މާލޭގެ މަގުތަކުން ކުނި ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލަށް ނުވަންޏާ، އެކަންކުރަން ވެމްކޯ އޮތީ ތައްޔާރަށްކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން މިހެން ބުނެފައި މިވަނީ މާލެ ސިޓީގެ މަގުތަކުން ކުނި ނެގުމުގެ މަސައްކަތާއި ހަވާލުވެ އޮތް ސިޓީ ކައުންސިލަށް އެކަން ނުކުރެވޭކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މާލެ ސިޓީގެ މަގުތަކުން ކުނި ނެގުމުގެ މަސައްކަތް މީގެކުރިން ސިޓީ ކައުންސިލުން ހަވާލުކޮށްފައި އޮތީ ވެމްކޯއާއެވެ. ނަމަވެސް ސިޓީ ކައުންސިލުން ވަނީ ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރަން ނިންމާފައެވެ. އަދި އެ މަސަކަތް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުރަމުންދަނީ ސިޓީ ކައުންސިލުންނެވެ.

ސިޓީ ކައުންސިލުން މަގުތައް ސާފުކުރުމުގެ މަސައްކަތާއި ހަވާލުވިނަމަވެސް މާލޭގެ މަގުތައް ސާފުކުރުން ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އީޕީއޭއިން ވަނީ ބަޔާނެއް ނެރެފައެވެ. އީޕީއޭއިން ބުނީ މާލޭގެ މަގުތަކަށް ކުނި ގިނަވެ އެކަމުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިވަމުން އަންނަކަމަށެވެ. އަދި ޤާނޫނީ ގޮތުން މާލޭގެ މަގުތައް ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތުން މާލެތެރެ ސާފުކުރުމުގެ މަސައްކަތް ލަސްނުކޮށް ކުރިއަށްގެންދިޔުމަށްވެސް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މާލޭގެ މަގުތަކުގައި ކުނި ގިނަވުމާއި ގުޅިގެން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖު ވިދާޅުވީ މާލޭގެ މަގުތަކުގައި ހުރި ކުނިތައް ނެގުމަކީ މިހާރު ވެމްކޯގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި މާލެތެރެ ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލަށް ނުކުރެވޭނަމަ ވެމްކޯއިން އެކަން ކުރަން ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ މިމަސައްކަތާއި ސިޓީ ކައުންސިލުން ހަވާލުވީއިރު އެ ފަރާތަށް ހީވެފައި އޮތީ އެއީ ވަރަށް ފަސޭހަ މަސައްކަތެއް ކަމަށެވެ. ނަމަވެސް އެކަމުގެ ބޮޑުކަން ސިޓީ ކައުންސިލަށް މިހާރު އެނގޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގައި މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގުތަކަށް ޖަމާކުރަނީ ވެމްކޯއަށް ފައިސާ ދައްކާފައިވާ ގޭބީސީތަކުން ނެރޭ ކުނިކަމަށެެވެ. އަދި ގޭބިސީތަކުން ޖަމާކުރާ ކުންޏަކީ ވެމްކޯއިން ނަގަން ޖެހޭނެ ކުންޏެއް ކަމަށާއި އެކަން ނުކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެެވެ.



ކިޔުންތެރިންގެ ހިޔާލު