ހުޅުމާލޭގައި މުޅިން އާ ކޮންސެޕްޓަކަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ "ކޯލިވިންގ ހައުސިން" މަޝްރޫޢުގެ ދަށުން މާލެ ސަރަޙައްދުގައި ދިރިއުޅޭ ކިޔަވާ ކުދިން ތިބުމަށް ޚާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ރޯޓައިމް އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ބިންގާ އެޅުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ އިސްވެރިންނާއި މަޝްރޫއު ކުރިއަށްގެންދާ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



"ކޯ ޝެއަރ" ކޮންސެޕްޓަކީ ކޮޓަރި އާއި އަސާސީ ޚިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ ތަންތަން އެހެން މީހުންނާއި ހިއްސާކޮށްގެން ދިރިއުޅުމަށް ހަދާ ފްލެޓްޓަކެކެވެ. މިތަނުގައި ސިންގަލް އަދި ޓްވިން ޝެއަރ ކޮޓަރި ހެދުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެެއެވެ.

ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ފަރުމާ ކޮށްފައިވާ މިމަޝްރޫޢުގެ އެންމެ ބޮޑު މަގުސަދަކީ ގްރޭޓަރ މާލެ ރީޖަންގައި ދިރިއުޅޭ ކިޔަވާ ކުދިން، ނުވަތަ ބޮޑު އަގުދީގެން ތަންތަން ހިފައިގެން އުޅޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށް އެޗްޑީސީން ވިދާޅުވެއެވެ.



އެޗްޑީސީން ބުނީ މި މަޝްރޫގެ ސަބަބުން ބޮޑު އަގު ދީގެން މާލޭގައި ދިރިއުޅޭ ކިޔަވާ ކުދިންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށެވެ.

14 ފަންގިފިލާގެ މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ 16،934.07 އަކަފޫޓުގެ ބިމެއްގައެވެ. މި އިމާރާތުގައި އައުޓްޑޯ ޖިމް، ޕޭންޓްރީ އަދި ކޮންމެ ފަންގިފަލައެއްގައި އެންމެންނަށް ބޭނުންކުރެވޭނެ ބަދިގެއެއް ހިމެނޭނެއެވެ. މީގެއިތުރުންވެސް އެހެނިހެން ޒަރޫރީ އަދި އަސާސީ ބޭނުންތަކަށް ލޯންޑްރީ އާއި ފިހާރަ ފަދަ އެހެނިހެން ޚިދުމަތްތަކެއް މި ބިލްޑިންގއިން ލިބޭނެއެވެ.

އެޗް.ޑީ.ސީން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދެއްކިގޮތުގައި ކިޔެވުމަށާއި އާމްދަނީ ހޯދުމަށް މިސަރަހައްދުގައި ދިރި އުޅޭ ފަރާތްތަކުން އާންމު ގޮތެއްގައި ކުލީގެ ގޮތުގައި މަހަކު 5000 ރުފިޔާ ހޭދަކުރެއެވެ. މީގެތެރެއިން %56 އަށް ވުރެއް ގިނަ ފަރާތުން މިމަޝްރޫޢަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު