ތިލަފުށި ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ތިލަފުށި ފަޅު ހިއްކައި، ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރިޔަށްގެންދަން ނިންމާފައިވާ ބޮޑު މަޝްރޫއުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުވާލީ އޭޕްރީލްމަހުއެވެ.

ތިލަފުށީގެ ބެލެނިވެރި ކުންފުނީ، އެޗްޑީސީން ބުނީ ތިލަފުށި ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ވެފައިވާކަމަށެވެ. އެގޮތުން މި ޑިސެމްބަރުމަހުގެ ތެރޭގައި ކޮންޓްރެކްޓަރާއި މަސައްކަތް ހަވާލުކޮށް، 2023ވަނަ އަހަރުގެ ޖެނުއަރީ މަހު ބިން ހިއްކަން ފަށަން ތައްޔާރުވެފައިވާކަމަށް އެޗްޑީސީ ބުނެއެވެ.

އެޗްޑީސީން ބުނީ ތިލަފުށި ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ހާބަރ ކުންފުންޏާކަމަށެވެ.

ތިލަފުށި ހިމެނޭ ތިލަފަޅު ހިއްކަނީ 3ބަޔަކަށް ބަހާލާއިގެންކަމަށްވާއިރު ފުރަތަަމަ ބައިގައި 40ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ. އެޗްޑީސީން ބުނީ ފުރަތަމަ ބައިގެ ބިން، ކުރިއަށް އޮތް 12މަސް ތެރޭގައި ހިއްކާ އެ ބިންތައް ދޫކުރުމަށް ޕްލޭންކޮށްފައިވާކަމަށެވެ.

ކުރިޔަށްގެންދާ މަޝްރޫއަކީ އެ ރަށުގެ 150 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ކުރިޔަށް ގެންދާ މަޝްރޫއެއްކަމަށާއި، އެ މަޝްރޫއު ނިމުމުން ތިިލަފުށީގެ ސައިޒު ދެގުނައަށް ބޮޑުވާނެކަމަށް އެޗްޑީސީން ބުނެއެވެ.

ތިލަފުށިން އަލަށް ހިއްކާ 150 ހެކްޓަރުގެ %60 ބޭނުންކުރާނީ ވިޔަފާރިތަކަށް ބިން ދޫކުރުމަށެވެ. އަދި ބާކީ ބަޔަކީ މަގުތަކާއި އާއްމު އެކިއެކި ޚިދުމަތްތަކާއި ގުޅޭ އިންފްރާސްޓްރަކްޗަރއެވެ.

ތިލަފުށީގައި އަލަށް ހިއްކާ ސަރަހައްދުތައް އެޗްޑީސީން ތަރައްގީކުރަނީ ޖުމްލަ ހަ ސަރަހައްދަކަށް ބަހާލައިގެންކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މެދު ސައިޒުގެ އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ވަކި ސަރަހައްދެއް ކަނޑައަޅާނެއެވެ. އަދި ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށްވެސް އަލަށް ބިން ހިއްކާ ސަރަހައްުދުން ބޮޑު ބިމެއް ވަނީ ހާއްސަކޮށްފައެވެ. އޭގެ އިތުރުން ވެސް އެކި މަސައްކަތްތަކަށް ބިންތައް ހާއްސަ ކުރާނެކަމަށް އެޗްޑީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު