އަހުމަދު މަސްނޫމް   27 ޑިސެމްބަރު 2022 - 9:32
2023 ވަނަ އަހަރަށް ސްޓެލްކޯއިން ހުށަހަޅާފައިވާ ބަޖެޓަކީ އަރަނި ބަޖެޓެއްކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ސްޓެލްކޯގެ ބަޖެޓް ހުށަހަޅާފައިވަނީ އިއްޔެ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ.

ސްޓެލްކޯގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވަނީ ވޭތުވެދިޔަ އަހަރު އެ ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި، ކުންފުނީގެ މާލީ ހިސާބުތައް އަދި ކުންފުނީގެ ކުރިމަގާއި މެދު މަޝްވަރާކޮށްފައެވެ.

ސްޓެލްކޯއިން ބުނީ ދުނިޔެއަށް ދިމާވި، ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުން އައި އިރު، އަދި ދުނިޔެއާއި، ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއި، ދިމާވި އެކި ގޮންޖެހުންތަކާއި އެކުވެސް، ކުންފުނީގެ މާލީ ހާލަތު ދެމެހެއްޓިފައިވާކަމަށެވެ. މީގެއިތުރުން ކޮވިޑްގެ ދަތި ހާލުގައި އެކި ވަރުގެ އެހީތެރިކަން ކުންފުނީގެ ފަރާތުން ސަރުކާރާއި، ރައްޔިތުންނަށް ފޯރުވައިދީފައިވެއެވެ.



އަހަރީ އާއްމު ޖަލްސާގައި 2023 ވަނަ އަހަރަށް ކުންފުނިން ލަފާ ކުރާ ބަޖެޓް ހުށަހަޅާފައިވާއިރު މިއީ ސާރޕްލަސް ބަޖެޓެއްކަން ފާހަގަކޮށްލެވެއެވެ.

ސްޓެލްކޯއިން ބުނީ ކުންފުނީގެ މިހާރުގެ އަމާޒަކީ ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމަށާއި، ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރުންކަމަށެވެ.

ކުންފުނީގެ ވިޔަފާރި ފުޅާކޮށް، ސޭލްސް ސެންޓަރާއި، ސާވިސް ސެންޓަރުގެ ވިޔަފާރި އިތުރަށް ތަރައްގީކޮށް، އިތުރު ވިޔަފާރިތައް ތައާރަފުކޮށް، އޭގެން ލިބޭ ނަފާއިން ކަރަންޓުގެ ޓެރިފްތައް ކުޑަކުރުމަށްވެސް ސްޓެލްކޯއިން އިސްކަންދޭނެއެވެ. އަދި ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ސިކްސްތް ޕަވަރ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ ގޮތުގައި 70 މެގަވޮޓްގެ ޕަވަރޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާކަމަށްވެސް އަހަރީ އާއްމު ޖަލްސާގައި ވަނީ އިއުލާންކޮށްފައެވެ.

އަހަރީ އާއްމު ޖަލްސާގައި ވަނީ ކުންފުނީގެ އެކްސްޓާރނަލް އޮޑިޓަރުގެ ގޮތުގައި، ކްރޯ މޯލްޑިވްސް ހަމަޖެއްސުމަށްވެސް ނިންމާފައެވެ. އަދި އެނާރޖީ މެނޭޖްމަންޓް ސިސްޓަމްއެއްގެ މަސައްކަތް ފިންލޭންޑްގެ ވާރޓްސިލާއާއި ގުޅިގެން ކުރަމުންދާ ކަމަށާއި، މި ސިސްޓަމް ގާއިމް ކުރެވުމާއި އެކު، ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަ ކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ ސްޓެލްކޯގެ މަސައްކަތްތަކުގައި ސަރުކާރުން އަދި ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ އެއްބާރުލުން ފާހަގަކޮށް، ޝުކުރު އަދާކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު