ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން ކޯޓުގައި އިއްވި ނުކުތާތަކާއި، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހުރި ނުކުތާތައް މުޅިން ތަފާތު ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނޭ ގާނޫނީ ވަކީލް ޝިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނޭ ގާނޫނީ ވަކީލް ޝިޔާޒް މިއަދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ ދައުލަތުން ދައުވާއެއް ކުރީތީ އެ ދައުވާއަށް ހެކި ނުދެއްކުނަސް ސާބިތުވާ ކަމަށް ކަނޑައަޅަން ޖެހޭކަމަށް ޤާނޫނެއްގައި ލިޔެގެން އުޅުންފަދަ ހުކުމެއް ކަމަށެވެ.

އަދި ޙުކުމް ކުރުމުގެ ކުރިން އިއްވި ނުކުތާތަކާ ލިޔެފައިއޮތް ނުކުތާތައް މުޅިން ތަފާތު ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

"ލިޔެފައި ހުރި ނުުކުތާތަކަކީ ދައުލަތުން ހުލާސާ ބަޔާނުގައި ލިޔެފައިހުރި ބުހުތާނު ދޮގު ކަމަށްވާތީ ރައްޔިތުންނަށް އަޑުއިވޭ ވަރަށް ކިޔާން ނުކެރުނީ ކަމަށް ބެލެވެއެވެ." ޝިޔާޒް ވިދާޅުވިއެެވެ.

ޝިޔާޒް ވިދާޅުވީ އިސްތިއުނާފް މަރުޙަލާ އަށް ހުށަހެޅުމަށް ފޯމު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.



ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑްރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ރިޝްވަތު ގަބޫލުކުރިކަން ސާބިތުވާތީ ޔާމީނަށް އިއްވި 4 އަހަރުގެ ޖަލު ހުކުމާއި އަދި މަނީލޯންޑްރިންގެ ކުށް ސާބިތުވާތީ ޔާމީނަށް އިއްވި 7 އަހަރުގެ ޖަލު ހުކުމެކެވެެ. އެމައްސަލައިގައި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްދުވަސްތޭރޭގައި ދެއްކުމަށް ހުކުމްގައި ވަނީ ރައީސް ޔާމިނަށް އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު