ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމުގެ ފުރުސަތު އެންމެ ބޮޑީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި އެހެންކަމުން މިވަގުތު އެކަން ކުރެވޭނެ ކެންޑިޑޭޓަކީ އެމަނިކުފާނުކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.

އަދި ވެރިކަމަށް ވަޑައިގެންނެވުމަށް ރައްޔިތުންނަށް ވެވަޑައިގެން ވައުދުފުޅުތަކުގެ ތެރެއިން 50 އިންސައްތަ މިހާރުވަނީ ކަޑައްތު ކޮށްފައި ކަމަށާއި ރައްޔިތުންނަށް ވެވަޑައިގެން ވައުދުފުޅުތައް ފުއްދެވުމަށް ބޭނުންފުޅުވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ކޮށްދެއްވާ ކަންކަން ރައްޔިތުން ގަބޫލު ކުރާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޯލިޝަނެއްގެ ތެރެއިން ވެރިކަމުގެ ދެވަނަ ދައުރަކަށް ވަޑައިގެންނެވިދާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެމްޑީޕީގެ ޕްރައިމަރީގައި ވެސް އެ ޕާޓީން ހޮވާނީ ޕާޓީއަށް ވެރިކަން ހޯދައިދެވިދާނެ މީހެއްކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ޕްރައިމަރީ ކާމިޔާބު ވުމާއިއެކު ދެން މަސައްކަތް ފައްޓަވާނީ ކޯލިޝަނެއް ހެދުމުގެ މަސައްކަތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު