ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ވައްކަންތައް ކުރަމުންދިޔައިރު އެ ކުރަނީ ވައްކަމޭ އެތައްބަޔަކު ބުނަމުން ދިޔަކަމަށާއި ނަމަވެސް، އޭރު އެމަނިކުފާނު ވިދާޅުވީ އެއީ ހާލިދުބުން ވަލީދުފަދަ ބޭފުޅެކޭކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑަރ ކުރުމުގެ ކުށުގައި އާދިއްތަ ދުވަހު ރައީސް ޔާމީންވަނީ 11 އަހަރުގެ ޖަލުހުކުމެއް އިއްވާ ޖަލަށް ލާފައެވެ. އެ ހުކުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނަމުންދަނީ އެއީ ހަރާމް ހުކުމެއް ކަމަށާއި މުޅި ހުކުމް ބިނާވެފައިވާ ހެކިބަސް ނަގާފައިވަނީ ފާސިގުންގެ ކިބައިންކަމަށެވެ. އެއީ އަދީބާއި ޒިޔަތުގެ ވާހަކައެވެ.

އިޔާޒު އެވިދާޅުވާ ޚާލިދު ބުނު ވަލީދުގެ ވާހަކައަކީ ރައީސް ޔާމިންގެ ވެރިކަމުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ބެހޭގޮތުން ޝަކުވާ ކުރުމުން ދެއްވި ޖަވާބު ކަމަށް އެނގިފައި ވެއެވެ.

މި މައުޟޫއުގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވަނީ އިޔާޒަށް ސުވާލެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ފާސިގުންގެ ހެކިބަހަށް ހުކުމް ކުރެވޭނެތޯ ސުވާލު ކުރުމުން ރައްދުގައި އިޔާޒު ވެސް ކުރެއްވީ ސުވާލެކެވެ.،

އިޔާޒު ވިދާޅުވީ ޖަރީމާ ހިންގާފައިވަނީ ފާސިގުން ތަކެއްކަމަށްވެފައި، އެ ހާދިސާއެއް ހިނގި ވަގުތު އެހެން ބަޔަކު ނެތްނަމަ، ހެކި ނެތޭ ބުނެ މުޖްރިމުން މިނިވަންވާންޖެހޭ އުސޫލެއް ނޯންނަކަމަށެވެ.

"އޭރުވެސް މިހާރުވެސް އެތައް ބަޔަކު ބުނެފައިވަނީ ތިޔަ ކުރަނީ ވައްކަމޭ. އެކަމު އޭރު ބުނީ ޚާލިދު ބިން ވަލީދޭ، އޭޓީއެމް އޭ، ޒާތީ ވަނީއްޔޭ، އޭނާ ވައްކަން ކުރިޔަސް ތިޔަބައިމީހުންނަށް ކޮން ގެއްލުމެއްހޭ؟ 500% އިތުބާރު ކުރަމޭ. އޭރު އެމީހަކާ ނުލާ އެއްކަމެއްވެސް ނުވޭ، އެމީހަކާ އެކު ސެލްފީ ނުނެގިގެން ތެޅިފޮޅޭ، ކޭކު ފަޅާފައި އަނގައިގާ ލަވާ، އެންމެންގެ "ބުރޯ" ނިކަމެތިވީމާ "ފާސިޤު" ކޮންކަހަލަ ހަމައެއްތޯ؟" އިޔާޒު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ޖަލުހުކުމް ތަންފީޒު ކުރަން ފަށާފައިވާއިރު އެމަނިކުފާނު މިވަގުތު ހުންނެވީ މާފުށީ ޖަލުގައެވެ. އެނގިފައިވާ ގޮތުގައި ޔާމީން ހުންނެވީ ޖަލުގައި ހުންނަ ވީއައިޕީ ރޫމްގައެވެ.



ކިޔުންތެރިންގެ ހިޔާލު