އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ އެޕާޓީއަށް ވެރިކަން ގެއްލުވާލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސައިން) މިރޭ ވިދާޅުވެއްޖެއެެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޓީމްގެ ފަރާތުން މިރޭ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި އެކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެމަނިކުފާނުގެ ބޭނުންފުޅަކީ ޒާތީ ހަސަދައިގައި ވެރިކަން ގެއްލުވާލުން ކަމަށް އަދުން ހުސައިން ތުހުމަތުކުރެއްވި އެވެ.

"އަނެއްކޮޅުގައި މަސައްކަތް ކުރާ ކެމްޕެއިން ޓީމްގެ ބޭނުމަކީ އެމްޑީޕީއަށް ވެރިކަން ގެއްލުވާލުން، އެމްޑީޕީއަށް ވެރިކަން ގެއްލުވާލަނީ ހަމައެކަނި ޒާތީ ހަސަދަ އާއި ވެރިކަމުގެ ދަހިވެތިކަމުގައި. އެމްޑީޕީގެ ލޮބުވެތި ރައްޔިތުން އެކަހަލަ ދަންތުރައެއްގައި ނުޖެހި ސާބިތުކަމާއެކު ރައީސް އިބްރާހިމް މުހައްމަަދު ސާލިހަށް ވޯޓް ދެއްވާ، ކާމިޔާބު ހޯދައިދެއްވުމަށް އަޅުގަނޑު ތި އެންމެ ބޭފުޅުންނަށް ދަންނަވާލަން،" އަނދުން ހުސެއިން ވިދާޅުވިއެވެ.

މީގެ އިތުރުން އަނދުން ހުސައިން ވިދާޅުވީ ރާއްޖެއަށް އެންމެ ހަލުވިކޮށް ތަރައްގީތައް ގެންނަނީ މި ސަރުކާރުން ކަމަށެވެ. އަދި ރައީސް ނަޝީދުގެ ކެމްޕޭން ޓީމުތަކުން އަތޮޅުތެރަށް ކުރާ ދަތުރުތަކުން ރާއްޖެއަށް އައިސްފައިވާ ތަރައްގީ ފެނިގެންދާނެ ކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ.

"ކުޅުދުއްފުށީގައި ފުލެޓް އަޅާ ނިންމައި ދީފައި ދެވަނަ ފަހަރަށް ފުލެޓް އަޅަމުންދަނީ، ލ. އަތޮޅުގައި ފުލެޓްބަރި އަޅަމުންދަނީ. ދިއްދޫއަށް އިހަށް ދުވަހު ގޮސްފައި މިއައީ، ދިއްދޫގައި ވެސް ފުރަަތަމަ އެޅި ފުލެޓްތައް ހަވާލުކޮށް ދެވަނަ ފަހަރަށް ފުލެޓް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށް އެދަނީ،" މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ބައެއް ތަފްސީލްތައް ހިއްސާކުރަށްވަމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުން މިއަދު ތިބީ "އުފަލުން ފޮޅިފައި ކަމަށެވެ." ރައީސް ސާލިހުގެ ފަސް އަހަރު ނިމޭއިރު ރާއްޖޭގައި ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ފަދަ އަސާސީ ހައްގުތައް ކަށަވަރުވެެގެންދާނެ ކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ. އަނދުން ހުސެއިން އިތުރަށް ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުވުމުގެ މައްސަލަ ހައްލު ކުރުމަށް 2500 ޓަނުގެ ތިން ބޯޓެއް ގެނެސްފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް މަސް ކިރޭނެ ގޮތް ސަރުކާރުން ހޯދައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއިދުކުރަނީ މުޅި ދިވެހިރާއްޖެއަށް ގެންނަ މި ބޮޑު ތަރައްގީން،" އަނދުން ހުސެއިން ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "ރިއެކްޓް ނުކުރައްވާ" ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ވެސް އަނދުން ހުސެއިން ވަނީ ރައްދު ދެއްވާފައެެވެ. އެގޮތުން ރައީސް ރިއެކްޓް ނުކުރައްވާ ކަމަށް ނަޝީދަށް ހީފުޅުވިޔަސް، އެ މަނިކުފާނު ސަރުކާރު ހިންގަވަނީ ވަރަށް ރަނގަޅަށް ކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު