ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ފުވައްމުލަކު ސިޓީގައި އަޅާ ލެބޯޓަރީގެ ބިންގާ އަޅައިފިއެވެ.

ޤައުމީ ފެންވަރުގެ މި ލެބޯޓަރީގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ހަސަންއާއި، ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެންރީކޯ ގަވޭލިއާއާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ ރައީސް އިސްމާއިލް ރަފީޤްއެވެ. ލެބޯޓަރީގެ ބިންގާ އެޅުމުގެ އިތުރުން އެގްރިކަލްޗަރ މިނިސްޓްރީން ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާއިއެކު މިތަން އިމާރާތްކުރާ ބިމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްވެސް ރަސްމިއްޔާތެއް ބާއްވާފައެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ، މިއީ ރާއްޖޭގައި މިގޮތަށް އަޅާ ފުރަތަމަ ލެބްކަމަށާއި މިއީ ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ދިވެހި ސަރުކާރާއި، ޔޫއެންޑީޕީއާއި ގުޅިގެން ޔޫއެންޑީޕީން ތަންފީޒުކުރާ ”ޕްރޮޖެކްޓް ފޯރ ޑިވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ“ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ. އަދި މި ތަން ތަރައްގީކުރާނީ ރައްޔިތުން ބަލައިގަންނާނެ ފަދަ ގޮތަކަށް 4 ކަމަކަށް ހާއްސަ ލެބޯޓަރީއަކާއި އެކުގައިކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.



ލެބޯޓަރީގައި ކުރާ މަސައްކަތްތަކުގެ ތެރޭގައި ފަސް ތަހުލީލު ކުރުމާއި، ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، އަދި ގަސްތަކުގެ ޓިޝޫ ނަގައިގެން ކަލްޗަރކުރެވޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ، ލެބޯޓަރީ ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކުރާތާ 390 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެކަމަށެވެ.

މިތަނަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުންނެވެ.



ކިޔުންތެރިންގެ ހިޔާލު