ވަކި މީހަކު ބޭނުންވާގޮތަށް ކަންކަން ކުރުމަކީ ކަންކަން ރަނގަޅު ކުރުން ނޫންކަމަށް ވިދާޅުވެ ދުވާފަރު ދާއިރާގެ މަޖިލިސް މެންބަރު އިސްމާޢީލް އަޙްމަދު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ނިންމުން ދިފާއު ކުރައްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކަންކަން ކުރިއަށްގެންދަން ނަގާ އިންތިހާބާބެހޭ ކޮމެޓީއެއް ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން ވަނީ ހޮވާފައެވެ. އެ ކޮމެޓީ ފާސްކޮށްފައިވަނީ ގައުމީ މަޖިލީހުގައި ހިމެނޭ ރައީސް ޞާލިޙްގެ ފެކްޝަންގެ ބޭފުޅުން ހުށަހެޅުއްވި ގޮތަށެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން އެދުނީ އެ ފެކްޝަނުން އެދޭ ދެ މެންބަރަކު ކޮމެޓީގައި ހިމަނައިދިނުމަށެވެ. އަދި އިތުރު ދެ މެންބަރަކު ރައީސް ޞާލިޙްގެ ފެކްޝަނުން ނެގުމަށާއި ދެން ނަގާ ފަސްވަނަ މެންބަރުގެ ގޮތުގައި ދެފަރާތުން އެއްބަސްވާ މީހަކު ނެގުމަށެވެ.

ނަމަވެސް، ރިޔާސަތުގައި އިންނެވި ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވީ، ކޮމެޓީއެއްގެގޮތުގައި ނަން ހުށަހަޅުއްވާނަމަ އެ ހުށަހެޅުމެއްގައި މަދުވެގެން 5 މެންބަރުންގެ ނަން ހިމެނެން ވާނެކަމަށެވެ. އެކަމަށް ގަބޫލު ނުވެވި ރައީސް ނަޝީދުގެ ފެކްޝަނުން ވަނީ ވޯޓަށް އެހުމުގެ ކުރިން ޖަލްސާ ދޫކޮށް ވަޑައިގެންފައެވެ.

ނަޝީދުގެ ފެކްޝަނުން މައިގަނޑުގޮތެއްގައި ބުނަމުންދިޔައީ، އެންމެ އިންސާފުވެރިވާނީ އިންތިހާބާއިބެހޭ ކޮމެޓީގައި ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް މެންބަރުން ތިބުންކަމަށެވެ. އަދި މިނިވަން އެއް މެންބަރު އިނުމަށެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި އެ ފެކްޝަނުން ބުނީ، އިންސާފުވެރިކަމާއެކު އިންތިހާބު ގެންދެވޭނީ އެގޮތަށް ކަންކަން ކޮށްގެން ކަމަށެވެ.

ރޭގެ އެ ނިންމުމާއި ގުޅިގެން ނަޝީދު ފެކްޝަނުން ދަނީ އެފަދަ ކުޑަ ހުށަހެޅުމަކަށްވެސް ގައުމީ މަޖިލީހާއި ޕާޓީގައި މިހާރު ފުރުސަތު ނެތްކަމަށް ބުނަމުންނެވެ. އެ ފާޑުކިޔުންތަކާއި ގުޅިގެން އިސްމާޢީލް އަޙްމަދު މިއަދު ވިދާޅުވީ، ވަކިމީހަކު އެދޭގޮތަށް ވަކި މީހަކަށްޓަކައި ކަންކަން ކުރަން އުޅުމަކީ ކަމެއް ރަނގަޅުކުރަން އުޅުންކަމަށް ދެއްކުމަކީ ދެރަކަމެއް ކަމަށެވެ.

އަދި ވަކި މީހަކަށްޓަކައި ކުރިން ކަންކަން ކުރަމުންއައި ގޮތާއި އަދި ކަންކުރަން ލިޔެވިފައި އޮތް ހަމަ ދޫކޮށްލަންޖެހޭކަމަށް ދެކުމަކީ މާބޮޑު ދެރަކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު