ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާއި ބައްދަލުކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާއި ބައްދަލުކުރުމުގެ އުސޫލު ކުރިން އޮންނަ ގޮތުން ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބެނީ އާއިލާގެ މަދު ބަޔަކަށެވެ. އެގޮތުން ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މީހުންނާ ބައްދަލު ކުރެވޭނީ އަނބިންނާއި ފިރިންނާއި ދަރިންނާއި ދަރިންގެ ދަރިންނާއި މައިންބަފައިންނާއި މާމަ އާއި ކާފަގެ އިތުރުން ދޮންބައްޕަ އާއި ދޮންމަންމަ އާއި އެއްބަނޑު އެއްބަފާ މީހުންނާއި ޝަރުއީ ބަދަލުވެރިންނަށް އެކަންޏެވެ.

ނަމަވެސް މި ގަވާއިދު މިހާރު ވަނީ އިސްލާހުކޮށްފައެވެ. އަދި ގެނެސްފައިވާ އިސްލާހުގެ ދަށުން ބޮޑުބޭބެ އާއި ބޮޑުދައިތަ އާއި އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންގެ ދަރިންނާއި ދޮން މާމަ އާއި ދޮން ކާފައާވެސް ބަންދުގައި ހުންނަ މީހާއާ ބައްދަލު ކުރެވޭނެއެވެ.

ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގައިވެސް އަމަލުކުރާ އުސޫލަަށް ބަދަލު ގެނެސްފައެވެ. އެގޮތުން، އާއިލީގެ ގޮތުން އެ ދަރަޖައިގެ މީހަކު މަރުވެއްޖެނަމަ، ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ބަންދުގައި ހުންނަ މީހާއަށް ލިބޭނެއެވެ.

މިއީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ބަންދުކުރުމުގެ އުސޫލަށްވާއިރު ހުކުމް ތަންފީޒުކުރާ މީހުންނާއި ރިމާންޑް ޖަލުތަކުގައި ތިބޭ މީހުންނަށް އޮންނަނީ ކަރެކްޝަންސް އިން ހަދާފައިވާ ގަވާއިދެކެވެ.



ކިޔުންތެރިންގެ ހިޔާލު