މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބީ ކޮމިޓީ މެމްބަރުން މިރޭ ހޮވައިފިއެވެ.

އެމްޑީޕީގެ އިންތިޚާބާބެހޭ ކޮމެޓީއަށް މެމްބަރުން އިންތިޚާބު ކޮށްފައިވަނީ ތާޖުއްދީނު ސުކޫލުގައި މިރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ރައީސް ނަޝީދު ފެކްޝަންގެ މެމްބަރުން ގައުމީ މަޖިލީހަށް ހުށައެޅީ އެ ކޮމިޓީއަށް އެ ފެކްޝަނުން ދެ ބޭފުޅަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެކްޝަނުން ދެ ބޭފުޅަކު ހިމަނައިގެން ދެ ފެކްޝަނުން އެއްބަސްވާ އެއް ނަމެއް އެ ކޮމިޓީއަށް އައްޔަން ކުރަން ގައުމީ މަޖިލީހަށް ހުށައެޅުމަށެވެ. އެހެން ނަަމަވެސް އަަސާސީ ގަވާއިދާ ޚިލާފު ކަމަށް ބުނެ ރައީސް ސޯލިހް ފެކްޝަނުން ވަނީ އެހުށައެޅުމާއި ދެކޮޅު ހަދާފައެވެ. ރައީސް ސޯލިހްގެ ފެކްޝަނުން ވަނީ ފަސް ނަމެއް ގައުމީ މަޖިލިހަށް ހުށަހަޅައިފައެވެ.

އިންތިޚާބާއި ބެހޭކޮމެޓީ އެކުލަވާލުމުގައި ހޫނު ބަހުސްތަކެއް ދެ ފެކްޝަންގެ މެމްބަރުންގެ މެދުގައި ވަނީ ހިނގާފައެވެ.

ވޯޓު ގަޑީގައި ވަކިވަކިން ނަންތަކަށް ވޯޓަށް އަހަން ފެނޭތޯ ގައުމީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ވޯޓް ނެގި ނަމަވެސް ގައުމީ މަޖިލިހުގެ ތާއީދު އެ ހުށަހެޅުމަށް ތާއިދު ލިބިފައެއް ނުވެއެވެ.

އެ ހުށައެޅުމަށް ތާއިދު ނުލިބުމުން ރައީސް ނަޝީދު ފެކްޝަންގެ މެމްބަރުން ވަނީ ގައުމީ މަޖިލީހުގެ ޖަލްސާ ދޫކުރަށްވައި ނުކުމެވަޑައިގެންފައެވެ.

ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ރައީސް ސޯލިހް ފެކްޝަނުން ހުށައެޅި ފަސް ނަމަށް ވޯޓަށް އަހައި، އެ ނަންތައް ފާސްވެފައިވާކަން އިއުލާންކުރަށްވާފައެވެ.

އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމެޓީއަށް ހޮވާފައިވާ ފަސްބޭފުޅުންނަކީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި، އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބުދުއްސައްތާރާއި މަތިއުތުރު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީނާއި އަދި އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ ކުރީގެ މުގައްރިރު އަހުމަދު އަބްދުﷲ އަފީފާއި ކެނދިކުޅުދޫ ދާއިރާގެ ރައީސް މުހައްމަދު އީމާނެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.



ކިޔުންތެރިންގެ ހިޔާލު