގެ ހާރިޖީ ވުޒާރާގައި އިސް މަގާމުތަކެއް އަދާކުރަމުންދާ ބޭފުޅެކެވެ. އަދި އެމަނިކުފާނު އެންމެފަހުން ހުންނެވީ ޗައިނާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ.



ކިޔުންތެރިންގެ ހިޔާލު