އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކަންކަން އިންތިޒާމް ކުރުމަށް ނެގި ކޮމިޓީގައި ކެނޑިޑޭޓުން ބޭނުންވާ ފަރާތްތައް ނެތިގެން މައްސަލަ ޖައްސާ ބޭފުޅުންނަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް 5 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފައެވެ. އެކޮމިޓީއަކީ ރައީސް ސާލިހަށް ތާއީދުކުރާ މެމްބަރުން ހުށަހަޅުއްވައި ތާއީދު ލިބުނު ކޮމިޓީއެކެވެ.

ގައުމީ މަޖިލީހުގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ރޭ ވަނީ ވޯޓަށް އަހަން ފެށި ހިސާބުން ބައްދަލުވުމުން ވަޑައިގެންފައެވެ. އެ ބޭފުޅުންގެ ޝަކުވާއަކަށްވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅާ ނަންތައް އިންތިޚާބު ކޮމިޓީގައި ނުހިމެނުމެވެ.



ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރެއްކަމުގައިވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ އިންތިޚާބީ ކޮމެޓީ އެކުލަވާލުމުގައި 2 ކެންޑިޓޭޓުންނަށް ހަމަހަމަކޮށްލުން ފަދަ އެންމެ ކުޑަ މިންވަރު ދިނުމަށް ވެސް އިންކާރުކުރިކަމަށް ބުނެ ފާޑު ވިދާޅުވެފައެވެ.



އިންތިގެ ވާހަކަތަކަށް ރައްދު ދެއްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. އެގޮތުން އިންތިޚާބު ކޮމިޓީއަކީ ކެނޑިޑޭޓުން ނަގާ އެއްޗެއްތޯ ނުވަތަ ގައުމީ މަޖިލީހުން ނަގާ އެއްޗެއްތޯ ވިދާޅުވެ ރޮޒައިނާ ވަނީ އިންތިއާ ސުވާލު ކުރިމަތިކުރުވާފައެވެ.

"15 ކެނޑިޑޭޓުން ތިބިނަމަ އެކަކު ހުށައަޅާ މީހެއްގެ ބޮލާ އަނެއްމީހާ ހުށައަޅާ މީހެއްގެ ފަޔާ ލައިގެންތޯ 5 މީހުން ހަމަކުރާނީ؟ ކެނޑިޑޭޓުން އިންތިހާބު ކޮމިޓީ ހޮވުމަކީ ކޮން ޑިމޮކްރަސީއެއްގަ ކުރާކަމެއްތޯ؟ ގައުމީ މަޖިލީހުން ކުރަންވީ ކޮންކަމެއްތޯދެން؟" ރޮޒައިނާ ވިދާޅުވިއެވެ.



އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭ ބައްދަލުވުމުގައި ރިޔާސީ ޕްރައިމަރީގެ އިންތިހާބު ކޮމިޓީއަށް މެމްބަރުން ހޮވާފައިވާއިރު ދެން އޮންނަނީ ކެނޑިޑޭޓުންގެ ނަންތައް އިއުލާންކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު