ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އެއްވެ އުޅުމުގެ މިނިވަންކަމާގުޅޭ ގާނޫނަށް ގެނައި ހަރުކަށި ކަންކަން ދޫކޮށްލަން ގާނޫނު އިސްލާހު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ފާސްކޮށްދިނުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވުމާއި ގުޅިގެން ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އުޝާމް ފާޑުވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވަނީ، މާލޭގެ ވަކި ސަރަހައްދަކަށް އެކަނި އެއްވެވޭ ގޮތަށް ކުރީ ސަރުކާރުން ގާނޫނުގައި ހިމެނި ހިމެނުން އިސްލާހު ކުރުމަށް މަޖިލީހުގައި މިހާރުވެސް ބިލެއް އޮތްކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުން އެބިލު ފާސްކޮށްދީފިނަމަ އެ ބިލް ތަސްދީގު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސްގެ މި ވާހަކަފުޅާއި ގުޅިގެން އުޝާމް މިއަދު ވިދާޅުވީ، އެގޮތަށް އެ ވާހަކަ އެ ދައްކަވަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ކަމަށެވެ.

އަދި މިހާތަނަށް 19ވަނަ މަޖިލީހުގައި ކަންހިނގާފައި އޮތްގޮތަށް ބަލާއިރު މިސަރުކާރުން ބޭނުންވާ ކޮންމެކަމެއް ކޮންމެ ވަގުތެއްގައިވެސް ވަނީ ކޮށްފައި ކަމަށާއި އެއްވެއުޅުމުގެ ގާނޫނު ފާސްނުވެގެން އުޅެނީ މިސަރުކާރުން އެކަންކުރަން ބޭނުންނުވާތީ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރެވޭގޮތަށް ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން އެއްވުންތައް ބޭއްވެން އޮންނަނީ ދުރާލާ ފުލުހުންގެ ހުއްދަ ހޯދައިގެނެވެ. ވެރިކަމުގެ ދައުރުގެ ބޮޑުބައެއް ނިމުނުއިރު މިކަން ބަދަލު ނުކޮށް އަދިވެސް އޮތްއިރު އެ ބަދަލު ގެނައުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދެކެވެ.



ކިޔުންތެރިންގެ ހިޔާލު